ރިޕޯޓް

އުތީމު މަހާރަދުން ދޭ ކައިވެނީގެ ރަން!

މުޅި ރާއްޖެ އަދި ވަކިން ހާއްސަކޮށް ހއ. އުތީމު ފަހުރުވެރިވާ އުތީމު މަހާރަދުން ނުވަތަ ބޮޑުތަކުރުފާނަކީ ރާއްޖެ ޕޯޗުގީޒުންގެ އަތްދަށުން ސަލާމަތްކޮށްދެއްވި ގައުމީ ބަތަލެކެވެ. މިއީ އަލި ރަސްގެފާނު ޝަހީދު ކުރުމަށްފަހު 15 ވަރަކަށް އަހަރުވަންދެން ރާއްޖޭގައި އަނިޔާވެރި ވެރިކަމެއް ހިންގި ޕޯޗުގީޒުންގެ ބޮޑު ލަޝްކަރުގެ އަތުން ގުރުބާންވެ ގައުމު ސަލާމަތްކޮށްދިން ކުޑަ ލަޝްކަރުގެ އެންމެ ކުރީ ސަފުގައި ހުންނެވި ބަތަލެވެ. ތާރީހީ ފޮތްފޮތުންނާއި އެކި ލިޔުންތަކުން އަދި ތަމްސީލު ޑްރާމާތަކުންވެސް ޕޯޗުގީޒުންނާއި އުތީމު މަހާރަދުންގެ ވާހަކަތައް އިވި ފެނިފައިވެ އެވެ. ބޮޑުތަކުރުފާނާއި ހާޖީންނާއި ދަންޑަހެލުވީ ގުރުބާނީ އަށް ޝުކުރުވެސް ހައްގެވެ. އެހެންނަމަވެސް، ރާއްޖޭގެ ތާރީހުގައި ހިނގި މި ހާދިސާގައި ފަވާލެވޭ މި ނަމާ މިފަހަރު ގުޅިފައި މިއޮތީ ކައިވެންޏެކެވެ. ވަކީން ހާއްސަކޮށް ކައިވެނީގެ ރަނާ އެވެ.

މިވެސް އުތީމަށް އުފަން ދަރި އެކެވެ. "އުތީމު މަހާރަދުން"ގެ ނަމުން މިއަދު މުޅި އުތީމު ފަހުރުވެރިވާ ވަރުގެ ހުނަރުވެރި އެއްގެ ގޮތުގައި އަހްމަދު ސުހައިލް ފެނެ އެވެ. ކައިވެނީގެ ރަން ރީތިކޮށް ޖަރީކޮށްފައި އަަދި ފަހުން ބަލާލަންވެސް ރީތިވާނެ ކަހަލަ ގޮތަކަށް ތައްޔާރުކޮށްފައި ދެނީ ސުހައިލް އެވެ. އޭނާގެ ނަމުގެ ބްރެކެޓު ތެރެއަށް އުތީމު މަހާރަދުން ހިމަނާ ބްރޭންޑް ނަމަކަށްވެސް ހެދީ އެ ރަށަށް ލިބިފައިވާ ޝަރަފު ދެމެހެއްޓުމަށް ކަމަށް ސުހައިލް ބުނެ އެވެ.

މި މަސައްކަތުގައި ސުހައިލް އުޅޭތާ މިހާރު 10 ވަރަކަށް އަހަރު ވަނީ އެވެ. ރަސްްމީ ވަޒީފާގައި ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރިއަސް އޭނާ އަކީ ހުނަރުވެރި އެކެވެ. މަސައްކަތުގެ ރޮނގުން އާންމުކޮށް ފިިރިހެންވެރިން ކޮށް ނޫޅޭ މަސައްކަތެއް ނަގައިގެން ތަފާތު ބްރޭންޑެއް އުފައްދައިފި އެވެ.

"އަސްލު ވީގޮތަކީ އަޅުގަނޑާއެކު ވަޒީފާގައި މަސައްކަތް ކުރި ކުއްޖެއްގެ ކައިވެނީގެ ހުރިހާ ކަމެއްގައިވެސް އުޅެން ޖެހުނީ އަޅުގަނޑު. އޭނަ ބޭނުންވީ އެ ކައިވެނީގެ ހުރިހާ ކަމެއްގައި ޝާމިލުވާން. އެއީ ހެކިވެރިންގެ ގޮތުން ގޮސް ޑެކަރޭޝަން އަށްވެސް. ދެން ބުނީ ތިމަންނަ ކައިވެނީގެ ރަން ދޭން ބޭނުންވަނީ ވަކިލާރިންނޭ. ދެން ދިނީ 1111 ރުފިޔާ އަށް ވާ ވަރަށް ލާރި. ދެން އެ ބިއްލޫރި ބޯލް އަކަށް އަޅާފައި، ރިހާކުރު ރުނބާ ހުންނަ ގޮތަށް ވަށައިގެން ރޯނު އައްސާފަ އެކަހަލަ ގޮތަކަށް އޭތި ހެދީ" ސުހައިލް ހެދި ފުރަތަމަ ރަން ކިޔައިދިނެވެ.

