މާލޭގެ ޓީ ޖެޓީ ބަނދަރު ސަރަހައްދުން މަސްތުވާތަކެތީގެ ބާވަތްތައް ހިފައިގެން ފުރަން އުޅުނު މީހަކު ފުލުހުން ރޭ ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޓީޖެޓީ ބަނދަރު ސަރަހައްދުން ރޭ 7:45 ހާއިރު ހައްޔަރު ކުރީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަސައްކަތް ކުރީ މަސްތުވާތަކެތި ހިފައިގެން އެ ބަނދަރުގައި އޮތް މުދާ އުފުލާ ދޯންޏަކުން އެހެން ރަށަކަށް ދިއުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ބަލާ ފާސް ކުރުމުން އޭނާ ލައިގެން ހުރި ޖިންސްގެ ވާތް ފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ހުރި އެއް ރަބަރު ޕެކެޓް އަދި އޭނާ ގެންގުޅުނު ދަބަހުން ހަތަރު ރަބަރު ޕެކެޓާއި ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މަސްތުވާތަކެތީގެ ބަރުދަނަކީ 80 ގްރާމެވެ.
ޓީ ޖެޓީ ބަނދަރުން މަސްތުވާތަކެތި ހިފައިގެން ފުރަން އުޅުނު މީހަކު ފުލުހުން ހައްޔަރުކުރިއިރު، ދާދި ފަހުން ފުލުހުން ވަނީ ހަ ކިލޯގެ މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ކޯޓުން ޖަހާފަ އެވެ.