ދުނިޔެ

އެމެރިކާއިން އިރާނުގެ ފޮރިން މިނިސްޓަރަށް ފިޔަވަޅު އަޅައިފި

އެމެރިކާއިން އިރާނުގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އިރާނުގެ ރޫހާނީ ލީޑަރުގެ ރޯލް ޒާރިފު އަދާ ކުރައްވާ ކަމަށް ބުނެ އެވެ.

އެމެިރިކާއިން ޒާރިފަށް ފިޔަވަޅު އަޅާފައިވާކަން އިރާނުގެ ޓްރެޒަރީ ޑިޕާޓްމެންޓް އޮފީސް އޮފް ފޮރިން އެސެޓްގެ އިސްވެރިޔާ ވެސް ކަށަވަރުކޮށް ދެއްވާފައި ވެއެވެ. ޒާރިފަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އެޅީ ނިއުކްލިއާ އެއްބަސްވުމުގައި ވާގޮތަށް އަމަލު ކުރަން އިރާނަށް 90 ދުވަހުގެ މުއްދަތެއް ދީފައި ވަނިކޮށެވެ.

ޒާރިފަށް ދަތިކުރުމުގެ ފިޔަވަޅުތަށް އެޅުމަށްފަހު އެމެރިކާއިން ބުނީ، ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނުން ނިއުކްލިއާ އެއްބަސްވުމަށް އަލުން ރުޖޫއާ ވާނެ ކަމަށެވެ. ޒާރިފަކީ އިރާން ނިއްކިލިއާ ޕޮރްގްރާމްގައި އެންމެ އިސްކޮށް އުޅުއްވާ އެއް ފަރާތެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަށް ރައްދު ދެއްވާ ޒާރިފް ވިދާޅުވީ، ދަތިކުރުމުގެ ފިޔަވަޅުތަށް އެޅީ، އިރާން ސަރުކާރުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން ދުނިޔޭގެ ގައުމުތަކަށް އެމެރިކާގެ ހަގީގަތް ކިޔައި ދޭތީ ކަމަށެވެ. އަދި އޭނާގެ އެއްވެސް މުދަލެއް އިރާން ނޫން އެހެން ގައުމެއްގައި ނެތުމުން ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ.

ޒާރިފް އިތުރަށް ވިދާޅުވީ، އެމެރިކާގެ ސަލާމަތަށް މިވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ އޭނާ ކަމަށް އެމެރިކާ ދެކޭތީ އުފާކޮށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"އެމެރިކާއިން އަހަންނަށް ދަތިކުރުމުގެ ފިޔަވަޅުތަށް އެޅީ އިރާނުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރާތީ، އެކަމާއި ކެތް ނުކުރެވިގެން، އަހަންނަށާއި އަހަރެންގެ އާއިލާއަށް ފިޔަވަޅުތަކުގެ ސަބަބުން ލިބޭނެ ގެއްލުމެއް ނޯންނާނެ، ބޭރު އެއްވެސް ގައުމެއްގައި މުދަލެއް ނުހުންނާނެ،" ޒާރިފް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވީ، އިރާނުގެ އިސް ޑިޕްލޮމެޓަކީ ޒާރިފް ކަމަށްވުމުން އދ. ގެ ބައްދަލުވުންތަކުގައި ޒާރިފް ބައިވެރި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އދ. ބައްދަލުވުމެއް ދެން އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.