ވާހަކަ

އީޝަލް

(30 ޖުލައި 2019 އާ ގުޅޭ)

އީޝަލްއަކީ މިޝަލްގެ ދަރިފުޅަށްވާއިރު އޭނާއާ ހަފްސާއާ ކޮންމެހެން ވެސް ބައްދަލުވާން ޖެހޭނެކަން މަލަކާ ޤަބޫލުކުރެއެވެ. އަލައިނާ އަވަސްއަވަހަށް އޭނާގެ ފޯނު ބޭއްވުނު ތަނެއް ހޯދިއެވެ. މަލަކާ އެދުނު ފަދައިން ހަފްސާއަށް މިޚަބަރު ދޭން އޭނާ ވެސް އަވަސްވިއެވެ.

ކާމޭޒުމަތީ ބޭއްވިފައި އޮތް ފޯނު ނެގުމާއެކު އަލައިނާ އަވަސް އަވަހަށް ހަފްސާއަށް ގުޅިއެވެ. އެންމެންނާ ދުރުގައި އޭނާ ހުއްޓެއްކަމަކު ފޯނުން ދެކޮޅުން ދައްކާ ވާހަކަ ވެސް އީޝަލްއާއި މީކާޢިލްއަށް ސާފުކޮށް އިވެއެވެ. ކެތްތެރިކަން ކުޑަވެފައި އީޝަލް އިނީ ހަފްސާއާ ބައްދަލުވާނެ އިރަކަށެވެ. އޭނާ ހަފްސާގެ ވާހަކަ އެހުމުގެ ކުރީން މަލަކާ އެކަމަށް އިޝާރާތްކުރުމުން އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. އީޝަލްގެ ވަށައިގެންވަނީ މީގެ ކުރިން އޭނާ ދުށް ކަންތައްތަކެއްނޫނެވެ. އިންސާނުންދެކެ މީކާޢިލް ފޫހި ވިޔަސް އެ ފޫހިކަން އަލައިނާއާ ދޭތެރޭ ނުވާކަން އީޝަލް ދެނެގަތެވެ. އެހެންނަމަވެސް ހަފްސާގެ ނަން އިވުމާއެކު މީކާޢިލް ފުށުން ތަފާތު ކަމެއް އީޝަލްއަށް ފާހަގަވިއެވެ.

ލުގަލްބަންދާއާއި ވައިސިންނީގެ އިތުރުން ޔޫރާ ވެސް އިންސާނުންގެ ދުނިޔެއަށް ފޭބިއެވެ. އެމީހުންނާއެކު ޒަލަފްއާއި ރައުލް ހުއްޓެވެ. ރެހާންމެން ގޭ ދޮށުގައި ޒަލަފްއާއި ރައުލް މަޑުކޮށްލައިގެން ތިއްބެވެ. ދެންތިބި ތިންމީހުން ބޭތިއްބީ އެ ގެއާ ދުރުގައެވެ. އެއީ މީކާޢިލް އެންގި ގޮތެވެ. އެހެން ޖިންނީންގެ ސަމާލުކަމަށް އަންނަ ފަދަ އެއްވެސް ކަމެއް ނުކުރުމަށް މީކާޢިލް އޮތީ ބުނެފައެވެ.

އިންތަނުން މީކާޢިލް ތެދުވުމާއެކު އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އީޝަލްގެ ކަނާއަތް ފަރާތުގައި އިން އަލައިނާ ވެސް ކުއްލިއަކަށް ތެދުވީ އެހެންވެއެވެ.

"ދަނީތަ؟... ޝެބީމަންމަ މިހާރު އެ އަންނަނީ" އަލައިނާގެ މޫނުން ހާސްކަން ފާޅުވެލިއެވެ.

"ބޭރުގައި އެބަހުރިން..." މީކާޢިލް ބުނެލިއެވެ. އަދި ހަލުވިކޮށް އޭނާ އެގެއިން ނުކުތެވެ.

"އެބަ އަންނަން އިނގޭ" އެންމެންނަށް ބަލާލައި އަލައިނާ ބުންޏެވެ. ރެހާން ބޯޖަހާލިއިރު މަލަކާ އިނީ ސުވާލު އުފެދިފައެވެ. މީކާޢިލް ދޮރޯށިން ނުކުންނަންވާއިރަށް އަލައިނާ އޭނާގެ ފަހަތުން އައިސް ގޮވާލިއެވެ.

"އަހަރެންނަށް މި ހީވަނީ ރަނގަޅައްތަ؟" އަލައިނާގެ ހިލަން ވުމުން ދޮރޯށި ހުޅުވާލައިފައި ވެސް މީކާޢިލް ހުއްޓުނެވެ. އަދި އަލައިނާއާ ކުރިމަތިލިއެވެ.

"ކޮންކަމެއް؟" މީކާޢިލް އެއްސެވެ.

"އަދިވެސް ތިހުންނަނީ ނުރުހިފައި، ޝެބީގެ މަންމަދެކެ ނުރުހިފަ.... މީކާޢިލް، އަހަރެން ކަލޭގެ ވާހަކަ ވެސް އަޑުއެހިން، ހަފްސާ ދައްތަ ކިޔައިދިން ކަންކަން ވެސް އަޑުއެހިން، ހުރިހާކަމެއްވެ ނިމުނުއިރު އެ ކޮޓަރީގައި އެކަކުވެސް ފެންނަންނެތް... އެހެންވާނީ ކީއްވެގެންކަން އަހަރެމެން އެންމެންނަށް ވެސް ޔަގީންކޮށް ބުނަންއެނގުނު، އަހަރެންގެ ބޭބެގެ ހަށިގަނޑު ވެސް ޝެބީގެ ހަށިގަނޑު ފަދައިން އަހަރެމެންނަކަށް ނުފެނުނު، އާހިލް މަރުވެއްޖެކަން އަހަރެން ޔަގީންކުރީން އެ ދުވަހު މިޝަލް ދެއްކި ވާހަކަތަކުން، އޭނާއަށް އެ ޚަބަރުތައް ގެނެސްދޭނެ މީހަކީ ކަލޭކަން އެނގޭ... އަހަރެމެންނަށްވުރެ ގިނަ ކަންކަން ކަލޭމެންނަށް އެނގޭކަން އަހަރެން ޤަބޫލުކުރަން، މީކާޢިލް!... ޕްލީޒް... ޕޮގިވް ހާ... ފޮގިވް ޔޯ ސެލްފް، އެ ދުވަހު މީކާޢިލްއާ ކުރިމަތިލި ޝެބީގެ މަންމައެއްނޫން މިހާރު އެއީ، ހިނގައިދިޔަ ހުރިހާކަމާ ހަފްސާ ދައްތަ ހިތާމަކުރޭ، ކިތަންމެ ފަހަރަކު ބުނި އެ ދުވަހު އެހެން ކަންތައްނުކުރެވުނުނަމަ މިއަދު ޝެބީއާއި ދަރިފުޅު އަހަރެމެން ގާތު ހުރީހޭ، މިއަދު ވެސް އަހަރެން ގާތު ބުނި... ވަކިވެގެން ދިޔައީ މީކާޢިލްގެ ލޯބިވެރިޔާ، ދަރިފުޅުގެ މަންމަ... ހަމައެގޮތަށް ހަފްސާ ދައްތަގެ ހުރި ހަމައެކަނި ދަރިފުޅު، މައިންބަފައިން ދިރިތިއްބާ ދަރީން ވަކިވެގެން ދިއުމުން ހިތަށް ކުރާނޭ އަސަރު އަންދާޒާކުރަން މީކާޢިލްއަށް ވެސް މިހާރު އެނގޭނެ، އީޝަލް އެ ހުރީ ފުރިހަމަ ޒުވާނަކަށްވެފައި، މިއަދު އެ ދަރިފުޅު ގޮވައިގެން ތިއައީ ވެސް އޭނާގެ އުފަލަށްޓަކައިކަން އަހަރެންނަށް ޔަގީން... ޝެބީ... މީކާޢިލްގެ މިޝަލް ބޭނުންވާނެތަ އޭނާ އެންމެ ލޯބިވިމީހާއާއި އޭނާ އުފަންކުރި މަންމައާ ދެމެދު ނަފުރަތުގެ ފާރެއްލެވިފައިވާން... އައި މިސް ހާ ޓޫ... އަހަރެންގެ ހުރިހާކަމެއްގައި އެންމެ ގާތުގައި ހުންނާނަންކަމަށް ޝެބީ ވަޢުދުވި... ތަޤުދީރު އަހަރެމެން އެކަކަށް ވެސް ރަހުމެއްނުކުރި، ޕްލީޒް މީކާޢިލް، މިއަދު ވަކިވެގެން ދިއުމަށްފަހު ދެން ނޭނގެ ދުވަހަކުވެސް ބައްދަލުވާނެކަމެއް، އެދުވަހު ޕާކުތެރެއިން މީކާޢިލް ދަރިފުޅު ގޮވައިގެން ނުކުތުމުން އަހަރެން ހިތަށް އެރި ދެން ދުވަހަކުވެސް އީޝަލްއެއް ނުފެންނާނެއޭ، އެ ދަރިފުޅަކީ އަހަރެމެންގެ ތެރެއަށް ޝެބީ ދޫކޮށްދިޔަ ހަމައެކަނި ނިޝާން، އެކަމަކު ބުނަން، މިފަހަރު ވަކިވެގެންދާންވާނީ މަޢާފުކުރަން ދަންނަ މީހަކު ފަދައިން... އީޝަލްއާ އަހަރެމެންނާ ވެސް ގުޅުމެއްވޭ" އަލައިނާއަށް ކުރިއަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ. ހަމައެހިނދު މީކާޢިލް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭނާގެ ގައިގާ އަލައިނާ އަތްލަފާނެހެން ހީވުމުންނެވެ. އެހެންނަމަވެސް އޭނާއަށް އަލައިނާގެ ފެންކަޅިވެފައިވާ ދެ ލޯ ފެނުނެވެ.

