ޖޭއެސްސީ

ގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ގާޒީ ހައިލަމާ ބެހޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައިވާ ޝަކުވާގެ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގަ އެވެ. ޖޭއެސްސީގެ ރައީސް އަބްދުﷲ އަރީފު ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ޖޭއެސްސީއަށް އަލަށް އައްޔަން ކުރެއްވި ގާނޫނީ ވަކީލުންގެ މެންބަރު އަބްދުލްމާނިއު ހުސައިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަވެސް ބައްލަވާ ގާޒީ ހައިލަމްގެ މައްސަލައެއް ކުއްލި ގޮތަކަށް ޖޭއެސްސީން ބަލަން ނިންމިއިރު، ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކާ ގުޅިގެން ޖޭއެސްސީން އެކުލަވަލައިލި ރިޕޯޓެއް ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އަދި އެ ރިޕޯޓާ ގުޅިގެން އޭނާ އަށް ވަނީ ފާޑުކިޔުން އަމާޒުވެ އެވެ.

ކްރިމިނަލް ކޯޓުގެ ވަކިވަކި ފަނޑިޔާރުން ބަލަމުންދާ މައްސަލަތަކުގެ އަދަދު ވެސް ފާހަގަކޮށްފައިވާ އެ ރިޕޯޓުގައި ގާޒީ ހައިލަމް ހަވާލުވެވަޑައިގެން ބައްލަވަނީ ހަ މައްސަލަ އެވެ. އެހެން ގާޒީންނަށް ބަލާއިރު ކޮންމެ ގާޒީއަކު ވެސް ވިއްސަށްވުރެ ގިނަ މައްސަލައާ ހަވާލުވެވަޑައިގެން ބައްލަވަ އެވެ. އެ ކޯޓުގައި ނުނިމި ދިގުލައި 10 އަހަރުވެފައިވާ ގިނަ އަދަދެއްގެ މައްސަލަތައް ފުނިޖެހިފައި ވެއެވެ.