އައިއޯއައިޖީ

އައިއޯއައިޖީ 2027 ގެ ބިޑް ރާއްޖެއަށް ލިބޭނެ: މަރޭ

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 2027 ގެ އެޑިޝަން ހޯސްޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ޖެނަރަލް ސެކެޓްރީ އަހްމަދު މަރުޒޫގް ވިދާޅުވެއްޖެ އެވެ.

ތިން އަހަރު ފަހަުން ބާއްވަން ތާވަލު ކޮށްފައިވާ 2023 ގެ ގޭމްސް ހޯސްޓް ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ ރާއްޖެއަށެވެ. ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި ހާލަތަުގެ ސަބަބުން ގޭމްސް ފަސް ކުރުމަށް ރާއްޖެއިން ހުށަހެޅުމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ކައުންސިލް (ކީގް) ގައި މަޑަގަސްކަރަ އިން 2023 ގެ ގޭމްސް ބޭއްވިދާނެ ކަމަށް ހުށަހެޅުމުން ގޭމްސްގެ ކައުންސިލުން ފާސް ކުރީ ގޭމްސް ބިޑު މަޑަގަސްކަރަށް ދިނުމަށެވެ. މިދިޔަ އަހަރު ގޭމްސްއަށް ރާއްޖެއިން ބިޑް ކުރިއިރު ރާއްޖެއާ އެންމެ ބޮޑަށް ވާދަ ކުރީވެސް މަޑަގަސްކަރަ އިންނެވެ.

އިއްޔަ އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން މަރުޒޫގް ވިދާޅުވީ 2027 ގެ ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ފެބްރުއަރީ 17 ގައި މަޑަގަސްކަރައިގައި ބާއްވާ ކީގްގެ ބައްދަލު ވުމުގައި އެކަން އެޖެންޑާ ކުރުމަށް ރާއްޖެއިން މިހާރު ހުށަހަޅާފައި ވާނެ ކަމަށް ވިދާޅުވި އެވެ.

"އެދުވަހު ހުށަހެޅުނު 2027 (ގެ ގޭމްސް) އަޅުގަނޑުމެންނަށް [ރާއްޖެ އަށް] ދޭން،" މި މަހު ހައެއްގައި ބޭއްވި ކީގްގެ ބައްދަލުވުމަށް އިޝާރާތް ކޮށް މަރުޒޫގް ވިދާޅުވި އެވެ. "އެހެންނަމަވެސް އެ މީޓިން އަކީ އެކަމަށް އޮތް މީޓީންއެއް ނޫން ކަމަށް ރިޔާސަތުން ނިންމީ. ފެބްރުއަރީ 17 ގައި މަޑަގަސްކަރައިގައި އޮންނަ މީޓިންގައި އެކަން އެޖެންޑާ ކުރުމަށް އަޅުގަނޑުމެން ވާނީ މިހާރު ހުށަހަޅާފަ."

މަރުޒޫގް ވިދާޅުވީ 2023 ގެ ގޭމްސް އާ މެދު ގޮތެއް ނިންމުމަށް އޮލިމްޕިކް ކޮމިޓީ އާއި އެސޯސިއޭޝަންތަކުން މަޝްވަރާ ދިންނަމަވެސް 2025 އަށް ގޭމްސް ފަސް ކުރުމަށް ހުށަހެޅުމަށް ނިންމީ ކެބިނެޓުން ކަމަށެވެ.

"ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ގޭމްސްއެއް ބާއްވަންޏާ މެއިން ފައިނޭންސާއަކީ ސަރުކާރު ސަރުކާރުން އޮންބޯޑު ނުވެއެއް ކޮންމެ ގޮތެއްވިޔަސް ނުވާނެ... އަޅުގަނޑުމެންނާ ވެސް ވާހަކަ ދެއްކި އަޅުގަނޑުމެން އަޅުގަނޑުމެންގެ ފިކުރާ ހިޔާލުވެސް ދިނިން އެހެންނަމަވެސް ސަރުކާރުން ކުރިއަށް ނުގެންދެވޭނެ ކަމަށް ބަލައި ކެބިނެޓުން ނިންމީ 2025 ވަނަ އަހަރުގެ ކުރިން ނުބޭއްވޭނެ ކަމަށް."

މަރުޒޫގް ވިދާޅުވީ އައިއޯއަިޖީ މެންބަރު ބައެއް ގައުމުތަކަކީ އެ ގޭމްސް ފިޔަވައި އެހެން ކުޅިވަރު ގޭމްސްތަކުގައި ވާދަ ކުރަން ފުރުސަތު ލިބޭ ގައުމުތަކެއް ނޫން ކަމަށެވެ. އެހެންވެ އެ ގައުމުތަކުގެ އެތުލީޓުން ހަ އަހަރު ވަްނދެން ގޭމްސްއެއްގައި ވާދަ ނުކުރެވޭނެ ގޮތަށް ވާން އެ ގައުމުތަކުން ބޭނުން ނުވީ ކަމަށެވެ.

"އައިއޯއައިޖީ އަކީ އެމީހުންގެ އެތުލީޓުންނަށް އަންނަ ހަމައެކަނި އީދު، އެ ގައުމުތަކުން ބޭނުން ނުވީ އެ ގައުމުގެ އެތުލީޓުން ހަ އަހަރު ވަންދެން ގޭމްސްއެއްގައި ވާދަ ނުކޮށް ތިބެން. އެހެންވެ މަޑަގަސްކަރައިން ހުށަހެޅީމަ އެ ގައުމުތަކުން ވޯޓް ދީގެން ފާސް ކުރީ ގޭމްސް މަޑަގަސްކަރަ އަށް ބަދަލު ކުރަން."