ރިޕޯޓް

ބިދޭސީން ދޭސީންނަށް ހެދުން؟ ބޮޑު ދެބަސްވުމަކަށް!

ބިދޭސިއަކު ރާއްޖޭގެ ދިދައެއް ކައިރީ ހުއްޓިލައިގެން -- ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ރަށްވެހިކަން ދިނުމާއި މެދު މިވަނީ ބޮޑު ބަހުސްއެއް ފެށިފައި -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު
0%
0%
0%

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓުވީޓަކާއި ގުޅިގެން އެތައް ބަޔަކު އަންނަނީ އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ. އާޒިމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ދިރިއުޅެމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ފަރާތްތައް އުޅޭ ކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގައި އުޅޭތާ 30 އަހަރު ވެފައިވާ ކާފައިންނާއި މާމައިން ހިމެނޭ ކަމަށެވެ. އަދި އެމީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާއި މެދު ދެކެނީ ކޮން ގޮތަކަށްތޯ އާޒިމްގެ އެ ޓުވީޓްގައި ވަނީ އައްސަވާފަ އެވެ. އެއާއެކު ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީއަށް ކުރާ ސަޕޯޓްވެސް އަނބުރާ ގެންދާ ހިސާބަށް ގޮސްފައިވާ ކަމަށް ބުނެ އާޒިމް އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.

ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް އުޅުއްވާފައިވާ ބޭފުޅަކު އެކަމާއި ދެކޮޅަށް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އެކަމަށް ބުނެވެން އޮތީ ނޫނެކޭ ކަމަށާއި، ދިވެހިންގެ އަމިއްލަަވަންތަކަން ދެކެ ކުރިޔަށް ވުރެ ބޮޑަށް އާޒިމް ލޯބިވާންޖެހޭ ކަމަށެވެ. މިހާ ދުވަސްވަންދެންވެސް ދިވެހިން މިތިބީ ދިވެހި ވަންތަ ކަމުގައި ކަމަށާއި، އެމީހުންނަކީ އަހުލާގު ރަނގަޅު މާމައިންނާއި ކާފައިންނަށްވިޔަސް ބުނާނީ ނޫނެކޭ ކަމަށެވެ.

އާޒިމްއަށް ޓުވީޓާގައި ރައްދުދިން މީހަކު ވަނީ ފުރަތަމަ ދިވެހިންނަށް ބޭނުންވާ ކަންކަން މި ގައުމުން ހަމަނުޖެހިގެންއުޅޭ އިރު، ބޭރު މީހުންގެ ވާހަކަ ދެއްކުމުގެ ޖާގައެއްވެސް ނެތް ކަމަށް ބުނެފަ އެެވެ. އަދި މިހާރުވެސް މިއުޅެނީ ދިރިއުޅޭނެ ތަންކޮޅެއްވެސް މި ދިވެހި ފަސްގަނޑުން ނުލިބިގެން ކަމަށް އެހެން މީހަކު ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އިންތިހާބުވި ވައުދު ފުއްދާ ނުދެވޭ އިރު، ކައިރި ކަރަކަރައިން މީހުން ގެންނަން އުޅެނީ ކޮންކަމަކާތޯވެސް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.

ބައެއް ފަރާތްތަތަކުން ވަނީ އިންޑިއާ ރައްޔިތުންނަށް ރާއްޖޭގެ ރަށްވެހިކަންދޭން އެމްޑީޕީން މަސައްކަތް ކުރާކަމަށް ބުނެ އެކަމުގެ ތުހުމަތުވެސް ކޮށްފަ އެވެ، އަދި ބިދޭސީންނޭ ބުނުމުގެ ބަދަލުގައި އިންޑީއާއޭ ބުނުމުންވެސް ރަނގަޅުވާނެ ކަމަށް މީހަކު ވަނީ ބުނެފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ރާއްޖޭގައި ދިރިއުޅޭތާ ގިނަ ދުވަސްވެފައިވާ ބިދޭސީނަށް، ރަށްވެހިކަން ދިނުމުގެ ބަދަލުގައި ދާއިމީ ވިސާއެއް ދިނުމަށްވެސް ތާއިދުކޮށްފަ އެވެ.

