ވިޔަފާރި

ޓޫރިޒަމް ރަނގަޅުވެ ޑޮލަރުގެ އާމްދަނީ 18 ޕަސެންޓް އިތުރުވެއްޖެ

Aug 4, 2019

ރާއްޖޭގެ ޓޫރިޒަމް މި އަހަރުގެ ތެރޭ ރަނގަޅުވެފައިވާތީ، ޑޮލަރުން ލިބުނު އާމްދަނީ ދެވަނަ ކުއާޓަރުގައި 18.7 ޕަސެންޓް އިތުރުވެއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، ދެވަނަ ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 160.5 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 153 މިލިއަން ޑޮލަރެވެ.

މީރާ އިން ބުނީ ޑޮލަރުން ލިބުނު އާމްދަނީ އިތުރުވީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ރިސޯޓު ކުލިން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މިދިޔަ ކުއާޓަރުގައި ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު 24 ޕަސެންޓް އިތުރުވެ، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ހިންގަމުންދާ ރިސޯޓުގެ އަދަދު ގިނަވެ، އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވްލޮޕްމަންޓް ފީއިން ލިބުނު އާމްދަނީ ވެސް އިތުރުވެގެން ދިއުމެވެ.

ދެވަނަ ކުއާޓަރުގެ ތިން މަސް ދުވަހު ޑޮލަރުން ބަލައިގަތް އާމްދަނީ ވަނީ އިތުރުވަމުން ގޮސްފަ އެވެ. އެޕްރީލް މަހު ލިބިފައިވަނީ 55.89 މިލިއަން ޑޮލަރެވެ. އަދި މެއި މަހު 43 މިލިއަން ޑޮލަރަށް ލިބުނުއިރު، ޖޫން މަހު ޑޮލަރުގެ އާމްދަނީ ވަނީ 61.51 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.