މާޒިޔާ

ބެންގަލޫރުގެ ކުލަބު ބަލިކޮށް ޗެމްޕިއަންކަން މާޒިޔާއަށް

ފައިނަލުގައި އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ ފުޓްބޯލް އެެކެޑެމީގެ 14 އަހަރުން ދަށުގެ ޓީމު ބަލިކޮށް އިންޑިއާގައި ބޭއްވި އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީގެ ޗެމްޕިއަންކަން ރާއްޖޭގެ މާޒިޔާ ސްޕޯޓްސްގެ 14 އަހަރުން ދަށުގެ ޓީމު ހޯދައިފި އެވެ.

ޗެންނާއީގައި ބޭއްވި މުބާރާތުގެ ފައިނަލު މެޗު މާޒިޔާ ކާމިޔާބު ކުރީ، ބެންގަލޫރު އެފްއޭ ޓީމު ލީޑް ނަގާފައި އޮތްވައި ފަހަތުން އަރައި ކާމިޔާބު ކުރި ލަނޑުތަކުން 3-1 ންނެވެ.

ފުރަތަމަ މެޗުން މާޒިޔާ ބަލިވި ނަމަވެސް، އެ ޓީމުން ވަނީ ފަހުން ނަތީޖާތައް ރަނގަޅުކޮށް ގުރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

ފައިނަލުގެ ޖާގަ މާޒިޔާއިން ހޯދީ، އިންޑިއާގެ އެންމެ ބޮޑު ލީގް ސުޕަ ލީގްގެ އެންމެ ކާމިޔާބު ކުލަބު ޗެންނާއިން އެފްސީގެ 14 އަހަރުން ދަށުގެ ޓީމު ބަލި ކުރުމަށް ފަހު އެވެ.

މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމާ ދެކޮޅަށް ނުކުތީ އިންޑިއާގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ރިއަލެންސުން ހިންގާ ރިއަލްންސް އެކެޑެމީގެ ޓީމެވެ. އެ މެޗުން މާޒިޔާ ބަލިވީ 2-1 ންނެވެ. މާޒިޔާގެ ދެ ވަނަ މެޗުގައި އެ ޓީމު ވަނީ ފަސްޓް ކިކް ސޮކާ ސްކޫލް އެކެޑެމީގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން މޮޅުވެފަ އެވެ.

މާޒިޔާ ސެމީ ފައިނަލުގެ ޖާގަ ހޯދީ، ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް އިންޑިއާގެ ސްޕޯޓްޒް ނޭޝަންގެ ޓީމު މެޗަށް ހާޒިރު ނުވުމުންނެވެ.