ކުޅިވަރު

ޗެންނާއީ ބަލިކޮށް މާޒިޔާ އިންޑިއާ މުބާރާތުގެ ފައިނަލަށް

ޗެންނާއިއަން އެފްސީގެ 14 އަހަރުން ދަށުގެ ޓީމުގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމު ޗެންނާއީ ގައި ކުރިއަށްދާ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މާޒިޔާއާ ދެކޮޅަށް ނުކުތް އެފްސީގެ 14 އަހަރުން ދަށުގެ ޓީމަކީ ބޮޑު ހަރަދެއް ކޮށްގެން ފްރެންޗައިޒް އުސޫލުން ބާއްވާ އިންޑިއާގެ ސުޕަ ލީގްގެ އެންމެ ކާމިޔާބު ޓީމު ޗެންނާއިއަން އެފްސީ ގެ 14 އަހަރުން ދަށުގެ ޓީމެވެ. އެ ކުލަބަކީ ސުޕަ ލީގްގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ. އެ ޓީމުން ވަނީ 2015 ވަނަ އަހަރުވެސް ސުޕަ ލީގްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ސެމީ ފައިނަލާ ހަމަޔަށް ޗެންނާއިއަން އެފްސީ ދަތުރު ކުރީ ގުރޫޕްގެ އެއް ވަނަ ހޯދައިގެންނެވެ. އެ ޓީމު ކުޅުނު ގުރޫޕްގެ މެޗުތައް ކާމިޔާބު ކުރިވެސް ނިސްބަތުން ތަފާތު ބޮޑު ކޮށެވެ.

މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމާ ދެކޮޅަށް ނުކުތީ އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ރިއަލެންސުން ހިންގާ ރިއަލްންސް އެކެޑެމީ ޓީމާ ދެކޮޅަށެވެ. އެ މެޗުން މާޒިޔާ ބަލިވީ 2-1 ންނެވެ. މާޒިޔާގެ ދެ ވަނަ މެޗުގައި އެ ޓީމު ވަނީ ފަސްޓް ކިކް ސޮކާ ސްކޫލް އެކެޑެމީގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެފަ އެވެ.

މާޒިޔާ ސެމީ ފައިނަލުގެ ޖާގަ ހޯދީ، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް އިންޑިއާގެ ސްޕޯޓްޒް ނޭޝަންގެ ޓީމު މެޗަށް ހާޒިރު ނުވުމުންނެވެ.

ފައިނަލުގައި މާޒިޔާ އާ ދެކޮޅަށް ނުކުންނާނީ ބެންގަލޫރުގެ އެފްއޭ އެވެ. އެ ޓީމު ފައިނަލަށް ދަތުރު ކުރީ މެޗުގެ ނަތީޖާ ހަމަހަމަވެ ޕެނަލްޓީ ޖަހައިގެން 5-4 އިންނެވެ.