ހަބަރު

އެންމެ ގިނައިން ޓެކްސް ދެއްކި ފަރާތްތަކަށް ރަން ލާރި އެވޯޑު ދީފި

އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކަށް މީރާ އިން ދޭ ރަންލާރި އެވޯޑު ދީފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އެންމެ ގިނައިން ޓެކްސް ދެއްކި 17 ފަރާތަކަށް ވަނީ ރަންލާރި އެވޯޑު ދީފަ އެވެ.
"ރަންލާރި އެވޯޑް" އަކީ ބަރާބަރަށް އަދި އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް ދޭ އެވޯޑެވެ. ނަމަވެސް މި އެވޯޑު ދިނުމުގައި ޓެކްސް ދެއްކި އަދަދެއް އާންމެއް ނުކުރާނެ އެވެ. މި އެވޯޑު 11 ގިންތި އަކުން ދީފައިވެ އެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ އެވޯޑުތައް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ރަން ލާރި އެވޯޑު ލިބުނު ފަރާތްތައް

  • ބީޕީޓީ އެންމެ ގިނައިން ދެއްކި ތިން ފަރާތް: އުރީދޫ، ޔުނިވާސަލް އެންޓަޕްރައިސް، ޓީއެމްއޭ
  • ޓޫރިޒަމް ޖީއެސްޓީ: އެންމެ ގިނައިން ދެއްކި 150 އެނދުގެ ގިންތި: ޝެވަލް ބްލާންކް ރަންދެލި ރިސޯޓު
  • ޓޫރިޒަމް ޖީއެސްޓީ: 150-200 އެނދުގެ ރިސޯޓު ގިންތި: ފޯސިންޒަން ލަނޑާ ގިރާވަރު ރިސޯޓު
  • ޓޫރިޒަމް ޖީއެސްޓީ: 250 އަށްވުރެ ގިނަ އެނދުހުރި ރިސޯޓުގެ ގިންތި: ކުރަމަތި މޯލްޑިވްސް ރިސޯޓު
  • ޓޫރިޒަމް ޖީއެސްޓީ: ޓްރެވަލް އެޖެންސީ - އިންޓުއާ މޯލްޑިވްސް
  • ޓޫރިޒަމް ޖީއެސްޓީ: އެތެރޭގެ އުދުހުންދޭ ފަރާތް: ޓީއެމްއޭ
  • ޓޫރިޒަމް ޖީއެސްޓީ: ޓޫރިސްޓުން ހޮޓާ، އެޗްއައިއެޗް
  • ޓޫރިޒަމް ޖީއެސްޓީ: ޓޫރިސްޓު ވެސަލް، ފޯސީޒަން އެކްސްޕްލޯރާ
  • ޓޫރިޒަމް ޖީއެސްޓީ: ގެސްޓް ހައުސް، ސީސަން ޕެރެޑައިސް
  • ޖީއެސްޓީ ބޮޑެތި ވިޔަފާރި ގިންތި: ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)
  • ޖީއެސްޓީ މެދު ފަންތީގެ ވިޔަފާރި: ޑީ ބްލޫ ޕްރައިވެޓް ލިމިޓެޑް
  • ޖީއެސްޓީ ކުދި ވިޔަފާރި: އަހުމަދު ވަހީދު / ގ.އޮޓޯގަރާޖް، އޮޓޯ ޕާޓްސް ގެލޯ
  • ވިތު ހޯލްޑިންގް ޓެކްސް: ޓީއެމްއޭ
  • ބޭންކް ޕްރޮފިޓް ޓެކްސް: ބީއެމްއެލް
  • ސަރުކާރު ކުންފުނީގެ ގިންތި: ދިރާގު

މިރަސްމިއްޔާރުގައި ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ވިދާޅުވީ، ޓެކުހުގެ އާމްދަނީ އަކީ ގައުމުގެ ތަރައްގީގެ މައި ނާރު ކަމަށާއި އެހެންކަމުން ޓެކުހުގެ ނިޒާމު ތަރައްގީކޮށް ކުރި އަރުވާ ގައުމު ބިނާ ކުރުމުގައި ޓެކުހުން ލިބެންވާ ފުރިހަމަ މަންފާ ހޯދައިދިނުމަށް މީރާގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، ގާނޫނީ ޒިންމާ އަދާ ކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކަށް ލިބެންވާ ހިމާޔަތާ ރައްކާތެރިކަން ކަށަވަރުކޮށްދެމުން އަންނަ ކަމަށެވެ.

"މީރާ އުފެދުނީއްސުރެ މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދަނީ ޓެކްސް ދައްކާ ފަރާތްތަކާމެދު ހަމަހަމަކަމާއި އިންސާފާއި އަދުލުވެރިކަމާއެކު އަމަލު ކުރުމަށް. ޓެކްސް ދައްކާ ފަރާތްތަކަށް ވީހާވެސް ފުރިހަމަ ހިދުމަތެއް ފޯރުވައި ދިނުމުގެ ނަމޫނާ މުއައްސަސާ އަކަށް ވުމަށް" ޔަޒީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ، މީރާގެ ހުރިހާ މަސައްކަތްތަކެއްވެސް ބައްޓަން ކޮށްފައި ހުންނާނީ ޓެކްސް ނިޒާމު ތަރައްގީކޮށް ކުރިއަރުވާ ވިޔަފާރި ތަކާ ގުޅިގެން މަސައްކަތް ކޮށް ޓެކުހަށް ލިބެންވާ ފުރިހަމަ މަންފާ ގައުމަށް ހޯދައިދިނުމަށް ކަމަށެވެ. އަދި އެއީ މީރާގެ އަމާޒުކަން ޓެކްސޭޝަންގެ ކޮމިޝަނާ ޖެނެރަލް ފާހަގަކުރެއްވި އެވެ.