މޯލްޑިވްސް މީޑިއާ ކައުންސިލް

މީޑިއާއަށް އޮންނަން ވާނީ އެއް މުއައްސަސާ: ކައުންސިލް

ރާއްޖޭގައި ހަރަކާތްތެރިވާ މީޑިއާތައް ރެގިއުލޭޓްކޮށް ބަލަހައްޓަން އޮންނަން ވާނީ އެންމެ މުއައްސަސާއެއް ކަމަށާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އޮތުމުން ދަތިތަކެއް އެބަހުރި ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ ގާނޫނުގައި އޮންނަ ގޮތުން ބްރޯޑްކޮމަށްވުރެ މީޑިއާ ކައުންސިލަށް ޒިންމާތައް ގިނަ ކަމަށެވެ. ނަމަވެސް ބްރޯޑްކޮމްގެ މެންބަރުންނަށް ލިބޭ މުސާރައަށްވުރެ މީޑިއާ ކައުންސިލްގެ މެންބަރަކަށް ލިބޭ މުސާރަ ކުޑަ ކަމަށެވެ. އެއީ އިންސާފެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީޑިއާ ކައުންސިލްގެ މެންބަރެއްގެ މުސާރައަކީ 5000 ރުފިޔާ، ދައުލަތުގެ އެހެން މުއައްސަސާތަކަށް ބަލާއިރު، ހަމަ މި ދާއިރާއާ ގުޅުން ހުރި މުއައްސަސާއެއް، ބްރޯޑްކާސްޓިން ކޮމިޝަން، އެ ކޮމިޝަންގެ މެންބަރެއްގެ މުސާރައަކީ 45000 ރުފިޔާ، އެއް މަސައްކަތެއް ނަމަވެސް ގާނޫނުން ދީފައިވާ ޒިންމާތައް މި ކައުންސިލްގައި ގިނަ." ހިދާޔަތުﷲ ވިދާޅުވި އެވެ.

މީޑިއާތަކަށް ދެ މުއައްސަސާއެއް އޮތުމާ މެދު ކައުންސިލްގެ ވިސްނުމަކީ ކޮބައިތޯ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަށް ޖަވާބުގައި ކައުންސިލުން ބުނީ މީޑިއާ ކައުންސިލްގެ ވިސްނުމަކީ މީޑިއާ ރެގިއުލޭޓް ކުރަން އޮންނަން ވާނީ އެއް މުއައްސަސާ ކަމަށެވެ.

ކައުންސިލުން ބުނީ އެ މުއައްސަސާ އެކުލެވެން ވާންވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރުންތަކެއް ނުވަތަ މަޖިލީހުގެ މެންބަރުންގެ ރުހުން ދީގެން ހަމަޖައްސާ މެންބަރުންތަކެއްގެ ބަދަލުގައި މީޑިއާ ކައުންސިލް މިހާރު ވެސް އޮތް ގޮތަށް މީޑިއާއިން އިންތިހާބު ކުރާ ބައެއްގެ މައްޗަށް ކަމަށެވެ.