ރައްޓެއްސަކަށް ހަދައިދިން ކައިވެނީގެ ރަން ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ އެއީ އެދުވަސްވަރު އާ ކަމަކަށް ވުމުންނެވެ. މިހާރުގެ ކުދިން ކުރާ ކައިވެންޏާ މީގެ ދިހަަވަރަކަށް އަަހަރު ކުރި އަށް ޖެހިލާ ނަމަ ފުދޭވަރެއްގެ ބޮޑު ތަފާތެއް ހުންނާނެ އެވެ. ކައިވެނީގެ ތަނާއި ކޭކާއި ކާޑުގެ އިތުރުން މި ދޭ ރަނަކީވެސް ޒަމާނީ ކުލަ ޖެހިފައިވާ އެއްޗިއްސެވެ. އެދުވަހު ވަކި ލާރި އަޅައިގެން ހެދި ރުނބާ މިއަދު ފެންނަން ނެތަސް އޭގެ އެތައް ސަތޭކަ ރަނެއް މިހާރު އެކި މީހުންގެ ކޮޓަރިތަކާއި ކަބަޑުތަކުގައި ރައްކާކޮށްފައި ހުންނާނެ އެވެ.

ތަފާތު އެކި ޑިޒައިންތަކަށް ކައިވެނީގެ ރަން ތައްޔާރުކޮށްދޭ އިރު، ރާއްޖޭގެ ހައި ޕްރޮފައިލް މީހުންނާއި ސިޔާސީ ފަރާތްތަކާއި ފިލްމީ ތަރިންވެސް ވަނީ ސުހައިލް މި ދޭ ރަނުގައި ހިފާފަ އެވެ. ގިނަފަހަރަށް އަންނަނީ ކަސްޓަމް މޭޑް ޑިޒައިންތައް ކަމުގައި ވިޔަސް، މިކަމުގައިވެސް ދަަތިތަކެއް ދިމާވާ ކަމަށް ސުހައިލް ބުންޏެވެ. ކައިވެނީގެ ކަންކަން ފުރިހަމަ ކޮށްދޭން ވަކިން ހާއްސަ ބަޔެއް ތިބޭ އިރު އެމީހުންގެ ޑިޒައިންތައް ހިފައިގެން އަންނަ މީހުންވެސް މަދު ނޫން ކަމަށް ބުންޏެވެ. އެހެންނަމަވެސް، އެއިން ކޮންމެ މީހަކަށް ސުހައިލް ދޭ ޖަވާބަކީ "އަހަރެން ކައިރިއަށް އަންނަ ކަމުގައި ވާނަމަ ކޮންމެވެސް ބަދަލެއް ގެންނަން ޖެހޭނެ" ކަމަށެވެ. ޔުނީކް އެއްޗަކަށް ވާން ސުހައިލް ބޭނުންވެ އެވެ.

"މިކަަމުގެ އަސްލު އެންމެ ބޮޑު ޗެލެންޖަކީ ކޮޕީ ކުރުން. މިސާލަކަށް އަޅުގަނޑު ހަދާފަައި ހުންނަ އެއްޗެއް އެ އިން ގޮތަށް އެހެން ބަޔަކު ކޮޕީ ކޮށްފާނެ. ދެރަވޭ އެހެން ހަދާފައި ހުންނާތީ. އަޅުގަނޑު ކައިރިއަށްވެސް ވަރަށް އާދޭ އެހެން މީހުން ހަދާފައި ހުންނަ އޯޑާސްތައް ހަމަ އެ އިންނަ ގޮތަށް ހަދަން. ޗޭންޖެއް ގެންނާނަމޭ ބުނީމަ ބައެއް ކަސްޓަމަރުން ހިިތްހަމަވެސް ނުޖެހޭ. ބަދަލުކުރަން އެއްބަސް ނުވެއްޖިއްޔާ އަޅުގަނޑު ދޫކޮށްލަން އޭއްޗެއް".