އެކަމަށް ތާއިދުކޮށް ޓުވިޓާގައި ވާހަކަ ދައްކާ ފަރާތްތަކުން ވަނީ ދިވެހިންނަކީވެސް ބޭރުން އައިސްތިބި ބައެއް ކަމަށާއި، ދިވެހިންނާއި އިނދެ ދިވެހި ދަރިން ލިބިފައިތިބޭ މީހުންނަށް ދިވެހި ރައްޔިތުކަން ލިބެން ނުޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެކަމަށް ތާއިދު ކުރައްވާ އެއްބޭފުޅަކީ ރާއްޖޭގެ ތާރީހު ދިރާސާ ކުރާ ނާޖިހު ދީދީ އެވެ. އޭނާ ވަނީ މީގެ ކުރިންވެސް ބިދޭސީންނަށް ދިވެހި ރަށްވެހިކަންދީފައިވާކަން ފާހަގަ ކޮށްފައެވެ. އެގޮތުން ދާދިފަހުން އަވަހާރަވި، ޑރ. ފަރުޒާނާ އަކީވެސް އަވަހާރަވި އިރު ދިވެއްސެއްކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

އެކަމަށް ތާއިދުކޮށް، ވާހަކަ ދެއްކި އިބްރާހިމް ސައީދު ކިޔާ މީހަކު ބުނީ ރާއްޖޭގެ ކުރިއެރުމާއި، ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކަށް ރަށްވެހިކަން ދިނުމަކީ މައްސަލައެއް ނޫން ކަަމަށެވެ. މީގެ އިތުރުން ދިވެހިންނާއި އިނދެގެން އާއިލާއެއް ފަށާ ރާއްޖޭގައި އުޅޭތާ އެތަކެއް އަހަރުވެފައިވާ ބިދޭސީންނަށް އާސަންދަ ފަދަ ހިދުމަތްތަށް ނުލިބުމާއި، ވިސާ އާކުރުން ފަދަ ކަންކަންވެފައިވަނީ ބޮޑު ތަކުލީފަކަށް ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ. އެގޮތުން މަންމަ މެންނާއި މާމައިންނަށް މިހާ ދުވަސްވީއިރުވެސް، ދިވެހި ރައްޔިތުކަން ނުލިބުމުގެ ސަބަބުން އެންމެ އަސާސީ ހިދުމަތްތަށް ހޯދަންވެސް ފައިސާ ހަރަދު ކުރަންޖެހޭކަމަށާއި، އެކަންކަމުން ސަލާމަތްވެ، ދިވެހި ރައްޔިތުކަން ލިބިއްޖެ ނަމަ ފަސޭހަގޮތްތަކެއް މެދުވެރިވެގެންދާނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ފޭސްބުކުގައި ހިޔާލު ފާޅު ކުރި އަންހެނަކު ބުނީ އޭނާގެ މާމަ އަކީ ބިދޭސީއެއް ކަމަށާއި، ރާއްޖޭގައި އުޅޭތާ އެތަކެއް އަހަރުވެފައިވާއިރު، ރަށްވެހިކަން ނެތުމުގެ ސަބަބުން، އާސަންދަ ފަދަ ސިއްހީ ހިދުމަތްތައްވެސް ނުލިބޭކަމަށެވެ. އަދި އޭނާ އެދެނީ ރާއްޖެއިން ބިންބިމާއި، މުދަލެއްނޫން ކަމަށާއި އެހެން ދިވެހިންނެކޭ އެއްފަދައިން އެންމެ ކުޑަ މިނުން އާސަންދައިގެ ހިދުމަތް ކަމަށެވެ. އަދި އެހާ ދުވަސްވާއިރު، ދިވެހި ރައްޔިތުކަން ލިބުމަކީ އެމީހުންގެ ހައްގެއް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

