ރައްޔިތުންގެ މަޖިލިސް

ބޮޑު ދާ މަސްވެރިކަން މަނާކުރާ ގަރާރު ބަލައިގެންފި

އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން މަނާކޮށް ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ގޮވާލައި ގަރާރު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފި އެވެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ހުށަހެޅުއްވި ގަރާރު ތަޅުމަށް ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ. ގަރާރު އިތުރަށް ދިރާސާ ކުރަން އިގްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ޝަހީމްގެ އެ ގަރާރުގައި ވަނީ، ދިވެހިރާއްޖެއަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި ގޮތަށް ހަމައެކަނި ދޮށީގެ މަސްވެރިކަން ކުރާ ބަޔަކަށް ވީ ނަމަވެސް ދެމެހެއްޓެނިވި އުސޫލުތަކާ ހިލާފަށް ބޮޑު ދާ ޖަހައިގެން އިންޑިއާ ކަނޑުގެ ސަރަހައްދުގައި ބައެއް އެހެން ގައުމުތަކުގެ އުޅަނދުތަކުން މަސްވެރިކަން ކުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެއީ ދިވެހިރާއްޖެއިންނާއި އިންޑިއާ ކަނޑުގެ އެހެން ގައުމުތަކުން ވެފައިވާ އެއްބަސްވުމާ ހިލާފު ކަމަކަށް ވާތީވެ އެ ކަން މުޅިން މަނާކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކަށާއި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އަށް ދިވެހިރާއްޖެއިން އަންގަން ގަރާރުގައި ގޮވާލާފައިވެ އެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް މަސްވެރިކަމުގެ ފަސް ގަރާރެއް ހުށަހަޅާފަ އެވެ. އެ ހުރިހާ ގަރާރެއް ވެސް މިހާރު ތަޅުމަށް ބަލައިގަނެ، އިގްތިސާދީ ކޮމިޓީގައި ދަނީ ދިރާސާ ކުރަމުންނެވެ. އަދި މަސްވެރިކަމުގެ ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާއިރު، އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާ ވަނީ އިއްވާފަ އެވެ.

މަޖިލީހުން ދެން ބަލައިގަތް ގަރާރުތަކުގެ ތެރޭގައި މާ ކަނޑުގައި ކަންނެލި ޖަގަހަތަކެއް ގާއިމު ކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި ގަރާރާއި، ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހެޅުއްވި ގަރާރު ހިމެނެ އެވެ.

ބޭރުގެ މަސް ބޯޓުފަހަރު ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓާލުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ގަރާރާއި، ރަށު ކައުންސިލްތަކާއި އަމިއްލަ ފަރާތްތައް ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓަރީ ގާއިމު ކުރުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.