"އަހަރެން ކުރިން ވެސް ބުނީމެންނު ތީ މިޝަލްއަށް ހެޔޮ އެދޭ އޭނާދެކެ ލޯބިވާ ރަޙުމަތްތެރިއެކޭ... އީޝަލް ގޮވައިގެން އެހެން މީހެއްގެ ގާތަށް ނުގޮސް އަލައިނާގެ ގާތަށް އަހަރެމެން މިއައީ އެހެންވެ، މީ އަހަރެންގެ ނިންމުމެއްނޫން، މިޝަލްއަށް ޓަކައި އަހަރެން އެ ދަރިފުޅު އިންސީންގެ ތެރެއަށް މިގެނައީ... މިޝަލްއާ ނުލާ އެ ދަރިފުޅު ބޮޑުވީ، އެކަމަކު އޭނާ އަހަރެންނަށްވުރެ މިޝަލްއަށް ބޭނުންވޭ... މިޝަލްގެ ޢާއިލާއާ ބައްދަލުކުރުން އަހަރެން އޭނާއަށް މަނައެއްނުކުރަން... ދޭ އެތެރެއަށް، މިޝަލްގެ ދަރިފުޅާއެކު ހޭދަކުރަން މިލިބުނު ވަގުތުކޮޅު ނަގާނުލާ، އޭނާ ކަލޭގެ ދުލުން އޭނާގެ މަންމަ އެނގެން ބޭނުންވޭ، އަލައިނާ... އީޝަލްއަށް ހުރިހާ ކަމެއް ކިޔައިދީ، އެ ދަރިފުޅަކީ މިޝަލް ހާ ޚާއްޞާ ކުއްޖެއް" މީކާޢިލް ބުންޏެވެ. ދެ ލޮލަށް ޖަމާވެފައިވި ކަރުނަތައް ކަނާއަތުން ފުހެލައި އަލައިނާ ބޯޖަހާލިއެވެ. މީކާޢިލް ދޮރޯށިން ނުކުމެ ދޮރު ލައްޕާލުމާއެކު އަލައިނާ ވެސް އެނބުރި ގޭތެރެއަށް ވަނެވެ. އޭރު އެ ދެ މީހުންގެ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް އީޝަލްއަށް އިވިއްޖެއެވެ.

"އެބައަންނަން... އީޝަލްއަށް ދައްކަން ބޭނުންވާ އެއްޗެއް ދައްތަގެ އަތުގައި އެބަހުރި" ލުއި ހިނިތުންވުމެއް އީޝަލްއާ ބަދަލުކޮށްލަމުން އަލައިނާ ބުންޏެވެ. އޭނާ ސިޑިން އަރައިގެން ދިޔައީ މަލަކާގެ ކޮޓަރިއަށެވެ. އެ ކޮޓަރީގައި ހުރި އަލަމާރީގެ ތެރެ ހާވަންފެށީ ޒަމާންވެފައިވާ އަލްބަމްއެއް ނެގުމަށެވެ. އަދި ރެހާންގެ މަސައްކަތްކުރާ ކޮޓަރިއަށް ވަދެ އެތަނުގައި އޮތް އަލައިނާގެ އައިޕެޑް ނެގިއެވެ.

"އާންޓީގެ ނަން އަޅުގަނޑަށް ކިޔާ އިރު، އަދިކިރިޔާ މި އެނގުނީ އާންޓީގެ ޑޯޓާއެއް ހުންނަކަން" ރެހާން އިން ގޮނޑީގެ އަތްގަނޑުމަތީ ފޫޖައްސާލައިގެން އިން މިޝަލް ވާހަކަދެއްކީ އީޝަލްއާއެވެ. އޭނާ ވަކި އެއްޗެއް ނުބުނެ މިޝަލްއަށް ހިނިތުންވެލީއެވެ.

"އީޝަލް ހުންނަނީ ރާއްޖޭން ބޭރުގައި... މިޝަލް އާންޓް ވަކިވުމުން ދެއާ ފެމެލީ ގޮޓް ކޮމްޕްލިކޭޓެޑް" ރެހާން ބުންޏެވެ. އީޝަލްގެ ހަޤީޤަތް ހާމަކޮށް ރެހާންގެ ދަރިފުޅަށް ހާސްކަމެއް ލިބެން އޭނާ ނޭދެއެވެ. އެކަން އީޝަލް ދެނެގަތެވެ.

"ބައްޕައާއެކު އަޅުގަނޑު އުޅެނީ، މިކޮޅުގައި ޢާއިލާ މީހުން އުޅޭކަން އެނގޭތީ އައީ" ރެހާންގެ ވާހަކައާ ގުޅުވާލައި އީޝަލް ބުންޏެވެ. އޭރު އެމީހުންގެ ތެރެއަށް އަލައިނާ އަތުވެއްޖެއެވެ. އޭނާ އަވަސް އަވަހަށް އީޝަލްގެ ގާތުގައި އިށީނެވެ. ފައިކައިރީ ސޯފާ މަތީ އައިޕެޑް ބާއްވާލުމާއެކު އަތުގައި އޮތް އަލްބަމް ދައްކާލިއެވެ.

"މީގައި އީޝަލްގެ މަންމަގެ ހަނދާންތައް ހުންނާނެ، އެހެންވެ ދައްކާލަން މިގެނައީ" އަލައިނާ ބުންޏެވެ.

އާސޯޚުވެފައި އިނދެ ފޮޓޯތަކަށް އީޝަލް ބެލިއެވެ. އަލްބަމާއި އައިޕެޑްގައި ހުރި މިޝަލްގެ ފޮޓޯތައް އަލައިން ދެއްކިއެވެ. ޒުވާން މިޝަލްގެ މޫނު ފެނުމުން އީޝަލްއަށް އޭނާގެ ކޯތާފަތުގައި އަތްތިލަ ޖައްސާލެވުނީ ބޭއިޚްތިޔާރުގައެވެ. އެކި ފޮޓޯތަކުން ފެންނަ މިޝަލްގެ ހަރަކާތްތަކާއި މޫނުގައިވާ އަސަރު ތަފާތެވެ. މިޝަލްއާ ފުރަތަމަ ބައްދަލުވި ދުވަހުން ފެށިގައި އެކުގައި ހޭދަކުރި ހުރިހާކަމެއް އަލައިނާ ކިޔާދިނެވެ. ލުއި ހީނލުމަކާއެކު އަލައިނާގެ ވާހަކައަށް މަލަކާ އިތުރުކޮށްލައެވެ. އެ އެންމެންގެ ލޮލުން އީޝަލްއަށް އޭނާގެ މަންމަ ފެންނަމުން ދިޔަ ކަހަލައެވެ. އަލައިނާ ދޭތެރެއަކުން އީޝަލްގެ ބުރަކަށީގައި ފިރުމާލައި ގަޔާ ގާތްކޮށްލައެވެ. އަލައިނާގެ ބޯ އީޝަލްގެ ބޮލުގައި ޖައްސާލާނެއެވެ. އެހެންނޫނީ ކުލުންވެރިކަމާއެކު އީޝަލްގެ ބޮލުގައި ބޮސްދީފާނެއެވެ. އެ ހުރިހާ މަންޒަރެއް ބަލަން އިން މަލަކާ ނަންބަރު އައިނު ދުރުކޮށްލައި އޭނާގެ ފެންކަޅިވެފައިވާ ދެ ލޯ ފުހެލިއެވެ. ކުރިމަތިން ފެންނަމުން އެ ދަނީ އިންސާނަކަށް ފެންނާނޭ އެންމެ ބޮޑު އަޖައިބުކަން މަލަކާ ޤަބޫލުކުރިއެވެ. ﷲގެ ކުޅަދުންވަންތަކަމޭ މަލަކާގެ ހިތް ބުނެލިއެވެ.

