ދިވެހި ޕްރެމިއާ ލީގް

ބޮޑު މޮޅެއް ހޯދައި މާޒިޔާ އެއް ވަނަ އަށް!

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެންމެ ކުރިއަށް މާޒިއާ ޖެހިލައިފި އެވެ.

މިރޭ، ނުވަ ލަނޑުގެ ތަފާތުން މިރޭ ވިކްޓަރީ ވި ބޮޑު ބައްޔަކީ، ވިކްޓަރީގެ ހަޔާތުގައި ދިވެހި ކުލަބެއް އަތުން އެ ޓީމު ވީ އެންމެ ބޮޑު އެއް ބައްޔެވެ. މެޗަށް ނުކުތް އިރުވެސް ވިކްޓަރީ އޮތީ އުނދަގޫ ހާލަތަކަށް ވެއްޓިފަ އެވެ. މެނޭޖުމެންޓްގެ އެއް ބާރުލުން ނުލިބޭތީ ޓީމުގެ ކޯޗް މުހައްމަދު އާދަމް ވެސް މަގާމުގެ ދެމިހުރުމާ މެދު ވަނީ ސުވާލު އުފައްދާފަ އެވެ.

މެޗަށް މާޒިޔާ ނުކުތީ ބަދަލު ތަކަކާއެކު އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ފުޓްބޯޅަ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި ގޯލް ބެލެހެއްޓި ޒުވާން ގޯލް ކީޕަރު ހުސައިން ޝަރީފަށް ވަނީ މި އަހަރުގެ ދިވެހި ލީގުން ފުރަތަމަ ފަހަރަށް ފުރުސަތު ދީފަ އެވެ.

ބޮޑު ތަފާތަކުން މާޒިޔާ މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ ކޯނޭލިއަސް ސްޓްވާޓް (ކޯނޭ) އެވެ. އޭނާ ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ މެޗު ފެށިގެން 15 ވަނަ ސިކުންތު ތެރޭގައި ވިކްޓަރީގެ ގޯލް ހުޅުވާފަ އެވެ. ފެންނާން ހުރި ރެކޯޑްތަކަށް ބަލާއިރު އަސަދުﷲ ޖެހި އެލަނޑަކީ ދިވެހި ޕްރިމިއާ ލީގްގައި މިހާތަނަށް ޖެހި އެންމެ އަވަސް ލަނޑެވެ.

ފެންނާން ހުރި ރެކޯޑްތަކަށް ބާލާއިރު އޭގެ ކުރިން ދިވެހި ލީގްގައި ޖެހި އެންމެ އަވަސް ލަނޑަކީ 2016 ވަނަ އަހަރުގެ ލީގްގައި، ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް، ކުލަބު ވެލެންސިއާ ކުޅުނު މެޗުގައި، ވެލެންސިއާގެ އަހްމަދު ރިލްވާން މެޗު ފެށައިގެން 20 ވަނަ ސިކުންތުގައި ޖެހި ލަނޑެވެ.

މާޒިޔާގެ ދެ ވަނަ ލަނޑުވެސް ކާމިޔާބު ކުރީ އަސަދުﷲ އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 22 ވަނަ މިނެޓްގަ އެވެ. އޭނާގެ އިތުން ހަމްޒާ މުހައްމަދު ހަމްޕްވެސް ވަނީ ދެ ލަނޑު ޖަހާފަ އެވެ. ހަމްޕް އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 38 ވަނަ މިނެޓްގަ އެވެ. އޭގެ އެއް މިނެޓް ފަހުން ކޯނޭ ވަނީ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މާޒިޔާގެ އަނެއް ފަސް ލަނޑު ކާމިޔާބު ކުރީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓްގައި ހަމްޕް އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރި އެވެ. އޭގެ ހަތަރު މިނެޓް ފަހުން މާޒިޔާގެ އިބްރާހިމް ވަހީދު ހަސަން، އިއްބެ ވަނީ މާޒިޔާގެ ހަ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ކޯނޭގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 67 ވަނަ މިނެޓްގަ އެވެ. މާޒިޔާގެ އަށް ވަނަ ލަނޑު 80 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނާއިޒް ހަސަން ދާދު އެވެ. ކޯނޭ ހެޓްރިކް ހެދީ 84 ވަނަ މިނެޓްގައި ކާމިޔާބު ކުރި ލަނޑުންނެވެ.

މާޒިޔާ އެއް ވަނައިގައި މެޗުން ހޯދި ތިން ޕޮއިންޓާއެކު، ޖުމުލަ 14 ޕޮއިންޓް ހޯދައިގެންނެވެ. މާދަމާ ޓީސީ އާއި ދަ ގުރޭންޑޭ ކުޅޭ މެޗުން ގުރޭންޑޭއަށް މޮޅު ނުވެވިއްޖެނަމަ މިހަފުތާގެ މެޗުތަކުން މާޒިޔާއަށް އެއް ވަނައިގައި ދެމި އޮވެވޭނެ އެވެ.