ހޮލީވުޑް

ދަ ސްޓްރެއިން: ޓްވައިލައިޓްގެ ފޭނުން ބިރުން ހޭނެތޭނެ!

Jul 31, 2015

ތިޔައީ މަޝްހޫރު ވެމްޕަޔާ-ރޮމޭންސް ފިލްމު ސިލްސިލާ "ޓްވައިލައިޓް" ގެ ފޭނެއް ނަމަ އެންމެ ބުއްދިވެރި ގޮތަކީ މިހައި ހިސާބުން މި އާޓިކަލްއެއް ނުކިޔައި ދޫކޮށްލުމެވެ. އަދި އެފްއެކްސް ޗެނަލްގެ ބިރުވެރި ޑްރާމާ "ދަ ސްޓްރެއިން" އެއް ވެސް ބަލަން ހަދާނެ ކަމެއް ނެތެވެ.

ސަބަބަކީ މި ޑްރާމާ އިން ފެންނަ ވެމްޕަޔަރުންގެ ގަޔަށް އަވި އެޅުމުން އެމީހުންގެ ގައިން ޖަވާހިރުގެ މުތްތަކެއް ނުވިދާތީ އެވެ. އަނދައި އަޅިއަށް ވެގެންދާތީ އެވެ. މީގެ އިތުރުން ރޮބަޓް ޕޭޓިންސަން ހާ ރީތި ވެމްޕަޔަރުންތަކެއް ވެސް މީގައި ނޫޅޭތީ އެވެ.

ނަމަވެސް "ދަ ސްޓްރެއިން" އަކީ ވެމްޕަޔާ ވާހަކަތަކާއި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުން ނުބަލައި ދޫކޮށްލާ ވަރުގެ އުފެއްދުމެއް ނޫނެވެ. އަދި މިއީ އެއްގޮތަކަށް ވެސް "ޓްވައިލައިޓް-ވެމްޕަޔާ" ކޮލިޓީގެ އުފެއްދުންތަކަށް ނުވަތަ ވެމްޕަޔާ ވާހަކަތަކަށް ލޯބިކުރާ ފަރާތްތައް ބަލަން ކަމުދާނެ އުފެއްދުމެއް ވެސް ނޫނެވެ.

މި ސީރީޒްގެ ފޭނުންނަށް ވާނީ ވެމްޕަޔާގެ އަސްލު ވާހަކަތަކާއި ކުލަތަކަށް ޝައުގުވެރިވާ މީހުންނެވެ.

"ދަ ސްޓްރެއިން" އަކީ ބިރުވެރި ފިލްމުތައް ގެނެސްދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ ކުޅަދާނަ ޑައިރެކްޓަރު ގުލެރިމޯ ޑެލް ޓޯރޯގެ އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ ޗަކް ހޯގަން 2009 ވަނަ އަހަރު ނެރުނު ވެމްޕަޔާ ހޮރޯ ވާހަކަ "ދަ ސްޓްރެއިން" ގެ އަސްލަށް ގެނެސްދޭ ޑްރާމާއެކެވެ.

ޑެލް ޓޯރޯ މީގެ ފަހަތުގައި ހަރަކާތްތެރިވުމަކީ މި ސީރީޒްގެ ފެންވަރު ރަނގަޅުވާނެ ކަމަށް އިތުބާރުކުރެވިދާނެ ސަބަބެކެވެ. އޭނާ އަކީ ޒަމާނީ ސިނަމާގެ ބިރުވެރި ޖޮންރާ އަށް ބަލާއިރު މިކަމުގައި އެންމެ އަރައި ހުރި އެއް ފަންނާނެވެ. އެގޮތުން "ދަ ޑެވިލްސް ބެކްބޯން" އާއި "ޕޭންސް ލެބްރިންތު" އަކީ ޑެލް ޓޯރޯގެ ކުޅަދާނަ ކަމަށް ހެކިވާނެ ދެ މަސައްކަތެވެ. 

މީގެ އިތުރުން އޭނާ އަކީ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ބިރުވެރި މަޝްހޫރު ފިލްމުތަކަކުން ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން 2013 ވަނަ ނުކުތް ބިރުވެރި ފިލްމު "މާމާ" އާއި "ޑޯންޓް ބީ އެފްރެއިޑް އޮފް ދަ ޑާކް" ފާހަގަކޮށްލެވެ އެވެ. 

އެހެންވީމަ ޑެލް ޓޯރޯގެ ގާބިލުކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

"ދަ ސްޓްރެއިން" އެ ވަނީ މިހާރު އޭގެ ދެ ވަނަ ސީޒަން ފަށައިފަ އެވެ. ބުނަން ޖެހެނީ މިއީ ބްރޭމް ސްޓޮކާގެ މަޝްހޫރު "ޑްރެކިއުލާ" އަށް ވުރެ ވެސް ބިރުވެރި ހުށަހަޅައިދިނުމެއް ކަމަށެވެ.

މީގައި ދައްކުވައި ދެނީ "މާސްޓާ" އޭ ކިޔުނު ވެމްޕަޔަރުންގެ ނިކަން ދުވަސްވީ އެއްޗެއް މި ޒަމާނުގައި އެމެރިކާގެ ނިއު ޔޯކަށް ފާޅުވެ އޭގެ ނުބައި އެދުންތަކެއް ފުއްދަމުން ގެންދާ މަންޒަރެވެ. މި ޑްރާމާގައި ވެމްޕަޔަރުން ދައްކުވައިދޭ ގޮތް އެހެން ވެމްޕަޔާ ފިލްމުތަކާއި ޑްރާމާތަކަށް ވުރެ ތަފާތެވެ.

މި ޑްރާމާގައި ލީޑް ރޯލު ކުޅެނީ "ހައުސް އޮފް ކާޑްސް" ގެ ވަކި ހިސާބަކާ ޖެހެން ދެން ބެލުންތެރިންގެ ސަމާލުކަން ހޯދި އެކްޓަރު ކޯރޭއި ސްޓޮލް އެވެ. އޭނާ އަކީ މި ޑްރާމާގައި ޑޮކްޓަރެކެވެ.

ދެން އުޅެނީ ޕްރޮފެސާ އެބްރަހަމް ސެޓްރާކިއަންއޭ ކިޔުނު ފާޑެއްގެ "ވެމްޕަޔާ ހަންޓާ" އެކެވެ. މިއީ އެއްގޮތަކަށް ވެސް މަޝްހޫރު ވެން ހެލްސިންއާ އެއް ފަދަ "ވެމްޕަޔާ ހަންޓާއެއް" ނޫނެވެ. މި ރޯލު ޑްރާމާގައި ކުޅެފައި ވަނީ ޑޭވިޑް ބްރެޑްލީ އެވެ.

ފުރަތަމަ ސީޒަން ފެށި ދެ ވަނަ ސީޒަން ފަށާފައިވާއިރު މިހާރު ފެންނަނީ އަސްލު ވެމްޕަޔަރުންގެ ވެރިޔާ ކަމަށް ބެލެވޭ "މާސްޓާ" އަތުލައިގަތުމަށް ވެމްޕަޔަރުންގެ "ޑިފެކްޓް" ބައިގަނޑެއްގެ އިންސާނުންގެ އެހީ އަށް އެދިގެން ކުރިއަށް ގެންދާ ހަރަކާތްތަކެވެ.