"މާމަ އަތުވެއްޖެ" ކުއްލިއަކަށް އީޝަލްގެ ސަމާލުކަން ސިޓިންރޫމު ދޮރަށް ހުއްޓާލިއެވެ.

"ހަފްސާ އައީތަ؟" މީހަކު ފެންނަން ނެތުމުން މަލަކާއަށް ސުވާލުކޮށްލެވުނެވެ. އަލައިނާ އިންތަނުން ތެދުވިއެވެ. އެވަގުތު ބޭރު ދޮރޯށި ހުޅުވިއްޖެއެވެ. ސިޓިންރޫމުގެ ބޮޑެތި ކުޑަދޮރުތަކުން ދޮރޯށިން އެތެރެއަށް ވަން ހަފްސާއާއި ޖާވިދު އެންމެންނަށް ފެނުނެވެ.

"މަލަކާ... މި އެލީ ކީކޭތަ އެކިޔަނީ؟ އޭނާ ފޯނުން އެ ދެއްކި ވާހަކައެއް އަހަރެންނަށް ޤަބޫލެއްނުކުރެވޭ" ސިޓިންރޫމު ދޮރުމައްޗަށް މަލަކާ ނުކުތްތަން ފެނި ހަފްސާ ބުންޏެވެ. އޭރު އޭނާއަށް ސިޓިންރޫމު ތެރޭ ތިބި ބަޔަކު ނުފެނެއެވެ.

"ﷲ ކަލޭގެ ދުޢާ އިޖާބަކުރައްވައިފި" ފުޅާ ހިނިތުންވުމަކާއެކު މަލަކާ ބުންޏެވެ. އަދި އަވަސް އަވަހަށް އެއްފަރާތަށް ޖެހިލީ ހަފްސާ ގޭތެރެއަށް ވަންނަން ތަންދައްކަމުންނެވެ. ސިޓިންރޫމުގައި ހުރި ސޯފާތައް ކައިރިއަށް އާދެވުމާއެކު ސޯފާއެއްގައި އިށީނދެ އިން އަންހެންކުއްޖާ ހަފްސާގެ ލޮލަށް ފެނިއްޖެއެވެ. ފަރުވާތެރިކަމާއެކު އޭނާ ބަލާލިއެވެ. ހިނދުކޮޅެއްގެ ތެރޭ އޭނާއަށް ލިބުނު ހައިރާންކަމާއެކު ދެ ލޯ ބޮޑުކޮށްލެވި އަނގަ ހުޅުވިއްޖެއެވެ. ގާތުގައި ހުރި މަލަކާއާއި އަލައިނާއާ އަވަސް ނަޒަރެއް ބަދަލުކޮށްލެވުނެވެ.

"ޝެބީ..." ހަފްސާއަށް ބުނެވުނެވެ. އޭނާގެ ގާތުގައި ހުރި ޖާވިދު ވެސް ހުރީ ބަސްހުއްޓިފައި ހުރިހެންނެވެ.

"މީ އީޝަލް މާމާ" އީޝަލް އިންތަނުން ތެދުވެ ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ.

"މަލަކާ..." ރިހުންއެކުލެވިފައިވާ ފަދަ ގޮތަކަށް ހަފްސާއަށް ގޮވާލެވުނެވެ. މޭގައި ކަނާއަތްއަޅައި އޮބާލައިފިއެވެ. އެ ހަށިގަނޑު ގޮނިކޮށްލީ ހިތުގައި ރިހޭ މީހަކު ފަދައިންނެވެ.

"މި ފެންނަނީ ހަޤީޤަތެއްތަ؟" އިސްޖަހާލައި ދެފަރާތަށް ބޯހޫރާލަމުން ހަފްސާ ބުނެލިއެވެ. އޭނާގެ ދެފަރާތުން ނިކަން އަވަހަށް މަލަކާއި ޖާވިދު ގާތްވެލިއެވެ.

"ހަފްސާ، އެއީ އަހަރެމެން އުރައިގެން ގެންގުޅުނު ޝެބީ ވިހޭ ދަރިފުޅު، އެއީ އެކުއްޖާކަން ކަލެއަށް އެނގިއްޖެކަން އެނގޭ، އެ ދަރިފުޅުގެ ލޯ ކަލޭ ހަނދާނެއްނުނެތޭނެކަން އެނގޭ... އެ ކުއްޖާ އައިސް އެ ހުރީ ކަލެއާ ބައްދަލުކުރަން، މިޝަލްގެ ޢާއިލާއާ ބައްދަލުކުރަން" ހަފްސާގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ހުރެ މަލަކާ ބުންޏެވެ.

"މާމާ... އަޅުގަނޑު މީ އީޝަލް، މިތަނުގައި އޮޅުވާލުމެއް ނުހިނގާ... އަޅުގަނޑަކީ މާމަގެ މިޝަލް ވިހޭ ދަރިފުޅު" އީޝަލް ކުރިއަށް އައެވެ. ޖެހިލުންވެފައި ހުރެ ހަފްސާގެ ކުރިމަތީ ހުއްޓުނެވެ.

"ކިހިނެއް މިތަނަށް އައީ؟ ކިހިނެއް އެނގުނީ މިގެއަށް އަންނަން... މިހުރިހާ ދުވަހު ކޮންތާކު ތިއުޅުނީ" އިސްއުފުލާލި ހަފްސާ އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ. އެވަގުތު އަލައިނާ އޭނާގެ އަންހެން ދަރިފުޅު ގާތު މައްޗަށް ދިއުމަށް އެދުނެވެ. އެތަނުގައި ދެކެވޭ ވާހަކަތައް އެ ދަރިފުޅަށް ނުވިސްނޭނެކަން އޭނާއަށް އެނގޭތީއެވެ.

"ބައްޕައާއެކު ބައްޕަގެ ޢާއިލާގާތު ހުރީ، ތި ވެސް އަޅުގަނޑުގެ މާމައެއްނު، މަންމަގެ އެކަކުވެސް އަޅުގަނޑު ނުދެކެން، މާމާ!... އަޅުގަނޑުމެން ވެސް މަރުވޭ، އެހެންވެ ފަހުވަތު އައިސް ޖެހުމުގެ ކުރީން އަޅުގަނޑުގެ މަންމަގެ ޢާއިލާއާ ބައްދަލުކުރަން ބޭނުންވީ، މިތަނަށް ގެނެސްދިނި ބައްޕަ...މަންމަގެ ހުރިހާ ވާހަކައެއް ބައްޕަ ކިޔައިދިން" ހަފްސާ ކަންބޮޑުވެ ހާސްވެގެން އީޝަލްއާ ދުރަށް ހިނގައިދާނެތީ އީޝަލް ޖެހިލުންވިއެވެ.

"އަހަރެންގެ ޝެބީގެ ދަރިފުޅު... އީޝަލް... އާން!... ތީ އީޝަލް... އާދެބަލަ... މާމަ ގާތަށް އާދެބަލަ، މާމަ އަތްލަންތަ ދަރިފުޅު ގައިގާ" ރޮވިފައި ހުރެ ހަފްސާ އަހާލިއެވެ. ޚުދު އޭނާ ވެސް ހުރީ ޖެހިލުންވެފައެވެ. އޭނާގެ ކުރިމަތީގައި އެހުރީ ޖިންނިއަކަށް މިޝަލް އުފަންކުރި ދަރިއެއްކަން ހަފްސާ ހަނދާނެއްނުނެތެއެވެ. އެހެންވިޔަސް މިޝަލްގެ ސޫރަ އީޝަލްގެ މޫނުން ސިފަވުމުން ހަފްސާގެ މައިވަންތަކަން ނުބައި ޚިޔާލުތަކުން އޭނާގެ ބުއްދި ސަލާމަތްކުރިއެވެ. ދެއަތްތިލަ ހިއްލާލެވުނީ އީޝަލްގެ ގައިގާ އަތްލުމަށެވެ. އޭނާއަށް ހުއްދަދެމުން އީޝަލް ބޯޖަހާލިއެވެ.

