ދިވެހި ޕްރެމިއާ ލީގް

ދަގަނޑޭގެ ހެޓްރިކާއެކު ބޮޑު މޮޅަކުން ގްރީން އިތުބާރު ހޯދައިފި

އަލީ އަޝްފާގް (ދަގަނޑޭ) ގެ ހެޓްރިކާއެކު، ފ. ނިލަންދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 6-0 ގެ ބޮޑު މޮޅެއް ހޯދައި ކުލަބު ގްރީން ސްޓްރީޓުން އިތުބާރު ހޯދައިފި އެވެ.

މެޗުގެ ވަރަށް ކުރީ ކޮޅު ގްރީން އިން ވަނީ ލީޑް ނަގާފަ އެވެ. އެ ޓީމަށް ނިލަންދޫގެ ގޯލް ހުޅުވާލަ ދިނީވެސް މެޗުގެ ހަތަރު ވަނަ މިނެޓްގައި އަޝްފާގް ކާމިޔާބު ކުރި ލަނޑުންނެވެ.

ގްރީންގެ ހާފުގެ ތެރެއިން ސެންޓާ ސާކަލް ތެރޭގައި މެދު ރޮނގާ ކައިރިގައި ހުރެފައި މުހައްމަދު އާރިފް (ބަކާ)، ނިލަންދޫގެ ކުޅުންތެރިންގެ ތެރެއިން ބަޅަ އަޝްފާގަށް ނަގައިދިނީ އޭނާ ހުސްކޮށް ހުރުމުންނެވެ. ނިލަންދޫގެ ޑިފެންޑަރުން ތިބީ އެއްވެސް ވަރަކަށް އަޝްފާގް މާކު ކޮށްގެންނެއް ނޫންނެވެ. ބަކާ ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލްގެ މަތީ ދާގަނޑަށް އަމާޒު ކޮށް އޭނާ ބޯޅަ ވައްދާލީ ނިލަންދޫ ޓީމުގެ ކީޕަރު އަބްދުﷲ ޒިޔަޒަން ބޯ މަތިންނެވެ.

ގުރީންގެ ދެ ވަނަ ލަނޑު މެޗުގެ 27 ވަނަ މިނެޓްގައި އިބްރާހިމް ރިޒްހާން (ރިޒްކޯ) ވެސް ކާމިޔާބު ކުރީ ފުރަތަމަ ލަނޑު ކާމިޔާބު ކުރި ގޮތަށެވެ. ނިލަންދޫގެ ހާފުގެ ތެރެއިން މެދު ރޮނގާ ކައިރިން އަހްމަދު ރަޝީދު (އަންމަޑޭ) ވަރަށް ބަލާލާފައި ރިޒްކޯއަށް ބޯޅަ ދިނީ އޭނާ ހުހަށް ހުރުމުންނެވެ. ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާވެސް ބޯޅަ ވައްދާލީ ކީޕަރު ޒިޔަޒަންގެ ބޯ މަތިންނެވެ.

އެ ދެ ލަނޑު ޖެހެމުގެ އިތުރަށްވެސް ގްރީން ސްޓްރީޓަށް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފަ އެވެ. އެހެންނަމަވެސް ދެ ވަނަ ހާފުގައި އެއަށްވުރެ ރަނގަޅު ފުރުސަތުތައްވެސް ގްރީން އަށް ލިބުނެވެ. އަޝްފާގަށް ލިބުނު ހުސް ދެ ފުރުސަތާއި ޔާމިން (ޔާން) އަށް ލިބުނު ފުރުސަތުތައް ބޭނުން ކުރެވުނުނަމަ 10 ލަނޑުވެސް ގްރީން އަށް ކާމިޔާބު ކުރެވުނީހެވެ.

ދެ ވަނަ ހާފު ގްރީން ފެށީވެސް ލަނޑަކުންނެވެ. ހާފު ފެށިގެން ތިން ވަނަ މިނެޓްގައި މުހައްމަދު އުމޭރު ވަނީ ގްރީންގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އުމޭރު އާއި ޔާންގެ ކޮމްބިނޭޝަން ބޭންކޮށްގެން އުފެއްދި ފުރުސަތުގައި އުމޭރު ބޯޅަ ދިނީ ނިލަންދޫގެ ހާފުގެ އަރިމަތިން އެރި ޔާން އަށެވެ. ޔާން އެ ބޯޅަ ދިނުމަށް ފަހު އުމޭރު ވަނީ އޭރިއާ ތެރެއަށެވެ. ޔާމީން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ އުމޭރު ހޯދުމަށް ފަހު އޭނާ ފޮނުވާލަން އުޅުމުގެ ކުރިން ނިލަންދޫގެ ޑިފެންޑަރު ބޯޅައަށް ކުރިމަތި ލުމުން އޭނާ އަތުން ބޯޅަ ދޫވެ ވެއްޓުނެވެ. އެހެންނަމަވެސް އަލުން ތެދުވެ ބޯޅައިގެ ކޮންޓްރޯލް ހޯދުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ ވައްދާލި އެވެ.

