މީހުން

ޒައީމާގެ މުޅި ދިރިއުޅުން ތުނޑުކުނާ ވިޔުމުގައި!

ޒައީމާ ތުނޑުކުނާ ވިޔަމުން އަވަސް އަށް އިންޓަރވިއު ދެނީ!

ގދ، ގައްދޫ އަކީ ތުނޑުކުނާ ވިޔުމަށް އެންމެ މަޝްހޫރު ރަށެވެ. ގައްދޫ އަށް އުފަން ޒައީމާ ހުސެން މަނިކު، 53 އަކީ ތުނޑުކުނާ ވިޔުމުގައި ވޭތުވެ ދިޔަ ތިރީސް އަހަރު ފޫހިކަމެއްނެތި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. ތުނޑުކުނާ ވިޔަން އެންމެ ފުރަތަމަ ދަސްކުރި ކުޑައިރު އެއްބަނޑު އެއްބަފާ ދައްތަ ކައިރީން ކަމުގައި ޒައީމާ ފަރިތަކަމާއި އެކު ވިޔަމުން ކިޔައިދިނެވެ.

ޒައީމާ ބުނިގޮތުގައި ވަރަށް ކުޑައިރު އޭނާގެ މަންމަ ނިޔާވެއްޖެ އެވެ. "ބޮޑުވެގެން އައީ ދައްތަމެންނާއެކު. ބޮޑުވަމުން އައި އިރު ތުނޑުކުނާގެ ވިޔަން ދަސްކުރީ އުމުރުން 16 ވަރަކަށް އަހަރުތެރޭ. ވަރަށް އުނދަގޫވި ފުރަތަމަ ދަސްކުރަން. ކަވި އުނދަގޫ ކަމަކަށްވި. އެކަމު ދަސްވީމަ މިކަން ކުރާހިއްވެއްޖެ ވަރަށް ބޮޑަށް".

ރަށުގައި މި މަސައްކަތްކުރުމަށްފަހު އަހަރުތަކެއްފަހުން 1990 ގެ ކުރީކޮޅި އާއިލާއެކު ޒައީމާ މާލެ ބަދަލުވީ އެވެ. މާލެ ބަދަލުވިއިރުވެސް އެއްކަމަކާއި ދުރެއްނުވެވުނުވެ. ރަށުން ދަސްކުރި މި ހުނަރުވެސް މާލެ ގެނައީ މިހެންވެ އެވެ. މާލެ އައިސް ހަމަޖެހިލާ ގޭގައި ކުނާ ވިޔަން ފެށީ އެވެ. އަދި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތް ހެދި އެވެ. ރަށުން ތުނޑުކުނާ ވިޔަން ބޭނުންކުރާ ހާއްސަ ހަރެއް ފޮށި ތަންމައްޗާއެކު ގެނައީ އެވެ. ޒަައީމާގެ ދަރިން ބޮޑުވެ އަމިއްލަ ދިރިއުޅުން ފެށީ އެވެ. އެއްގެއިން އަނެއް ގެއަށް ބަދަލުވާއިރު ދާ ކޮންމެ ގެއަކަށް އެ ހަރު ގެންދެ އެވެ.

ދިވެހިވަންތަކަން ދައްކައިދޭ ތުނޑުކުނާގައި ތަފާތު ޑިޒައިންތަށް ހުންނަ އިރު މި ޑިޒައިންތަކަކީ ކާބަފައިންގެ ފަރާތުން އެއް ޖީލުން އަނެއް ޖީލަށް ވާރުތަވެފައިވާ ޑިޒައިންތަކެކެވެ. އަދި ބައެއް ޑިޒައިން މިހާރު ނެތިގެންގޮސްފައިވުމަކީ އެކަށީގެންވާ ކަމަކެވެ. ޒައީމާ ބުނީ މިގޮތަށް ގަތަން މިއީ ދަސްވެފައި ހުރި ކަމެއް ކަމަށެވެ. "މި މަސައްކަތުގައި މިވީ ތިރީސް އަހަރުތެރޭ ވަރަށް ގިނަ ކުނާ ވިޔެވިފައި ހުންނާނެ. ނޭގެ ވިޔެވުނު އަދަދެއް ބުނެދޭކަށެއް. އަމިއްލައަށް ހަދަނީ ޑިޒައިންތައް. އެއްޗެއް ބަލައިގެނެއް ނޫން. 1 ފޫޓުގެ ކުނަލެއް ވިޔާލެވޭ ދެ ދުވަސްތެރޭ".