"ނުރޮއެ މާމާ" ހަފްސާގެ ގައިގާ ބައްދާލައިގެން ހުރެ އޭނާގެ ބުރަކަށީގައި އީޝަލް ފިރުމިއެވެ. އެތައް އަހަރެއްވަންދެން ފޮރުވަމުން އައި ހިތްދަތިކަމުގެ ވޭނީކަރުނަ ހަފްސާގެ ލޮލުން އޮހޮރެމުން ދިޔައެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން އޭނާއަށް ވަގުތު ބޭނުންވިއެވެ. އީޝަލްގެ އެހީގައި އޭނާ އައިސް ސޯފާގައި އިށީނެވެ. އޭނާގެ ގާތުގައި އީޝަލް އިނެވެ. މަޑުމަޑު ހުވަނދެއްގެ ވަސް ހަފްސާގެ ނޭފަތުގައި ޖެހުނީ އެވަގުތެވެ. ކަރުނައިގެ ތެތްކަން އެކުލެވިފައިވި ދެ ލޮލުން ހަފްސާ ބަލާލިއެވެ. އޭނާގެ ހަނދާނަށް އައީ މިޝަލްގެ ކޮޓަރިތެރެއިން ވެސް އެފަދަ ވަހެއް ދުވިކަމެވެ. މިހާރު އޭނާއަށް ހުރިހާކަމެއް ވިސްނިއްޖެއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވެގެންދިޔައީ އެހެންވެއެވެ. އީޝަލްގެ އަތުގައި އެއްއަތުން ހިފަހައްޓާލައި އަނެއްއަތުން އީޝަލްގެ ކޯތާފަތުގައި ހަފްސާ ހިފަހައްޓާލިއެވެ.

"އިންސާނުންގެ ލޯތަކަށް ޖިންނީންނެއް ނުފެނޭ، އޭރު މާމައަށް ހުރިހާކަމެއް އެނގުމުން ބިރުގަތީ އެހެންވެ... ޖިންނީންނާއި އިންސާނުން ގުޅުމެއްނުވޭ، އަހަރެމެން ދެބައިމީހުންގެ ދުނިޔެ ވަކިކުރެވިފައިވަނީ އެހެންވެ... އެހެންވިޔަސް ތަޤުދީރު ރޭވިގޮތަކަށްނޫނީ އެއްކަމެއްވެސް ނުވާނެ، ހަދާނޭގޮތެއް ނޭނގި ބިރުގެންފައި ހުރެ މަކަރުވެރިއެއްގެ ދަލުގައި ޖެހެވުނީ، ހަނދާންނެތުނީ އިންސާނުންގެ ތެރޭގައި ވެސް އަމިއްލަ އެދުންބޮޑު ޝައިޠާނުން އުޅޭކަން، އެކަމަކު މިއަދު އެހެނެއްނުވާނެ، މިއަދު މާމަ ބިރެއްނުގަނޭ... ދަރިފުޅު ފެނުމުން މާމަ ބިރެއްނުގަނޭ... އީޝަލްތީ އަހަރެންގެ ޝެބީގެ ދަރިއެއް، އަހަރެންގެ ހުރި ހަމައެކަނި މާމަ ދަރިފުޅު... ދަރިފުޅު ދެކެ މި މާމަ ބިރެއްނުގަނޭ" ހަފްސާ ބުންޏެވެ. އޭނާގެ ވާހަކަތަކަށް ހިނިތުންވެލައިގެން އިން އީޝަލް ބޯޖެހިއެވެ. އަދި ލޯތްބާއެކު ހަފްސާގެ ތެމެމުންދިޔަ ކޯތާފަތް ދެއަތުން ފުހެލަދިނެވެ. އެހިނދު އެ ދެއަތުގައި ހިފަހައްޓާލައި ހަފްސާ ބޮސްދީފިއެވެ.

"ބައްޕަ... ބުނީމެންނު ބައްޕައާއެކުއޭ އައީ... ކޮބާ ބައްޕަ؟... މާމައާ ބައްދަލުކުރަން ބޭނުންނުވަނީ ދޯ، މީކާޢިލް... އެހެން ދޯ ބައްޕައަށް ކިޔަނީ... އޭނާ އެ ދުވަހު އަހަރެންނަށް ވިސްނައިދޭން މަސައްކަތްކުރި، އަހަރެންގެ ލޮލުން ދުށީން މިޝަލްއާއި މީކާޢިލްގެ ދެމެދުގައިވާ ލޯބި، އެމީހުންގެ ދެ ލޮލުން އެ ލޯބި ދުށީ... އޭނާ ދެކޭނީ އަހަރެންނަކީ އަނިޔާވެރިއެއްގެ ގޮތުގައި" ހަފްސާ އިސްޖަހާލިއެވެ.

"މީކާޢިލް ވަން މިގެއަށް، އަހަރެން ދުށީން... ހަފްސާ... އޭނާ ޖެހިގެން ހުރި ސިފައެއްކަމެއް ބުނާކަށް ނޭނގޭ، އެކަމަކު އެ މޫނުމަތިން ނުބައިކަމެއް ނުފެނޭ، އެއްވެސް ޝައިތާނީ އުނދަގުލެއް ވެސް އިޙްސާސެއްނުވި، އަލިމޫނެއްގެ ފުރިހަމަ ޒުވާނެއެއް އަހަރެން ދުށީ، މީނދަ ކުއްޖާގެ ލޮލާ އޭނާގެ ލޯ އެއްވެސް ތަފާތެއްނެތް" އަޖައިބެއް ފެނިފައި ހުރި މީހަކު ފަދައިން މަލަކާ ވާހަކަދެއްކިއެވެ.

"ދަރިފުޅުގެ ބައްޕައަށް ގޮވާލަބަލަ، އެބަހުރިތަ؟ ބުނެބަލަ މާމަ ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ" އީޝަލްގެ އަތުގައި ހިފާލައި އާދޭހުގެ ރާގެއްގައި ހަފްސާ އެދުނެވެ.

"ބޭރުގައި އެބަހުރި، މާމަ ވަންތަން ބައްޕައަށް ފެންނާނެ... މަންމަ ނެތުމުގެ ސަބަބުން ބައްޕަ ވަރަށް އެކަނިވެރި، މަންމަ މަތިން އަބަދު ހަނދާންކުރޭ، އަޅުގަނޑުމެން މަންމަގެ މަހާނަ ކައިރިއަށް ދަން، ބައްޕައަކީ ގޯސް މީހެއްނޫން، އަޅުގަނޑުދެކެ ވަރަށް ލޯބިވޭ، މާމަމެން ގާތަށް އައުމުން ބައްޕައަށް ހީވަނީ ކަންނޭނގެ މަންމަ ފަދައިން އަޅުގަނޑަށް ވެސް ކަމެއްވެދާނޭ، އެހެންވެ އިންސާނުންގެ ތެރެއަށް އައުމަށް ބައްޕަ ތަރުޙީބެއްނުދޭ، އެއްގޮތަކަށް ވެސް ޤަބޫލުކަމެއްނޫން... އަޅުގަނޑު މިހާރު މިދައްކާ ވާހަކަ ވެސް ބައްޕައަށް އިވޭނެ، ބައްޕަ ހުރީ މިތަނުގައި ހިނގާ ކަންކަން އެނގޭހާ ގާތުގަ، މާމަގެ ތި އާދޭސް ބައްޕައަށް އިވޭނެ" އީޝަލް ބުންޏެވެ. އެއާއެކު ހަފްސާ ވަށައިގެން ހޯދާލިއެވެ. އަދި މީކާޢިލްގެ ނަމުން ގޮވާލިއެވެ. އެވަގުތު ސިޓިންރޫމު ދޮރުމަތިން ސަލާމްގޮވާލި އަޑުއިވުނެވެ. ހަފްސާއަށް އިންތަނުން ތެދުވެވުނެވެ. އެ ސަލާމަށް މަލަކާ ޖަވާބުދިނެވެ.

"މަލަކާ... އެއީ އޭނާ ޖެހިގެން ހުރި ސިފައެއްނޫން، އެއްވެސް ތަފާތެއްނެތް... އެއީ އަހަރެންގެ ޝެބީ ޚިޔާރުކުރި ބައިވެރިޔާ، އޭނާގެ ދަރިފުޅުގެ ބައްޕަ، އަހަރެންގެ ކުރިމަތިން އެ ދުވަހު ވެސް ފެނުނު ސޫރަ..." ހަފްސާ ބުންޏެވެ. މީކާޢިލް ހުރީ ދޮރުމަތީގައި އިސްޖަހާލައިގެންނެވެ.

