އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރަމުންދާ ޝަރީއަތުގެ ހެކިންނަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިންޒާރު ދެއްވުމަކީ ކުރެއްވި ނާތަހުޒީބު އަމަލެއް ކަމަށާއި އެއީ ސިޔާސީ ވާދަވެރިކަން ނައްތާލަން އޭނާ ހިންގި ބޮޑު ޖަރީމާއެއް ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަނުން ބުނެފި އެވެ.
ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވަން މަޖުބޫރުވީ ބިރުދެއްކުމާއި އިންޒާރުތައް ދެމުންދާތީ ފުރާނަ ސަލާމަތްކުރުމަށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވާ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ. އެކަމާ ގުޅިގެން ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ލުތުފީ ވިދާޅުވީ އޭނާއަށް އިންޒާރު ދެއްވީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވުމަށް އަންގަވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށެވެ.
ލުތުފީ ބޮޑެތި ތުހުމަތުތަކެއް މިނިސްޓަރު އިމްރާނަށް ކުރެއްވި އިރު، އިމްރާން މި ވަގުތު ހުންނެވީ ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްޓަކައި ސައުދީ އަރަބިއްޔާގަ އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ވަނީ ހަސަން ލުތުފީއަކީ ރައީސް ޔާމީންގެ މައްޗަށް މިހާރު ކުރަމުންދާ ޝަރީއަތުގެ މުހިއްމު ހެއްކެއް ކަމަށެވެ. އަދި އޭނާއަށް މިނިސްޓަރު އިމްރާން އިންޒާރު ދީފައިވާނަމަ އެ ކަން އެ ކޯލިޝަނުން ކުށްވެރި ކުރާ ކަމަށެވެ.
"ރައީސް ޔާމީންގެ ޝަރީއަތުގައި ހިމެނޭ ހެކިންނަށް އިންޒާރުދީ، ފްރޭމްކޮށް ވަކި ގޮތަކަށް ބަޔާން ދިނުމަށް މަޖުބޫރު ކުރުމުގެ ގޮތުން ބިރު ދެއްކުމަކީ ސިޔާސީ ވާދަވެރިކަން ނާއްތަލުމަށް ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް މި ކޯލިޝަނުން ދެކެމެވެ. ހަމަ އެއާކު ހޯމް މިނިސްޓަރުގެ މި އަމަލަކީ ސަރުކާރުގެ ވިސްނުން މި ޝަރީއަތާ މެދު އޮތް ގޮތް ބަރަށް ބޮޑަށް ސާފުވާ ކަމެކެވެ." ޕީޕީއެމާއި ޕީއެންސީގެ ބަޔާނުގައިވެ އެވެ.
ހޯމް މިނިސްޓަރު އިމްރާންގެ އެ އަމަލަކީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ހިންގާފައިވާ އަމަލެއް ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ހުކުމެއް ކުރަން ސަރުކާރު ކެތް މަދުވެފައިވާ ކަމުގެ ދަލީލެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުންޏެވެ. އިންސާފު ގާއިމު ކުރާނެ ކަމަށް ވަކާލާތުކޮށް ވެރިކަމަށް އައި ފަރާތްތަކުން ނާއިންސާފުން ބާރުގެ ބޭނުންކޮށްގެން ވަކި ގޮތަކަށް ކަންކަން ނިންމުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީތަކުން ބުންޏެވެ.