އަލީ އާޒިމްގެ ޓުވީޓަށް ގިނަ ފަރާތްތަކަކުން ވަނީ ނޫނެކޭ ބުނެފަ އެވެ. ދިވެހިން ބޭނުންވަނީ އިތުރު ބައެއްގެ އިންފުލުއެންސް ނުވަތަ ނުފޫޒު ދިވެހި ވަންތަކަމުގެ ތެރެއަށް އަންނަން ބޭނުން ނޫން ކަމަށާއި، ހާއްސަކޮށް އިސްލާމްދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު އޮވެގެން ނުވާނެ ކަމަށް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އާޒިމް ވިދާޅުވާ ގޮތަށް މިގައުމުގައި އެހާ ގިނަދުވަސްވެފައިވާ އަދި ދިވެހި އާއިލާތަކުގެ ބައެއްގެ ގޮތުގައި ހިމެނޭ ފަރާތްތަކަށް ރަށްވެހިކަން ދިނުމަކީ މައްސަލައެއް ނޫނެވެ. އެއީ ކުރަންވެސް ޖެހޭ ކަމެކެވެ. އެހެން ނަަމަވެސް، ގިނަ މީހުން ފާހަގަކޮށްފައިވާ ގޮތަށް ދިވެހިންގެ ގޮތުގައި މިތިބަ މަދު މީސްކޮޅު ބޭނުންވާ އެންމެ ޒަރޫރީ ބޭނުންތައް ފުއްދޭނެ ވަރު ނެތް އިރު، ހާއްސަކޮށް ބޯހިޔާވަހިކަމާއި، ބޭސްފަރުވާފަދަކަންކަން ރާއްޖޭގެ ރައްޔިތުންނަށްވެސް ހަމަޔަށް ލިބެން ނެތް އިރު، އިތުރު ބަޔަކަށް ރާއްޖެއިން އެ ހިދުމަތްތައް ދެވިދާނެތޯ އެއީ އުފައްދަންޖެހޭ ސުވާލެކެވެ.

12 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މީދު

ބަލަ މުސްލިމުވެގެން ނޫނީ ކައިވެނިއެއް ނުކުރެވެޔޭ މިހާރަކު. މިއުޅެނީ ދީންތަކެއް ގެންނާކަށެއް ނޫނޭ. ޒަރޫރީ ހައްގުތަކެއް ލިބޭތޯ. ކަލޭމެން ކިޔާފައި ވާހަކަދައްކާ. ބޭރުގައުމަކުން ތިބާއަށް ކަންކަން އުނދަގޫވީމާ ވަރަށް ހަޅެލަވާނެ. ދުނިޔޭގައި ހެޔޮކަންކަން ފެންނަނީ ލިބެނީވެސް އަނެކާއަށް ހެވަށް އެދިގެން.

ސައުދު

ދެމީހަކަށް ދިވެހި ރައްޔިތެއް ކަމުގެ ހައްގު ދިން އެއީ ފަރުޒާނާ އާ ޑރ.ފިރުދައުސް އެކަމަކު އެމީހުންނަށް ރައްޔިތެއްކަން ދިން އިރު ގާނޫނު ގައިވާގޮތުން އެމީހުންނަކީ މުސްލިމުން ކަންވެސް ފާހަގަ ކުރަންޖެހޭ ކިތައްމެ ދުވަހަކު ރާއްޖޭގަ މަސައްކަތް ކުރިޔެކޭ ކިޔާފަ ރައްޔިތުކަން ދޭކަށް ނުޖެހޭ ވިސްނާ ތި ބޭތި މިފެންނަނީ ޣައިރުމުސް ލިމުން އަޅުކަންކުރާނެ ތަންތަން ހެދުމުގެކޮޅުމަތި މިގައުމުގެ ރައްޔިތުންވީމަ އެމީހުން އަޅުކަން ކުރާނެ ތަންތަންވެސް ހަދަން ޖެހޭނެތާ ނުލަފާ ވިސްނުމުގެ ވެރިޔާ އަންނިގެ ރޭވުން

.މާމަ ކާފަ

.މިއަދު މި މާމަ އާއި ކާފަ ޓެކުސް ނުދައްކާ ކަމަށް ބުނެ މަލާމާތުގެ ގޮތުގާ ތި މާމައަކާ ކާފައަކަށް ލާރިގަނޑު ދޭ ވާހަކަ ތި ގޮވާލީ ތިބާ މާމައަކަށް ނޫނީ ކާފަ އަކަށް ނުވެ ޒުވާންކަންމަތީގާތޯ ހުންނާނީ؟ ތީގެ މާނައަކީ ތިބާގެ ކާފަ މާމައިންނަށް އެއްވެސް ލޯތްބެއް ގަދަރެއް އިޙްތިރާމެއް ވެސް ނުކުރަމޭތޯ؟ ބަލަ މިމާމަމެން ކާފަމެން ހާދަ ލޯތްބެއް ތި ދަރީންނަށް ދީގެނޭ ތި ދަރީންގެ މަންމަ ބައްޕަ ބަލާ ބޮޑުކުރީ، މިހާރުވެސް އެދަރީންގެ އަތުން ނަގާ ޓެކުހަކީ މި މާމަ އާއި ކާފަ އަތުން ނަގާ ޓެކުހެއް ކަން ތި ހިތެއްނެތް ދަރިއަށް ނޭގުނީތީ ހިތާމަ ކުރަން މިހާރުވެސް މާމަމެން ކާފަމެން ލާރިގަނޑު ކާލައިގެން ގޭގާ ތިބެނީކީ ނޫން މާމަ ކާފަ ދަރީންކޮޅު ރަނގަޅު ގޮތުގާ ބޮޑު ކުރެވޭތޯ އަތުކުރި އޮޅާލާ ހިތްވަރާ އެކު މި މަސައްކަތް ކުރަނީ.