މި ޑިޒައިންތަކުގެ ތެރެއިންވެސް ސުހައިލް ފާހަގަކޮށް ފޮނިވެލާފަައި ދަައްކާލާ ރަންތަކެއް ހުރެ އެވެ. އެއީ އައިޓީ ދެ މީހެއްގެ ކައިވެންޏަށް ހެދި މަދަބޯޑު އަކާއި ޑޮކްޓަރެއްގެ ކޮޓަރި ސިިފަވާ ގޮތަށް ހެދި ރަނެއް އަދި ކޯޓު ރޫމެއް ސިފަވާ ގޮތަށް ހެދި ރަނެވެ. މިއީ ސުހައިލްްގެ ރަނުގެ ދިގު ލިސްޓުގެ އެންމެ ކުރީގައި ހުރި ބައެއް އުފެއްދުންތަކެވެ. މި ނޫނަސް، މިހާރު ގިނަަބަޔަކަށް ކަމުދާ "ބޭންކް ޓްރާންސެކްޝަން"ވެސް ވަރަށް އަވަހަށް ވައިގައި ހިފި ކަމަށް ސުހައިލް ބުންޏެވެ. ލާރި ޓްރާންސްފާ ކޮށްލާފައި ބެންކު އެޕްލިކޭޝަނުން ސޭވް ކުރަން ދޭ ޓްރާންސެކްޝަނުގެ ރަން ޓްރާންސެކްޝަން ވަރަަށްވެސް ޒަމާނީ އެވެ.

"މިހާރު 1500 އާ ގާތް ކުރާނެ ކައިވެނީގެ ރަން ހެދިފައި ހުރި ވަރު. ބުނާ ދުވަހަށް ނިންމުން އެއީ އެންްމެ މުހިއްމުކަންތައް އެހެންވެ ވަގުތުވެސް ހަމަ ވަރަށް ބަހާލައިގެން އުޅެނީ. އަޅުގަނޑަކަށް ނޯންނާނެ ވަކި ވަގުތެއް. ޑިއުޓީ ދަންވަރު އެކެއް ޖަހާއިރު ނިމުނަސް، މާދަމާއަށް ރަނެއް އޮތިއްޔާ އޭގެ މަސައްކަތް ކޮށްލާފަ ނިދާފަ ހަމަ ޑިއުޓީއަށްވެސް ދަން"

ފެޝަން ޑިޒައިނަރެއް ނޫންނަމަ، ކުލަ ކުލައިގެ ޒާތްޒާތުގެ މަލާއި މިނާފުށް އަދި ވެލިފޮއްޗާއި ތެރަސް ކަހަލަ މި އެއްޗިއްސަކީ އާއްމުކޮށް އަންހެންވެރިންގެ ރަސްކަންކުރާ އެއްޗިއްސެވެ. އެކަމަކު އެމީހުންނާ އެއްވަރަށް ސުހައިލް އާ އެންމެ ރަައްޓެހި އެއްޗިއްސަކީވެސް ހަމަ މި އެވެ. ރީތިި ވިދާ ބަރަންޏާއި ރޭނދާތައް ހޯދަން ފޮތި ފިހާރަތަކަށްވެސް ސުހައިލް ދުއްވަ އެވެ. އާއިލާ ބެލެހެއްޓުމުގެ ބޮޑު ޒިިންމާ އަދާކުރަމުން މި މަސައްތާއެކު ދުވަސް ހޭދަކުރަނީ ކައިވެނި ކުރާ ދެމީހުންނަށް އިތުރު ބުރައެއް ނުޖައްސާ ހިތްހަމަ ޖެހޭ ގޮތަށް ވަގުތަށް ނިންމާށެވެ. އަންހެން ކުއްްޖާއަށް ދޭ ސަޕްރައިޒް ވީހާވެސް ރީތިކޮށް ހަދާށެވެ. ކަސްޓަމަރުންގެ ޝުކުރުގެ ބަސްތަކުގެ އިތުރުން ކައިވެނި ހަފްލާއަށް ލިބޭ ދައުވަތަކީ އޭނާގެ މަސައްކަތް ބަލައިގަން ކަމުގެ ހެއްކެއް ކަމަށް ސުހައިލް ދެކެ އެވެ.

ރީތި ނަންބަރުތަކުން ރަން ކިޔުމާއި ލޮލަށް ރީތި ގޮތްތަކަށް ރަން ޑިޒަައިން ކުރުމަކީ މިހާރުގެ ކަމަކަށް ވިޔަސް މިއީ އޭރުވެސް މިހާރުވެސް ކައިވެނީގެ އެންމެ ހާއްސަ އެކައްޗެވެ. ކައިވެނީގެ ރަަމްޒެއްގެ ގޮތުގައިވެސް ބަހައްޓާ އެއްޗެކެވެ. ދެމީހެއްގެ ދިރިއުޅުމުގެ ފުރަތަމަ ފިޔަވަޅު އަޅާ އިރު އުތީމު މަހާރަދުންް ތައްޔާރުކޮށްދޭ ކައިވެނީގެ ރަަން ވަަރަށްވެސް ވިދުން ގަދަ އެވެ.