"އަހަރެންނަށް މަޢާފުކުރޭ، މީ އަހަރެންނަށް އެނގިފައިނުވާ ޢިލްމެއް... އެދުވަހު މަނިކުގެ ބަސް ޤަބޫލުކުރެވުނީ އެހެންވެ، މީކާޢިލް... އާދޭސްކުރަން، މި ނިކަމެތި މަންމައަށް ނޭނގުމުގެ ތެރޭ ކުރެވުނު ހުރިހާކަމަށް މަޢާފަށް އެދެން... އަހަރެންނަށް އަހަރެންގެ ޝެބީ އެއްފަހަރު ވިޔަސް ދައްކާލަބަލަ، އީޝަލް އެބުނީ މިހާރު އަހަރެންގެ ދަރިފުޅު ދުނިޔެއަކުނެތޭ، އެހެންވީރު އެކުއްޖާގެ މަސްގަނޑުވީ ކަލޭމެންގެ ދުނިޔޭގަތަ؟" ހަފްސާ ވާހަކަދެއްކިއެވެ. މީކާޢިލް އެއްޗެއް ނުބުނުމުން އޭނާ ދެފައި މައްޗަށް ތިރިވިއެވެ. އެހިނދު މީކާޢިލް ގޮވާލީ އީޝަލްއަށެވެ. އޭނާގެ މާމަ ނެގުމަށް އީޝަލް ގާތު މީކާޢިލް ބުންޏެވެ. މީކާޢިލް އަޑުވީއްލައި ވާހަކައެއް ނުދެއްކިއެވެ. އޭނާ ވާހަކަދެއްކީ އޭނާގެ ދަރިފުޅާއެވެ. މީކާޢިލްގެ ވާހަކަތައް އެންމެންނަށް ހާމަކުރީ އީޝަލްއެވެ.

"މާމާ... ބައްޕަ ބުނީ މަންމައަށް ޓަކައި އެންމެންނަށް މަޢާފުކޮށްފިންކަމަށް، އެކަމަކު މަންމަގެ ގަބުރު ގެނެސްނުދެވޭނެއޭ، މަންމަ ވަޅުލެވުނީ އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، މަނިކުގެ ސަބަބުން އެދުވަހު އެ ކޮޓަރިތެރެއަށް މަންމަގެ ފަހުނޭވާ ދޫކޮށްލިފަހުން ކަމަކަށް ބައްޕަ އެ ހަށިގަނޑު ގެންދިޔައީ، ބައްޕަ އެދެނީ މަންމަގެ މައްޗަށް ހެޔޮ ދުޢާކުރަން، އިންސާނުންނާއި ޖިންނީން ވެސް މަރުވުމަށްފަހު އެނބުރި އައުމެއްނުވެޔޭ ބައްޕަ ބުނީ" އީޝަލް ބުންޏެވެ.

"ކަލޭ އިންސާނަކަށްވީނަމަ... އެހެންވިޔަސް ކަލެއާ މީނދަ ދަރިފުޅު އަހަރެން ބަލައިގެންފިން" ހަފްސާ ބުނެލީ ހިނިތުންވެލަމުންނެވެ. އެތަނުން މީކާޢިލް ޣައިބުވީއެވެ. ހަފްސާ ދޮރާ ދިމާލަށް ބަލަން ފެށުމުން އީޝަލް ވާހަކަދެއްކިއެވެ.

"ބައްޕަ ބޭރަށް ނުކުމެއްޖެ" އީޝަލް ބުންޏެވެ.

"މާމަ ގާތަށް ދަރިފުޅު އަންނައްޗޭ، ތި އައީ ބޮޑުކުއްޖަކަށްވީ ފަހުން، ދަރިފުޅުގެ ޅައުމުރުގެ އެއްވެސް ހަނދާނެއް މާމަމެންނާއެކުނެތް، އީޝަލް... މިތާ މިތިބީ ދަރިފުޅުގެ ހަޤީޤަތް އެނގޭ މީހުން، ދަރިފުޅުގެ މައްޗަށް ރައްކާތެރިވާނެ ބައެއް، އިތުބާރުކުރެވޭ ބައެއް... މި ފެނިލުމަކީ އެންމެ ފަހު ބައްދަލުވުންކަމަށްވާން މާމަ ނޭދެން... ދަރިފުޅަށް މިހާރު ކިތައް އަހަރުތަ؟ މައުސޫމުކަމުގެ ތެރެއިން މާމައަށް ހަރު އަންހެނެއްގެ ސިފަ އެބަފެނޭ" ސަމާސާ ގޮތަކަށް އީޝަލްގެ ކޮލުގައި ހަފްސާ ހިފާލިއެވެ.

"އަޅުގަނޑު... މިހާރު..." އީޝަލް ލަދުގަންނަގޮތްވިއެވެ. އެހެންވިޔަސް އޭނާގެ ހާލު އޮޅުންފިލުވައިދިނެވެ. އެންމެންނަށް ހައިރާންކަމެއް ލިބުނީ މީހަކާ އިނދެގެން އުޅޭކަން އެނގުމުންނެވެ. އަދި އެމީހުންނާއެކު އޭނާގެ ފިރިމީހާ އައިސް ހުރި ވާހަކަ ބުނުމުންނެވެ.

"މާމައަށް ބައްދަލުނުކޮށްދޭނަންތަ؟ މާމައަށް އެނގޭ ދަރިފުޅުގެ ދުނިޔެ މާމަމެންގެ ދުނިޔެއާ މުޅިން ތަފާތުކަން، އެހެންވިޔަސް ދަރިފުޅުގެ ފިރިމީހާއަށް މިވެސް އީޝަލްގެ ބައެއްކަން އެނގެންވާނެއެއްނު" ހަފްސާ ބުންޏެވެ.

ރައުލްއަށް އީޝަލް ގޮވާލުމުން ދޮރޯށި ހުޅުވާލައިފައި އެތެރެއަށް ވަދެގެން އައެވެ. އާންމު އިންސާނެކޭ އެއްވެސް ތަފާތެއްނެތެވެ. ހަމުގެ ކުލަ އީޝަލްމެންނާ ތަފާތު ވިޔަސް އެ ޒުވާނާއަށް ވެސް ލިބިފައިވަނީ އީޝަލްމެން ފަދަ ރީތިކަމެއްކަން އެންމެންނަށް ފާހަގަވިއެވެ. އަދަބު އިޚްތިރާމު ރައުލް އަދާކުރާތަން އެންމެން ވެސް އެ ޒުވާނާއަށް ޝައުގުވެރިވިއެވެ. އެމީހުންނާ ހިނިތުންވުމެއް ރައުލް ބަދަލުކޮށްލިއެވެ. އީޝަލްގެ ގާތުގައި ރައުލް އައިސް އިށީނެވެ. ދެން ވެސް ވާހަކަދެއްކީ އީޝަލްއެވެ. އެއްވެސް ފޮރުވުމެއްނެތި އީޝަލްމެންނަކީ ޖިންނީންގެ ތެރެއިން ކޮން ނަސްލެއްގެ ބައެއްކަމާއި ރައުލް އައީ ކޮންބައެއްގެ ތެރެއިންކަން ހާމަކުރިއެވެ. އަދި އެމީހުންގެ ދިރިއުޅުންވަނީ ޖިންނީންގެ ތެރޭގައިކަން އީޝަލް ބުންޏެވެ. އެހެންނަމަވެސް ހަފްސާއާއި އަލައިނާގެ ޢާއިލާއިން އޭނާގެ މަތިން ހަނދާންކުރާނަމަ ބައްދަލުކުރަން އާދެވިދާނެކަމުގައި ބުންޏެވެ. އެކަމަކު އެއީ ކޮންމެ ދުވަހަކުވާނޭ ކަމެއްނޫންކަން އީޝަލް ވިސްނައިދިނެވެ. ހަފްސާގެ ވާހަކައާ ގުޅުވައި އީޝަލް ވެސް ބުނީ އިންސާނުންނާއި ޖިންނީންގެ ދުނިޔެއަކީ ވަކި ދެ ތަނެއްކަމެވެ. އެއްބަޔަކު ވެސް އަނެއްބައެއްގެ ތެރެއަށް ވަނުން ރަނގަޅުނުވާނެކަމުގައެވެ.

"އަހަރެން ވެސް ހިތަށް އަރާ އެމީހުންގެ އަލުން ދެވޭނެނަމައޭ" ދޮރޯށި ދޮށުގައި ހުއްޓިލައިގެން ހުރި ޒަލަފް ބުންޏެވެ. މީކާޢިލް ހީނލާފައި ޒަލަފްއަށް ބަލާލިއެވެ.

