ޗައިނާގެ ސުޕަ ލީގްގެ ކުލަބު ޖިއަންގްސޫ ސަނިންގްއަށް ބަދަލުވުމާ ވަރަށް ގާތަށް ދިޔަ، ރެއާލް މެޑްރިޑްގެ ފޯވަޑް ގެރެތު ބޭލްގެ ޓްރާންސްފާ ރެއާލުން ހުއްޓުވީ އިންޓަ މިލާނަށް އޭނާ ބަދަލު ވެދާނެތީ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޗައިނާގެ ލީގްގެ ޓްރާންސްފާ ޕީރިއަޑް އިއްޔެގެ ނިިޔަލަށް ހަމަވެފައިވާއިރު ރެއާލުން ބޭލްގެ ޓްރާންސްފާ ހުއްޓުވީ ދެ ދުވަސް ކުރިންނެވެ. ޖިއަންގްސޫގެ އޯނަރުންނަކީ، އިޓަލީގެ ޗެމްޕިއަންކަން 18 ފަހަރު ހޯދާފައިވާ އިންޓަ މިލާންގެ މެޖޯރިޓީ ހިއްސާދާރުންނެވެ.
ބޭލްގެ މުސާރައިގެ ގޮތުގައި ހަފުތާއަކު 1.23 މިލިއަން ޑޮލަރު ދޭން ޖިއަންގްސޫއިން އޮތީ ތައްޔާރަށެވެ. ބޭލްވެސް ހުރީ އެ އަގާއެކު ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޗައިނާގެ ލީގްގެ ހަތަރު ވަނަ މަގާމު ހޯދި ކުލަބަށް ސޮއި ކުރާ ގޮތަށެވެ. ޖިންގްސޫގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އެ ކުލަބުން ލޯން އުސޫލުން ބޭލް ފޮނުވާނީ އިންޓަ މިލާން އަށް ކަމަށް ބެލެވެ އެވެ.
ޔުވެންޓަސް އާއި ޗެލްސީގެ ކުރީގެ ކޯޗް އެންޓޯނިއޯ ކޮންޓޭގެ ކޯޗް ކަމުގެ ދަށުން އާ ސީޒަނަށް އިންޓައިން ދަނީ ވަރުގަދަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ހާއްސަ އިސްކަމެއް އިންޓައިން ދޭތީ ބޭލް އެ ޓީމަށް ހިނގައްޖެނަމަ އިންޓަ ވަރުގަދަ ވާނެ އެވެ.
ފަހަރެއްގައި ޗެމްޕިއަންސް ލީގްގައި ރެއާލް މެޑްރިޑާއި އިންޓަ އާ ވާދަ ކުރަން ޖެހިއްޖެނަމަ އެއީ ރެއާލް އަށް ކުރިމަތިވާނެ ޗެލެންޖެކެވެ. އެ ހާލަތު މެދުވެރިވާނެ ގޮތަށް ބޭލްގެ ޓްރާންސްފާ ކުރިއަށް ގެންދަން ރެއާލުން ބޭނުން ނުވީ ކަމަށް ސްޕެއިންގެ ރިޕޯޓްތައް ބުނެ އެވެ.
ޖަރުމަންގެ މިޔުނިކްގައި ބޭއްވި އައުޑީ ކަޕްގައި ރެއާލްގެ ސްކޮޑުން ބޭލްއަށް ފުރުސަތު ނުދެ އެވެ. ރެއާލްއިން ބުނީ އޭނާ ސްކޮޑުގައި ނުހިމެނީ އެހެން ކުލަބަކަށް ބޭލް ޓްރާންސްފާ ކުރުމަށް ކުލަބުން މަައްކަތް ކުރަމުން ދާތީ ކަމަށެވެ.
ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާންގެ ވާހަކަ އެއާ ތަފާތެވެ. އޭނާ ބުނީި ބޭލް މިޔުނިކަށް ނުގެންދިޔައީ އޭނާ ބަލިވެ އުޅޭތީ ކަމަށެވެ. އެހެންނަމަވެސް އައުޑީ ކަޕްގައި ޓޯޓެންހަމް އަތުން ރެއާލް ބަލިވި މެޗު އޮތް ދުވަހު ބޭލް އުޅުނީ ގޮލްފް ކުޅޭށެވެ.