މިދިޔަ ސީޒަންގައި މެންޗެސްޓާ ސިޓީން ހޯދި ޑޮމެސްޓިކް ތިން ތަށީގެ ކާމިޔާބުގެ މައްޗަށް ޗެމްޕިއަންސް ލީގް އިސް ނުކުރާނެ ކަމަށް ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ ސީޒަންގައި ސިޓީން ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި އިނގިރޭސި އެފްއޭ ކަޕްގެ އިތުރުން ލީގް ކަޕްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އެއީ އިނގިރޭސި ފުޓްބޯޅަގެ ތާރީހުގައި އެއް ކުލަބަކުން ސީޒަންގެ ތިން މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިޔުނިޓީ ޝީލްޑް މެޗުގައި، ޔޫއެފާ ޗެމްޕިއަންސްލީގްގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާ ދެކޮޅަށް މިއަދު ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުނީ، ޗެމްޕިއަންސް ލީގަކީ މުހިންމު މުބާރާތެއް ކަމަށާއި އެހެންނަމަވެސް ޗެމްޕިއަންސް ލީގް ހޯދުމުގެ އަމާޒުގައި ޑޮމެސްޓިކް އެއްވެސް މުބާރާތެއް ރިސްކު ކުރެވެން ނެތް ކަމަށެވެ.
ކޯޗެއްގެ ގޮތުގައި ޗެމްޕިއަންސް ލީގް ދެ ފަހަރު ހޯދާފައިވާ ގާޑިއޯލާ، ކުރިން ޗެމްޕިއަންސް ލީގް ސިފަ ކޮށްފައި ވަނީ ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ. އޭނާ އެންމެ ފަހުން ޗެމްޕިއަންސް ލީގް ކާމިޔާބު ކުރީ ބާސެލޯނާއާއެކު 2011 ވަނަ އަހަރު އެވެ. މިހާރު އޭނާގެ ވާހަކަތައް ހުރީ ޑޮމެސްޓިކް ތިން ތައްޓައް އިސްކަން ދިނުމުގެ ރާގެއްގަ އެވެ.
އޭނާ ބުނީ، މި ސީޒަންގައިވެސް އޭނާ އިސްކަން ދޭނީ މިދިޔަ ސީޒަންގައި ހޯދި ޑޮމެސްޓިކް ތިން ތަށި އަނެއްކާވެސް ހޯދުމަށް ކަމަށެވެ. ޑޮމެސްޓިކް ތިން ތަށި ހޯދިނަމަވެސް ސިޓީގެ އެއްވެސް ކުޅުންތެރިޔަކު ފީފާގެ ދަ ބެސްޓް އެވޯޑްގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ނޮމިނޭޓް ވެފައެއް ނުވެ އެވެ. އޭނާ ވަނީ އެކަމާ މެދު ސުވާލު އުފައްދާފަ އެވެ. ފީފާ ދަ ބެސްޓްގެ މޮޅު ކޯޗްގެ އެވޯޑަށް ގާޑިއޯލާ ވަނީ ނޮމިނޭޓް ވެފަ އެވެ.