"އަހަރެން އިންސި ދުނިޔެއަކު ވެސް ނެތް، އެކަމަކު ކަލެއަށް އެ ފުރުޞަތު އެބައޮތް، އަހަރެންނަށް އެ ފުރުޞަތު އޮތްނަމަ ތިހެން ދުރަކު ނުހުރެވުނީސް" މީކާޢިލް ބުންޏެވެ.

"ހެ ހެ ހެ... މިހާރު އެ ހަށިގަނޑަކީ އަހަރެންގެ މިލްކެއްނޫން، ބޭނުންނުވިޔަސް ދޫކޮށްލީ އަހަރެން އަމިއްލައަށް، އޭނާއަށް އޭނާގެ މީހުންގެ ތެރޭގައި އުޅުމަށް ފުރުޞަތު ދޭން އަހަރެންގެ އަމިއްލަ އިޙްސާސްތައް ގުރުބާންކުރީ، އެކަމަކު އެންމެން އެއްތަންކުރެވޭ ދުވަހުން އަހަރެން އޭނާ ދުލެއްނުކުރާނަން، އަހަރެންގެ އަނބިމީހާކަމުގަ އެ ދުވަހަކުން ހަދާނަން" ޒަލަފް ބުންޏެވެ. ފިނިނޭވާއެއް ދޫކޮށްލި މީކާޢިލް މަޑުމަޑުން މަގަށް ނުކުތެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ދޮރޯށި ކައިރީ ފާރުގައި ލެނގިލައިގެން ޒަލަފް ހުއްޓެވެ. އެ ދެމީހުންގެ ލޮލުގައި އަޅައިގަތީ ހިމޭންވެފައި އޮތް އެ މަގުން ދުވަމުން އަންނަ އިންސާނެކެވެ. އިރުއޮއްސެން ކައިރިވެފައި ވިޔަސް ދުނިޔެ މަތިން އަލިކަން ހުއްޓެވެ. ޒަލަފްއާއި މީކާޢިލްގެ ސަމާލުކަން އެ އިންސާނާއަށް ހުއްޓުނީ ސަބަބެއް ނެތިއެއްނޫނެވެ. މަގުގެ އެއްފަރާތުން އެ އިންސާނާގެ ފަހަތުން އަންނަ ހިޔަނި އެމީހުންނަށް ފެނުނީއެވެ. އެ ހިޔަނި އެ އިންސިއާ ގާތެއްނުވެއެވެ. އެއްވަރެއްގައި ހުރެ އަންނަނީއެވެ. އެ ހިޔަނިން ނުބައިކަމެއް ވެސް މީކާޢިލްއާއި ޒަލަފްއަށް އިޙުސާސެއްނުވެއެވެ.

"ސޮރީ..." ދުވަމުން އައި ޒުވާނާ މީކާޢިލްއާ ގާތަށް އާދެވުމުން އޭނާގެ ގައިގާ ނުޖެހެން އެއްފަރާތްވެލައި ބުނެލިއެވެ. ލައިގެން ހުރި ހޫޑީގެ ތެރެއިން މޫނު ނުފެނުނަސް އިވުނީ އަންހެންކުއްޖެއްގެ އަޑެވެ. އޭނާ ފަސްއެނބުރިލި ހިނދު ހުޑް ފަހަތަށް ވެއްޓުނެވެ. ނިކަން އަވަހަށް ހުޑް ގެނެސް ބޮލުގައި އަޅައި އޭނާ ނިވާކޮށްލިއެވެ. އެހެންނަމަވެސް ފަޅި ސިކުންތެއްގެ ތެރޭ މީކާޢިލްއަށް އެ އަންހެންކުއްޖާގެ ވިހުރުވިގެން ދިޔަ ބުޅި އިސްތަށިގަނޑުގެ ތެރެއިން މޫނުގެ ބައެއް ފެނުނެވެ.

"ޒަލަފް..." ޒަލަފްއަށް އެހުރިހާކަމެއް ފެނުނުތޯ އަހާލާ ފަދައިން މީކާޢިލް ގޮވާލިއެވެ. އޭރު އެ ދެ މީހުންގެ މޫނުން ވެސް ފެންނަނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ. އަޖައިބުވެފައި ހުރެ މީކާޢިލްއަށް އޭނާގެ ބޮލުގައި އަތްތިލަ ހިންގާލެވުނެވެ.

"ކިހިނެއް އޭނާއަށް އަހަރެން ފެނުނީ... އިންސާނުންގެ ލޯތަކަށް އަހަރެން މިހުރީ ފޮރުވިގެން... ދެން ކިހިނެއް؟" މީކާޢިލް ސުވާލުކޮށްލިއެވެ. އެއާއެކު އޭނާ ދެން ބަލާލީ އެ އަންހެންކުއްޖާގެ ފަހަތުން ދިޔަ ހިޔަންޏަށެވެ. މީކާޢިލް ބަލާލުމުން އެ ހިޔަނި ފަސްއެނބުރި ބަލާލިއެވެ. އަނދިރިކަމުގެ ތެރެއިން މީހެއްގެ މޫނު ފާޅުވެލައި އެ ޒުވާނާ ހިނިތުންވެލިއެވެ. އަދި އޭނާ ނުހިއްޓި އެ އަންހެންކުއްޖާގެ ފަހަތުން ދިޔައެވެ. ލޮލުކޮޅަށް އެމީހުން އޮބާލަންދެން މީކާޢިލް ބަލަން ހުއްޓެވެ.

ފެނުނު ކަންތަކާމެދު މީކާޢިލް އިތުރަށް މަޝްވަރާއެއްނުކުރިއެވެ. އެހެންވިޔަސް ޒަލަފް އޭނާގެ ޚިޔާލު ފާޅުކުރިއެވެ. ފެނުނީ ޖިންނިއެއްގެ އިންސިއަކަށް ވެދާނޭ ޒަލަފް ބުންޏެވެ. އެކަމާ މީކާޢިލް އެއްބަހެއްނުވިއެވެ. އަދި ޖިންނިއެއްގެ އިންސިއަކަށްވިޔަސް އެހެން ޖިންނީން ނުފެންނާނޭކަން މީކާޢިލް ޔަގީންކޮށްދިނެވެ. އެވާހަކަ ޒަލަފްއަށް ވެސް ޤަބޫލުކުރެވުނެވެ.

އިރުއޮއްސުމާއެކު އީޝަލް ގޮވައިގެން އެނބުރި ޖިންނީންގެ ދުނިޔެއަށް މީކާޢިލް އައެވެ. އޭނާއަށް ފެނުނު ކަންތަކުގެ ވާހަކަ އެކަކު ގާތު ވެސް ނުދެއްކުމަށް ޒަލަފް ގާތު މީކާޢިލް ބުންޏެވެ. ހަފްސާމެންނާ ބައްދަލުވީތީ އީޝަލް ހުރީ އުފަލުންނެވެ. މިޝަލްއާއި އަލައިނާ އެކުގައި ނަގާފައިވާ ފޮޓޯގަނޑެއް އަލައިނާ އޮތީ ދީފައެވެ. ކިތަންމެ ދުރުގައި ހުއްޓަސް ބޮޑުކަމެއް ޖެހިއްޖެނަމަ އީޝަލް އަންނާނަން ކަމުގައި އޭނާ އެމީހުންނަށް ވަޢުދުވިއެވެ. އަދި ޢާއިލާ އިތުރުވާ ދުވަހަކުން އެ ޢާއިލާއާ ބައްދަލުކޮށްދޭން އެމީހުންގެ ތެރެއަށް އީޝަލް އަންނާނަންކަމުގައި ވެސް ބުންޏެވެ. އެނބުރި އާދެވުމުން ޒިޔަޒެލްއަށް ހުރިހާ ވާހަކައެއް އީޝަލް ކިޔާދިނެވެ. އެތަނުގައި އޭނާގެ ވާހަކަތައް އަޑުއަހަން ލުގަލްބަންދާއާއި ވައިސިންނީގެ އިތުރުން ޔޫރާ ވެސް ތިއްބެވެ.

ރައުލްއާއެކު ތުނޑީގެ ކޮޅަށް އައިސް އީޝަލް މަޑުކޮށްލިއެވެ. ހުރިހާކަމަކާމެދު އޭނާ މިހާރު އެ ހުރީ ވަރަށް ހިތްހަމަޖެހިފައިކަމުގައި އީޝަލް ބުންޏެވެ. އަދި ރައުލްދެކެ ލޯބިވާވަރު އޭނާ ހާމަކުރިއެވެ. އަނބިމީހާ އުނގަށްލައިގެން ވެލިގަނޑު މަތީ ރައުލް އިށީނެވެ.