އިކްރާމް

އާސަންދަ ދޭކަށް ކޮންމެހެން ރައްޔިތުކަން ދޭކަށް ނުޖެހޭ. މެލޭޝިއާގައި ކިޔަވާ ދިވެހި ކުދިންނަށް މެޑިކަލް އިންޝިއުރެންސް އެޤައުމުން ވަނީ ހަމަޖައްސައިދީފަ. މެލޭޝިއާ ގެ ރައްޔިތުކަމެއް ނުދޭ. ރާއްޖޭގައި އުޅޭ ބިދޭސީންގެ އަތުން ވިސާގެ އިތުރުން ބިދޭސީންނަށް ހާއްސަ އިންކަމް ޓެކްސް އެއް ނެގުން މާ މުހިންމު.

މަޝާރު

އަހަންނަށް އެއްޗެއް ހެވެއް ނެއްތާގައި އަހަރެން އެހެންމީހަކަށް ހެވެއް އަދި އެއްޗެއްވެސް ނޭދެމެވެ. މީގިނަ ދިވެހީންގެ ވިސްނުން. މާތްﷲ އަހަރުމެންނަށް އެތައްކަމެއް މިންވަރުކުރެއްވީމައި ޝުކުރުވެރިވުމުގެ ބަދަލުގައި އަބަދުމެ ޝަކުވާކުރުން. ކައިވެނިކޮއްގެން އުޅޭ ބޭރުމީހުނަކީ ހުސް އިންޑިޔާމީހުންނެއް ނޫން. މިގައުމަށްވުރެ ތަރައްގީ ގައުމުތަކުގެ މީހުން އެބަތިބި. އަހަރުމެން ބިކަވީމަ އެތައްސަތޭކަ މިލިއަނުން ގޮސް ގައުމުތަކުގައި އާދޭސްކުރަން ލަދެއް ނުގަނޭތޯ؟ ހެޔޮވިސްނުންދެއްވާށި. ހިތްހަމަޖެހުމާއިއެކު މިދުނިޔޭގައި ފުދިގެން އުޅެން އަހަރުމެންނަށް ދަސްކޮއްދެއްވާނދެވެ.

މާތްމީހާ

މާﷲ އާއި އަޅުވާފައި ކަލޭބުނާ ކޮންމެ އެއްޗެއް ހަގީގަތަކަށް ވާހަކަށް ނުޖެހޭ.... ބިދޭސީން ނަށް ދިވެހިރަށްޔިތުކަން ދިނުމަކީ ރާއްޖޭގައި އެހެން ދީން ތަކަށް އުޅުމަށް ފުރުސަތުދިނުމުގެ ފޮރުވިފައިއޮތް އެޖެންޑާގެ ފެށުން. ދެން މިހެންބުނީމަ އެހިސާބަށް ވިސްނުން ނުދާމީހުނަށް ދަންނަވާލަން، މިރާއްޖޭގައި އެކި ދީން ތަކުގެ މީހުންނަށް ދިވެހިރާއްޖޭގެ ރައްޔިތުކަށް ދޭގޮތަށް ބަދަލުވުމުން ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި އޮންނަ ދީނޭކިޔާގެން އޮންނަ ބައިތަށް ބާތިލުކޮށް ހުރިހާ ދީން ތަކެއްގެ މީހުންގެ މައްޗައް ހިންގޭ ކަހަލަ ގާނޫނުތަކެއް ހަދަން ޖެހޭނެ، ކުޑަމިސާލެއް ދައްކާލާނަން، ދިވެހިންނަކީ ރޯދަމަހު ދުވާލު (ރޯދަޔަށްނުހުއްޓަސް (އަންހެނުން)) ފާޅުގައި ކައިބޮއެ ހަދާބައެއްނޫން ދެން ދިވެހި ރައްޔިތުކަންދޭ ދޮންމީހުން އިސްލާމުން ނޫން ކަމައްވަންޏާ ކޮންރޯދަމަހެއް އެމީހުނަށް އޮންނާނީ؟ ހަމަ ކާންވީނު... އެކަމަކު ދިވެއްސެއް އެކަމު އަދަބެއް ވެސް ނުދެވޭ އެމީހުންގެ ދީނުގައި އޮންނަކަމެއް ނޫންވީމަ.... މިކަހަލަ ކިތައްކަންތަން ހުންނާނެ؟

