ވިކްޓަރީގެ ބޯޑުން ކޮށްދޭނެ ކަމަށް ބުނި އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށާއި ބޯޑުގެ އެއްބާރުލުން ނުލިބޭނަމަ މަގާމުން އިސްތިއުފާ ދޭން ވިސްނާ ކަމަށް ވިކްޓަރީގެ ހެޑް ކޯޗް މުހައްމަދު އާދަމް ބުނެފި އެވެ.
ދިވެހި ޕްރިމިއާ ލީގްގެ ކުޅުން 26 ދުވަހުގެ ބްރޭކަކަށް ފަހު ހޮނިހިރު ދުވަހު އަލުން ފަށާއިރު، ވިކްޓަރީއަށް ބިދޭސީ ކުޅުންތެރިންގެ ކަންކަން ހަމަ ނުޖެހެ އެވެ. ބްރޭކަށް ދިއުމުގެ ކުރިން މުހައްމަދު، ބުނީ ލީގް އަލުން ފަށާއިރު ބިދޭސީ ކުޅުންތެރިން ގެނެސްދޭނެ ކަމަށް ކުލަބުން ބުނެފައިވާ ކަމަށެވެ.
އިއްޔަ ބޭއްވި ޕްރީ މެޗް ޕްރެސްގައި ވާހަކަ ދައްކަމުން މުހައްމަދު ބުނީ ކަންކަން ދިޔައީ އޭނާ ހީކުރި ގޮތާ ހިލާފަށް ކަމަށެވެ. ބްރޭކަށް ފަހު ހޮނިހިރު ދުވަހުގެ ރޭ ވިކްޓަރީ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.
"ކުލަބުގެ މެނޭޖުމެންޓުން ކޮށްދޭން ބުނި އެއްވެސް ކަމެއް ފައިސާގެ ދަތިކަމާ ހުރެ އެމީހުންނަކަށް ކޮށް ނުދެވުނު،" މުހައްމަދު ވާހަކަ ދެއްކި އެވެ. "އެ ސަބަބާ ހެދި ވަރަށް ގެއްލުންތަކެއްވި."
އޭނާ ބުނީ ސީޒަން ފަށަން ތައްޔާރުވިއިރު ޓީމުގައި 31 ކުޅުންތެރިން ތިބި ކަމަށާއި އެކި ސަބަބުތަކާ ހެދި ކުޅުންތެރިން ވަކިވަމުން ގޮސް މިހާރު ޓީމުގައި ތިބީ ކީޕަރު ހިމަނައިގެން 16 ކުޅުންތެރިން ކަމަށެވެ. އޭގެ ތެރެއިން ތިން ކުޅުންތެރިން މިހާރު ތިބީ އިންޖަރީގައި ކަމަށެވެ.
އަނިޔާގައި ތިބި ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކަށް ނުކުޅެވުނަސް މާޒިޔާ އާ ދެކޮޅަށް މެޗަށް ޓީމު ހަމަކުރަންވެސް ދަތި ވާނެ ކަމަށް މުހައްމަދު ބުންޏެވެ.
"މިވަރުގެ ސިޓުއޭޝަނެއްގައި އަސްލުގައި މިވަރުގެ ކުލަބަކުން މެނޭޖުމެންޓުން އަޅާލާން ޖެހޭ ވަރަށް އަޅާ ނުލުމަކީ ވަރަށް ދެރަ ވާން ޖެހޭ ކަމެއް."
ބިދޭސީ ކުޅުންތެރިން މާލެ ގެންނަން އިއްޔަ އެ ކުޅުންތެރިންނަށް ޓިކެޓް ފޮނުވާނެ ކަމަށް މެނޭޖުމެންޓުން ބުނެފައިވާ ކަމަށާއި އެހެންނަމަވެސް އެކަން ބެލުމަށް މެނޭޖުމެންޓަށް މެސެޖުގެ ޒަރިއާއިން ދެންނެވުމުން އިއްޔަގެ ޕްރެސްއަށް ހާޒުރުވިއިރުވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަަށެވެ.
ބައެއް ކުޅުންތެރިން ޓީމު ދޫކޮށް ދިއުމުގައި މެނޭޖުމެންޓާ ގުޅުންހުރި ކަމެއްވެސް ނެތް ކަމަށް މުހައްމަދު ބުންޏެވެ. އޭނާ ބުނީ ޓީމުގެ އެގްރިމެންޓްގައި ތިބެ ޓީމު ދޫކޮށް އެގޮތަށް ގޮސް ތިބި ކުޅުންތެރިންގެ ކަންތައްތަކާ މެދު ހައްލެއް ހޯދަން އެފްއޭއެމްއަށްވެސް ހުށަހެޅުމަށް މެނޭޖުމެންޓްގެ ކިބައިގައި އެދިފައި ވާނެ ކަމަށެވެ.
"މެނޭޖުމެންޓްގެ އެއްބާރުލުމެއް ނުލިބި ވަރަށް ހީއެއް ނުވޭ ކުރިއަށް ދެވޭނެ ހެނެއް، މަގާމުން އިސްތިއުފާ ދިނުން ވަރަށް އެކަށީގެންވޭ." ނިންމާލަމުން މުހައްމަދު އާދަމް ބުންޏެވެ.