"މަދުރާގެ ވާހަކަ ރައުލް ވެސް އަޑުއެހީމެންނު ދޯ، އެކަމާ އަހަރެން ގޮތެއް ނިންމައިފިން، ރައުލް ރުހޭނަމަ ބުނަންވީ" އީޝަލް ބުންޏެވެ. އަދި އޭނާ ޚިޔާލުކޮށްފައި އޮތް ގޮތް ރައުލްއަށް ކިޔައިދިނެވެ. ބޭރީތުގެ ރަސްކަން މަދުރާ ބުނިހެން ރަނގަޅު ހަރުދަނާ ގޮތެއްގައި ކޮޅަށް ޖަހަން އީޝަލް ބޭނުންވިއެވެ. ރައުލްއަށް އެއްގަމުގައި އުޅެން ފަސޭހަވިޔަސް ރާވިންނާއި ދެންތިބި އެކުވެރީންނަށް އެގޮތް ފަސޭހަނުވާނެތީ އެމީހުންނަށް ޓަކައި ބޭރީތުގެ ގަނޑުވަރު ޚިޔާރުކުރިއެވެ. ރަސްކަމުގެ ތަޚުތައް ހަތޯރު އިސްކުރުމަށެވެ. އަދި އޭނާއަށް އެހީވާން ދެންތިބި މީހުން ތިބުމަށެވެ. ކަމަކަށް ބޭނުންވެއްޖެނަމަ އީޝަލްއާއި ރައުލް ވެސް އެމީހުންނަށް އެހީވާން ދެވޭނެކަމެވެ. އަދި އެމީހުންނަށް ވެސް އީޝަލްމެންގެ ތެރެއަށް އައިސް އުޅުން މަނާނުވާނެކަމެވެ. އޭރުން މުސްތަޤުބަލުގައި އެ ދެބައިމީހުންގެ މެދުގައި ވަރުގަދަ ގުޅުމެއް ޤާއިމް ކުރެވިފައި އޮންނާނެކަމެވެ. ބަޚުރުގެ ތެރެއިން އީޝަލްމެންނާ އެއްބާރުލުން ދޭނެ ބަޔަކު ތިބޭނެކަމެވެ. އީޝަލްގެ އެ ޚިޔާލު ރައުލްއަށް ވަރަށް ކަމުދިޔައެވެ. އެއަށްވުރެ ރަނގަޅު ނިންމުމެއް ނެތްކަން ޚުދު ރައުލް ވެސް ޤަބޫލުކުރިއެވެ.

"ހަތޯރަކީ އެކަމަށް އެންމެ އެކަށޭނެ ޒުވާނާ... ސޭމެސްގެ އެހީތެރިކަމާއެކު އޭނާއަކީ ބަޚުރުގައިވާނެ އެންމެ ޢަދުލުވެރި ރަސްކަލަށްވާނެކަން ޔަގީން، އޭނާގެ އެ ޤާބިލުކަން އެބަހުރި، މިހާރު މިވަގުތު ތި ޚަބަރު އެންމެންނަށް ދޭން އަހަރެން ބޭނުން" ރައުލްއަށް ތަފާތު އުފާވެރިކަމެއް ލިބިފައި ވާކަހަލައެވެ.

އީޝަލްގެ ޚިޔާލު ހާމަކުރުމާއެކު މަދުރާގެ ކުރިމަތީ އީޝަލްގެ ޤަދަރު އުފުލުނެވެ. އޭނާ ބޭނުންވަނީ ބޭރީތުގެ ތަޚުތުގައި ރައުލް އިނުމެވެ. އެހެންވިޔަސް އީޝަލްގެ ނިންމުން އޭނާ ޤަބޫލުކުރިއެވެ. ތަޚުތެއްގައި ނީނެއްކަމަކު އީޝަލްއަކީ ރަންޏެއްކަމަށް މަދުރާ ބުންޏެވެ. އޭނާގެ ވިސްނުމާއި އޭނާގެ ބާރަކީ އެފަދަ ބާރެއްކަމެވެ. ޔަގީނުން ވެސް ބަޚުރުން ބައެއް އީޝަލްއަށް ބޯލަނބާނެކަމުގެ ޔަގީންކަން މަދުރާ ދިނެވެ. އެކަމާ އެހެންމެންބަރުން އެއްބަސްވިއެވެ. އެ މަޝްވަރާ އަޑުއަހަން ޒިޔަޒެލްއާއި މީކާޢިލް ތިބީ ފަޚުރުވެރިކަމާއެކުއެވެ. ރައުލްގެ ބަސް އޭނާގެ އެކުވެރީން ޤަބޫލުކުރިއެވެ.

"ގަނޑުވަރަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް މަރާމާތު ކުރެވެންދެން އަހަރެން ކަލޭމެންނާއެކު ހުންނާނަން، އަދި ތަޚުތަށް ހަތޯރު އިސްކުރެވޭ ޙަފުލާ ކުލަގަދަކޮށް ފާހަގަކުރަން ބޭނުން" ރައުލް ބުންޏެވެ.

"ރަސްކަން ބޭނުންވެގެން މަންމަ އުޅުނީ، މިއަދު އެ ރަސްކަން މަންމަ ބޭނުންވި ފަދައިން މަންމަގެ ދަރިއަކަށް ލިބިއްޖެ، ރައުލްއާމެދު މަންމަ ހިތްނުބައިކުރިއިރު މި ހުރިހާކަމެއް މިވީ އޭނާގެ ހިތްތިރިކަމުން، އަހަރެން އަބަދުވެސް ބުނިން، ރައުލްއަކީ އަމިއްލަ އެދުން ބޮޑު ނުބައި މީހެއްނޫނޭ، އެދުވަހު ވެސް އަހަރެން ހުރީ ރައުލްއާއެކު، މިއަދު ވެސް ރައުލްގެ ތި ނިންމުން އަހަރެން ޤަބޫލުކުރާނަން، އަހަރެންނަށް އެނގޭ އަހަރެންނަށް ހެދޭ ގޯސްތައް ރައުލް ރަނގަޅުކޮށްދޭނެކަން، ހަމަމަގަށް އަހަރެން ގެންނާނެކަން... އެހެންނޫނީ މިކަމެއް އަހަރެންނަށް ނުވާނެ" ހަތޯރު ބުންޏެވެ.

ރޭގެ އަރާމު ހޯދުމަށް އެންމެން ބައިބައިވެ އެމީހެއްގެ ދާނުގައި އޮތުމަށް ދިޔައީ ހިތްހަމަޖެހިގެން ތިބެއެވެ. އިހު އޮތް އަމާންކަން އެނބުރި އަތުވެއްޖެކަން އެންމެންނަށް ވެސް ޤަބޫލުކުރެވިއްޖެއެވެ. އަދި މިހާރު އެމީހުންގެ މައްޗަށް އެއްވެސް ކޮޅަކުން މަޖުބޫރުކަމެއް ނެތެވެ.

* * * * *

ފަތިހުގެ ރަން ދޯދި އުދަރެހުން ފާޅުވެލީ ކިރިޔާއެވެ. ޒިޔަޒެލްމެންނާ ވަކިވެގެން ރައުލް އައީ އަތިރިމަތީގައި ހުރި އޭނާގެ އަނބިމީހާ ގާތަށެވެ. ހިނިތުންވެލައިގެން ހުރެ އީޝަލް އެނބުރިލިއެވެ. ރައުލް އައިސް އީޝަލްގެ އުނަގަނޑުގައި ހިފަހައްޓާލައި ގާތްކޮށްލައި ނިތުގައި ބޮސްދިނެވެ.

"މީ ކޯޗެއްކަން އެނގޭތަ؟" އަތުގައި އޮތް ހިލަކޮޅު އީޝަލް ދައްކާލަމުން އަހާލިއެވެ. ރައުލްއަށް ވަގުތުން އެއީ ކޯޗެއްކަން އެނގުނެވެ.

"އީޝަލްގެ އަތަށް އެރީ ކިހިނެއް؟... އަހަރެން ހީކުރީ ރާވިންގެ އަތުގައި ކަމަށް އޮތީ... ރާވިން އަހަރެންނަށް ކިޔައިދިން" ރައުލް ބުންޏެވެ.

"ސަމިއާނާގެ އަހަރެން ދުށީން، އެހެންވިޔަސް އަހަރެން އޭނާއަށް ރަޙުމަތްތެރިކަމުގެ އަތް ދިއްކުރިން، އެ އަތުގައި އޭނާ ހިފި، ރައުލް!... އޭނާ ހުރީ ރައުލްއާ ބައްދަލުކުރަން ބޭނުންވެފައި" އީޝަލް ބުންޏެވެ.

"އެކަމަކު... އަހަރެމެން ދެ މީހުންގެ ދެމެދު" ރައުލް ހާސްވިއެވެ.