މަރިޔަނބު

ރާއްޖެ މީހަކާއި އިނދެގެން ދަރިން ލިބި، އަދި 45 އަހަރު ރާއްޖޭގައި އުޅޭތާ، ބޭސްފަރުވާ އެހާ އަގުބޮޑު އަދި އާސަންދަ ނުލިބޭ، ވިސާ އާކުރަން ޖެހޭ، އުޅެން ޖެހެނީ ހާލުގައި، މިކަމަށް އަހަރުމެން ކަހަލަ މީހުންނަށް ދިވެހިރާއްޖޭގެ ރައްވެހިކަން ދިނުން ގޯހެއް ނޫން. ހަމަ ފެއަރ!!!

ސީ

ފުރަތަމަ ދިވެހިންނަށް ބޭނުންވާ ކަންކަން މި ގައުމުން ހަމަނުޖެހިގެންއުޅޭ އިރު، ބޭރު މީހުންގެ ވާހަކަ ދެއްކުމުގެ ޖާގައެއްވެސް ނެތް ކަމަށް ބުނެފަ އެެވެ. އަދި މިހާރުވެސް މިއުޅެނީ ދިރިއުޅޭނެ ތަންކޮޅެއްވެސް މި ދިވެހި ފަސްގަނޑުން ނުލިބިގެން

އަލީރާޖާ

މިތާ އުޅޭ ބޭރުގެ އެންމެން ދިވެހިންނަށް ހަދާވާހަކައެއް ނޫން. ނަމަވެސް 30 އަހަރު 40 އަހަރު ރައްޖޭގައި އުޅެ ދަރިންނާއި ކާފަ/މާމަ ދަރިން ލިބިފައިވާ މީހުން އެބަ ތިބި. އެ ފަދަ މީހުން ހަމަ ތާއަބަދަށް ވިސާ ދައްކާލަ ދައްކާލަ ތިބުމަކީ އިންސާފެއް ނޫން. އެމީހުންވެސް ރާއްޖެއަށް ޓެކްސްވެސް ދައްކާ. ދުނިޔޭގެ އެހެންތަންތާވެސް ރަށުގެ ރައްޔިތަކާ ކައިވެނި ކުރީމާ ދެން ވަކި މުއްދަތެއްގެ ފަހުން ޕާމަނެންޓް ރެސިޑެންސީ އާއި އަދި އޭގެ ވަކި މުއްދަތަކާއި ޝަރުތުތަކެއް ހަމަވާ ނަމަ ރައްޔިތުކަންވެސް ދޭ. ރާއްޖޭގައި ރަގަޅު އުސޫލެއްގެ ދަށުން އެކަން ކުރަންޖެހޭ.

ނޫރު

ގޭގަ ތިބޭ މާމަ ކާފަ ކޮން ޓެކްސް އެއްތޯ ދައްކަނީ. ދިވެހިން ބުރަމަސައްކަތް ކޮށްގެން ހޯދާ ފައިދާއިން މީރާއަށް ދައްކާ ޓެކްސް ލާރިކޮޅު ޙަރަދުވަނީ ތި މާމަ އިން ނަށާއި ކަފާއިން ނަށް. އަދި ތިފަދަ އެތައް ބިދޭސީ އަކަށް. ވިސާ އަކީ ދައްކަންޖެހޭ އެއްޗެއް.

ލލ

އެމްޑީޕީ ލީޑާޝިޕްގައި ތިބީ ބޭރު މީހުން ފަންޑު ކުރާބަޔެއް އެހެންވިމާ އެކަހަލަ ވާހަކަ އެދެވެނީ އެމީހުންގެ ދުލުން، އެއީ ޤައުމުގެ މުސްތަޤުބަލަށް ވިސްނާބަޔެއްނޫން އެމީހުން ބޭނުންވަނީ ވަގުތީ ފައިދާ!

ޕޕ

ގައުމުގެ މުސްތަގުބަލަށް ވިސްނުމަކީ މިތާ ދިވެހިންނާ އިދިގެން އުޅޭ ބޭރުމީހުންނަށް ދާއިމީކޮށް ހެދުމާ ނުހެދުމާ ގުޅޭ ކަމެއްތަ؟

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910