މެޗުގެ 58 ވަނަ މިނެޓްގައި އަޝްފާގަށް ވަނީ މެޗުގައި ލަނޑު ޖަހަން އެންމެ ތަނަވަސް ފުރުސަތު ލިބިފަ އެވެ. ނިލަންދޫގެ ހާފުގެ މެދުތެރެއިން އުމޭރު އަޝްފަގަށް ދިން ބޯޅަ ލިބުނު އިރު އަޝްފާގް އޮތީ މުޅިން ހުސްކޮށެވެ. އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަން އިރު ކީޕަރު ޒިޔަޒަން ފިޔަވައި އޭނާ އަށް ހުރަސް އަޅާނެ ހަމަ އެއްވެސް ކުޅުންތެރިޔެއް ނެތެވެ. ޒިޔަޒަންގެ ކައިރިން ނައްޓާލާފައި ހަމަޖެހިލާފައި ގޯލަށް ފޮނުވާލަން އުޅެނިކޮށް ޒިޔަޒަން އައިސް ބޯޅައަށް ހުރަސް އެޅި އަނެއްކާޥެސް ޒިޔަޒަންގެ ކައިރިން ނައްޓާލާފައި ބޭނުން ގޮތަކަށް ގޯލްގެ ތެރެއަށް ފޮނުވާލެވެން އޮއްވައިވެސް ހަމަޖެހިލާފައި ފޮނުވާލަން މަސައްކަތް ކުރުމުން ޒިޔަޒަން އައިސް ބޯޅަ ކުރިމައްޗަށް އެރުމުން އަނެއްކާވެސް އޭނާ ގާތުން ނައްޓަލި އެވެ. ދެން އެ ބޯޅަ ފޮނުވާލަން އުޅުނުއިރު އެ ބޯޅަ ދިފާއު ކުރީ ނިލަންދޫގެ ޑިފެންޑަރުންނެވެ.

އަނެއްކާވެސް ގްރީންގެ ކުޅުންތެރިން ބޯޅަ ހޯދައި، ރިހާމް އަބްދުލް ގަނީ (ބޮބީ) ބޯޅަ ނަގައިދިނީ އޭރިއާ ތެރެއަށް އެރި ޔާން އަށެވެ. އޭނާ ޖެހި ބޯޅަ ގޯލްގެ ދަނޑީގެ އަރިމާތީގައި ޖެހިފައި ދެން ނުކުތް ބޯޅަ ޒިޔަޒަން ހޯދި އެވެ.

އޭގެ ފަހުންވެސް އަޝްފާގަށް ވަނީ ލަނޑު ޖަހާނެ އެެހެން ފުރުސަތެއް ލިބިފަ އެވެ. އެފަހަރުވެސް ކީޕަރު ކައިން ނައްޓާލި ނަމަވެސް ގޯލަށް ބޯޅަ ވައްދާލެވޭ ގޮތެއް ނުވި އެވެ.

ގްރީންގެ ހަތަރު ވަނަ ލަނޑު 64 ވަނަ މިނެޓްގައި އަޝްފާގް ކާމިޔާބު ކުރީ ޓީމުގެ ޑިފެންޑަރު މިސްރުގެ މަހްމޫދު އަލް ސައީދު ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އަޝްފާގް ހެޓްރިކް ހެދީ މެޗުގެ 73 ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސް ކޮށްދިނީ އަބްދުﷲ މިސްބާހް (މިސްބެ) އެވެ.

ގްރީންގެ ހަ ވަނަ ލަނޑު ޔާން ކާމިޔާބު ކުރީ 82 ވަނަ މިނެޓްގައި އަޝްފާގް ނަގައިދިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ޒިޔަޒަންގެ ބޯ މަތިން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ގްރީންގެ ކޯޗް އަލީ ސުޒޭން ބުނީ، އެންމެ މުހިންމު ކަމަކީ ތިން ޕޮއިންޓް ހޯދުން ކަމަށާއި ގަިނަ ލަނޑު ތަކެއް ޖެހުމުގެ އިތުރަށް ތިން ޕޮއިންޓާއެކު މެޗު ކާމިޔާބު ވުމަކީ ކުރިއަށް ހުރި މެޗުތަކަށް ދާއިރު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ފޮޓޯ: އެފްއޭއެމް