ހަބަރު

ފުރަތަމަ ހަމަސް: އެސްޓީއޯއަށް 4.7 ބިލިއަން ރުފިޔާ

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެސްޓީއޯއަށް 4.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯގެ މިއަހަރުގެ ދެވަނަ ކްއާޓާގެ ހިސާބުތައް އާންމުކޮށްފައިވާއިރު، އެ ހިސާބުތަކުގުވާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ކުންފުނީގެ ޖުމްލަ އާމްދަނީ އަކީ 4.7 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު 286 މިލިއަން ރުފިޔާގެ ކުރިއެރުމެއް ކަމަށް ރިޕޯޓުގައި ވެއެވެ.

ކުންފުނީގެ ޖުމްލަ އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަކީ އެ ކުންފުނިން ވިއްކި ތެލާއި އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ. ވިއްކި ތެލުގެ އަދަދު ވަނީ 2018 ވަނަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 7.5 އިންސައްތަ އިތުރުވެފަ އެވެ.

މި އަހަރުގެ ދެވަނަ ކްއާޓަރގެ އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 2.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީ ކްއާޓަރާއި އަޅާބަލާއިރު އެއީ 38 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. ނަމަވެސް، އެސްޓީއޯއިން ބުނީ އެކުއާޓާ ވެގެން ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ވަރަށް ހަލުވި ކަމާއިއެކު ބަދަލުތަކެއް އައި ކުއާޓާއަކަށް ކަމަށާއި، ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިގުތިސާދަށް ކުރާ އަސަރު ކުޑަކުރުމަށް އެކުންފުނިން ވަރަށް ގިނަ މަސައްކަތް ކުރިކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވެގެން ދިޔަ މިންވަރަށް އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގު އެ ނިސްބަތުން ބޮޑުކޮށްފައި ނުވުމާއި އަދި އެޑްމިނިސްޓްރޭޓިވް ހަރަދު އިތުރުވުމުގެ ސަބަބުން، އެސްޓީއޯއަށް 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 97 މިލިއަން ރުފިޔާ ކަމަށްވެސް އެ ހިސާބުތަކުގައި ވަނީ ބުނެފަ އެވެ.

ފާއިތުވި ކުއާޓަރގެ ތެރޭގައި އެސްޓީއޯއިން ވަނީ ތެލުގެ އަގު ދެ ފަހަރަށް ހެޔޮކޮށްފައި ކަމަށާއި، އެއާއެކުވެސް، އަހަރުގެ މިހާތަނަށް އެކުންފުންޏަށްވަނީ ރަނގަޅު ފައިދާއެއް ލިބިފައިކަމަށްވެސް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.