"އެނގޭ... އޭނާގެ ހިތް އެނގުނުހެން ރައުލްގެ ހިތް ވެސް އަހަރެންނަށް އެނގޭ، ސަމިއާނާ ބޭނުންވިޔަސް ތިހިތުން އޭނާއަށް ޖާގައެއްނެތް، އެކަމަކު އޭނާއަށް ރަޚުމަތްތެރިކަން ނުބޭއްވޭނެތަ؟ ސަމިއާނާއަކީ މިހާރު އަހަރެންގެ ރަޚުމަތްތެރިއެއް" އީޝަލް ބުންޏެވެ. ރައުލް ހިނިތުންވުމެއް އީޝަލްއަށް ދިނެވެ.

"އީޝަލްގެ ހިތް ސާފީއާ އަހަރެން މިހުރީ ރަޚުމަތްތެރިކަމުގެ އަތް ދަމާލަން ތައްޔާރަށް، އަހަރެންނަށް އީޝަލްއަށް ނޫނެކޭ ނުބުނެވޭނެ، ތީ މުޅި ދުނިޔޭގައި ވެސް ހުރި އަހަރެން އެންމެ ލޯބިވާ މީހާ، އަހަރެންގެ ނަސީބާމެދު ޝުކުރުވެރިވަން، އެނބުރި އަހަރެންގެ އަނބިމީހާގެ ގާތަށް އާދެވިއްޖެ" ރައުލް ބުންޏެވެ. ދެން ފެނުނީ ދިޔަރެސް ފަށަށް އީޝަލްގެ އަތުގައި އޮތް ހިލަކޮޅު އެއްލި ތަނެވެ. ގިނައިރެއްނުވެ ސަމިއާނާ ފާޅުވެއްޖެއެވެ. އޭނާ ފެނުމުން އީޝަލް ހަލުވިކޮށް އައިސް އޭނާއާ ކަރާކަރުޖައްސާ ސަލާމްކޮށްފިއެވެ. ބައްދަލުވީތީ އުފާފާޅުކުރިއެވެ. ރައުލް ގަދަވެ ސަލާމަތުން ހުރިތަން ފެނުމުން ސަމިއާނާއަށް އުފަލުން ގޮސް ރޮވުނެވެ.

"ސަމިއާނާ... އަހަރެން ތަޢާރަފުކޮށްދިނުމުގެ ކުރީން ކަލޭމެން ދެ މީހުން އެކަކުއަނެކަކާ ބައްދަލުވެއްޖައީމު، އަހަރެން ގާތުން ސަމިއާނާ އެދުނު ހަނދާންވޭ، ރަޚުމަތްތެރިއެއްގެ ގޮތުގައި ހުންނާނަމޭ، އަދި އަހަރެމެންގެ ކައިވެންޏަށް ދަޢުވަތު ދީފިނަމަ ބައިވެރިވާނަމޭ.... ކައިވެނި ކުރެވިއްޖެ، އެހެންވިޔަސް އެކުވެރިކަމަށް ވަގުތު ކަނޑައެޅިފައެއްނުވޭ، މި ހުރީ އަހަރެންގެ ލޯބިވާ އަނބިމީހާ، އޭނާގެ ކުރިމަތީ މިބުނަނީ، މިއަދުފެށިގެން އަހަރެންގެ އެކުވެރިކަން ސަމިއާނާއާއެކުވޭ... އަހަރެންނަށް މަޢާފުކުރޭ އީޝަލްނޫން އަންހެނެއް އަހަރެންނަށް ބަލައިނުގަނެވޭނެ" ރައުލް ބުންޏެވެ. އޭނާއަށް ބަލަން ހުރެފައި ސަމިއާނާ ޖަހާލީ ހިނިގަނޑެކެވެ. އަދި އީޝަލްގެ ދެއަތުގައި އޭނާ ހިފާލިއެވެ.

"އެނގޭ... އެކުވެރިކަން ފުދޭ... އީޝަލްގެ މަޤާމަށް އައުމުގެ ޝައުގުވެރިކަމެއް މިހާރަކުނެތް، ކަލޭމެން ދެމީހުންވަނީ އެކަކުއަނެކަކަށް ޓަކައި" ނިކަން ބޮޑަށް ހިނިއައިސްފައި ހުރެ ސަމިއާނާ ބުންޏެވެ.

އީޝަލްމެންގެ ހަރަކާތްތަކަށް ބަލަން ދުރުގައި ލުގަލްބަންދާ އޮތެވެ. އޭނާގެ ގާތުގައި ވައިސިންނީއާއި ޔޫރާ ހުއްޓެވެ. އީޝަލްގެ ދިރިއުޅުން އަދިކިރިޔާ ފެށުނީ ކަމުގައި ވައިސިންނީ ބުންޏެވެ. އަދި ލުގަލްބަންދާގެ ބުރަކަށިމަތީ މަޑުމަޑުން އޭނާ ޖަހާލިއެވެ. އީޝަލް ދިރިހުރިހާ ދުވަހަކު އެމީހުންވަނީ އޭނާއާ ގުޅިފައިކަން ވެސް ވައިސިންނީ ބުންޏެވެ. އީޝަލްއަށް ދުވަހަކުވެސް ދެރަގޮތެއް ވާން ނޭދޭކަން ލުގަލްބަންދާ ހާމަކުރިއެވެ.

"ކަލޭގެ ޚަބަރު ވެސް އޮޅުންފިލުވަންވީ ވަގުތު ޖެހިއްޖެ... މީ އެކަންކުރުމަށް އަހަރެންނަށް ލިބޭނެ ފުރުޞަތު، އަހަރެންގެ އެކުވެރިޔާއަށް ވީގޮތެއް އެނގެން ބޭނުން" ވައިސިންނީ ބުންޏެވެ. ޔޫރާއާއި ލުގަލްބަންދާއާ ދެމީހުން ވައިސިންނީއަށް ބަލާލިއެވެ.

އީޝަލްގެ ދިރިއުޅުންވަނީ ޖިންނީންގެ ތެރޭގައިކަން ގައިމެވެ. އެހެންވިޔަސް މީކާޢިލްގެ ޚިޔާލުތައް ވަނީ އިންސީންގެ ދުނިޔެއާ ގުޅިފައެވެ. މިޝަލް ބޭނުންވާނޭ ފަދަ ހަމަޖެހޭ ދިރިއުޅުމެއް އޭނާގެ ދަރިފުޅަށް ހޯދާ ދެވިއްޖެކަމުގައި މީކާޢިލްއަށް މިއަދު ޤަބޫލުކުރެވެއެވެ. ހަމައެއާއެކު އޭނާގެ ގާތުގައި ހުންނާނޭ އޭނާގެ ޖަޒުބާތުތައް ވިސްނޭ އެކުވެރިޔަކު ލިބިއްޖެއެވެ. ޒަލަފްއާ ބައްދަލުވީތީ އޭނާ އެކަމާ އުފާކުރެއެވެ.

"އަދިވެސް ތިވިސްނަނީ އެކަމާތަ؟" މީކާޢިލް ގެއްލިފައި އިންތަން ފެނި ޒަލަފް އެއްސެވެ. ބެރެބެދިގަހުގެ އޮފިގަނޑެއްގައި އިން މީކާޢިލް ފެންނަ ހިސާބުގައި ޒަލަފް އިނެވެ. އެމީހުން ރަށުތެރޭގައި ހިނގާ ކަންކަން ބަލަނީއެވެ. އެހިސާބުން އޭނާއަށް އީޝަލްއާއި ރައުލް ވެސް ފެނެއެވެ.

"އެއީ އަޖައިބެއް... އެކަމަކު މިވަގުތު ހިތުގައިވަނީ އީޝަލް، އަހަރެން އެ ދަރިފުޅު ގޮވައިގެން އަހަރެމެންގެ ތެރެއަށް އައުން އެއީ ރަނގަޅު ނިންމުމެކޭ، ރައުލްއާއި އީޝަލްގެ އުފާވެރިކަން އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދީފި، މިވަގުތަށް މުހިންމީ އެކަން، ދުނިޔޭގައި ހުރިއްޔާ އަދި އެހެން ކަންތައްތަކާ ވިސްނާ ފިކުރުކުރާނޭ ވަގުތު ވާނެ" މާނަފުން ހިނިތުންވުމެއް މީކާޢިލް ބަދަލުކޮށްލިއެވެ. އެ ހިނިތުންވުން ބުނަނީ ކީކޭކަން އެނގުނު ފަދައިން ޒަލަފް ވެސް ހީނލިއެވެ. (ނިމުނީ)