ޖާގައިގެ ދަތިކަން ހުރި މާލޭގައިވެސް ސިޓިންގް ރޫމް އެއްކޮޅުގައި ތުނޑުކުނާ ވިޔާ ހާއްސަ ހަރެއް ބަހައްޓައިގެން ވިޔަމުން ޒައީމާ ވާހަކަ ދެއްކިއެވެ. "ކުނާވިއުމަކީ މިކަން ކުރަން ދަސްވިފަހުން ވަރަށް ގަޔާވެގެން ކުރާކަމެއް. މިހާރު ގޭގޭ ގައި ކުނާ އަޅާލާނޭ އުނދޯއްޔެއް ނުހުރޭ. ސޯފާ މި ހުންނަނީ. އުނދޯލި ނެތަސް ކުނާ ގަންނަން މީހުން ބޭނުންވޭ. ބޮޑަށް ހަދިޔާއަކަށް ދޭން ނުވަތަ ރީއްޗަކަށް ބާއްވާލަން މި ކުނާ ގަންނަނީ. އޯޑަރު ދިނުމުން ވިޔަނީ"

މާލޭގައި މި މަސައްކަތް އެންމެ ފުރިހަމަކޮށް ކުރުމަށް ދަތިވަނީ ކުނާ ވިޔުމަށް ބޭނުންވާ ތަކެތި ހޯދަންޖެހެނީ ރަށުން ކަމުގައިވާތީ ކަމުގަައި ޒައީމާ ބުންޏެވެ. "ހާ ހޯދަނީ ފިއޯރީން. ފިއޯރީން ގަނެގެން މާލެ ގެންނަނީ. ހާ ގައި ކުލަ ޖައްސާ އުޅުނިން ރަށުގައި ކުރިން. ވަރަށް އުނދަގޫ މަސައްކަތަކަށް ވަނީ މާލޭގައި މި ކަންކުރަން. ހާ ކައްކަނީ އޮނިގަހުގެ ތޮށިގަނޑު ތަޅައިގެން. ދެން ބާ ދަގަނޑު ތެރެއަށް ކާށިފެން އަޅާ ހަފްތާއެއް ވަންދެން ބަހައްޓާ އެ ކަޅުވެފަ ހުންނާނީ. ދެން އެ ކައްކާ ދުވާލު ދެއިރަށް ކައްކަނީ. ކައްކާ އަންދާ ދަނގަޑު ރާ އަޅަނީ ހާއަށް. މިތާނގައި މިކަހަލަ ގޭސް އުނދުނުގައި ކުލައެއް ނުޖެއްސޭނެ. ބޮޑެތި ދަރު ބުރި ލާ އުނދުނުގައި މި ކައްކަނީ".

ހާގައި ކޮންމެ ކުލައެއް ޖެއްސޭއިރު ރަތްކުލަ ވެސް ޖެއްސެ އެވެ. އެހެންނަމަވެސް މީހުން ގަޔާވަނީ ބޮޑަށް ރީނދޫ ކަޅު، އަދި މަޑު މުށި ކުލައެއް ކަމުގައި ޒައީމާ ބުންޏެވެ. ކުޑައިރު ދަސްކުރި ތުނޑުކުނާވިޔުމުގެ މި މަސައްކަތް، ގޭތެރޭގައި މަސައްކަތް ކުރުމުން ކުދިން ބަލަމުން ކުރަމުން އައިއިރުވެސް ފޫހިކަމެއް މި ކަމުގައި ނެތެވެ. ޒައީމާހުރީ އަދިވެސް ކުރިއަށް ދާށެވެ.

ދިވެހި ސަގާފަތާއި ގުޅޭ މިފަދަ މަސައްކަތް ކުރާ މީހުން މަދުވަމުން އަންނަ އިރު ތުނޑުކުނާ ވިއުމުގެ ހުނަރު އަހަރުމެންގެ ޒުވާން ޖީލަށް ދަސްކޮށްދިނުމަށް ޒައީމާގެ ޝައުގުވެރިކަން އެބަހުއްޓެވެ. "ކޯހެއް ބާއްވާށޭ ވަރަށް ކިޔާ އެކި މީހުން. ރަށުން ކުޑަކޮށް ހަރުޖަހައިގެން ގެނެސް މުސްތަގުބަލުގައި މި މަސައްްކަތް ދަސްކޮށްދިނުމަށް ކޯހެއް ވިމެން ސެންޓަރ ބައި ޔޫލިއާ އާއި ގުޅިގެން ބޭއްވުމަށް ވިސްނަން"

ދިވެހިވަންތަކަން ދައްކުވާ ދޭ ޒައީމާ ލޯބިޖެހިފައިވާ މި މަސައްކަތް ދަސްކޮށްދިނުމަށް ހުރީ ތައްޔާރަށެވެ.