ވާހަކަ

ބޭނުންވަނީ ޔާރާ

(31 ޖުލައި 2019 އާ ގުޅޭ)

"ހޫމް........ސައިބޮއެގެން ދަމާ، ދެމީހުން ދާނީ ދޯ" އިމީ ބުނެލިއެވެ. އޭނައަށް މަންހާއަށް ކޮންމެވެސް ކަމެއްވެއްޖެހެން ހީވިހީވުމަކީ ގޯހެއްބާއޭ ހިތަށްއެރިއެވެ. މިހާރު މަންހާ އެވާހަކަދައްކަނީ މަންހާ އަބަދުވެސް އޭނަ އާއި ވާހަކަދައްކާ ގޮތަށެވެ. މިހާރަކު ތަފާތުކަމެއް ފާހަގައެއް ނުކުރެވެއެވެ. އެހެންނަމަވެސް އެހެންހުރެފަ ދޭތެރެއަކުން އަމިއްލައަށް ކޮންމެވެސް އެއްޗެކޭ ބުނެލައެވެ.

މެންދުރުވިއިރު މަންހާ ފައިގާ ބޭސްއަޅައިގެން ގެއަށް އަތުވެއްޖެއެވެ. ޑޮކްޓަރު ބުނީ ނުހިނގާ ރެސްޓެއް ނެގުމަށެވެ. ފަޔަށް ވަރަށްބޮޑަށް އަރާމުދޭންޖެހޭ ކަމުގައެވެ. އެހާއިރުވެގެންދިޔައިރުވެސް ދާއިންގެ އެއްވެސް ޚަބަރެއް މަންހާއަކަށް ނުވެއެވެ. އެނދުގެ އެއްފަރާތުގައި ހުރި ކުޑަސައިޑްޓޭބަލް މަތީގައި ހުރި ދާއިންގެ ފޮޓޯ މަންހާ ބަންޑުން ބޭއްވިއެވެ. އެފޮޓޯ ފެނުމުން އޭނަގެ ހިތަށް ތަދުވަނީއެވެ. ރޮވެނީއެވެ. އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބާރެއްނުފޯރުވެނީއެވެ. އެއާއިއެކު އަނެއްކާވެސް މަންހާ ސިއްސައިގެން ދާންފަށައިފިއެވެ. އެއިން ކޮންމެ ފަހަރަކު ހީވަނީ މީހަކު ކުއްލިއަކަށް އައިސް ދޮރުހުޅުވާލާހެނެވެ. ނޫނީ ނެހާ ރޯއަޑުއިވޭހެނެވެ. އެކަމަކު ނެހާ އެއޮތީ އޭނަގެ ކައިރީ ބޮޑުއެނދުގައެވެ. އެދަރިފުޅުނުވެސް ރޮއެވެ. މަންހާ ބިރުގަންނަންފެށިއެވެ. މަޑުމަޑުން އެނދުން ނެހާ ގޮވައިގެން ފައިބައިގެން ގޮސް އަލަމާރި ހަދާފައިވާ ކޮޓަރީގެތެރެއަށްވަދެއްޖެއެވެ. އޭނަ ބިރުގަންނަނީ ކީއްވެކަމެއް ހުދު އޭނައަކަށްވެސް ނޭގެއެވެ. މީހަކު އޭނަ ބިރުގަންނުވަން އުޅެނީބާއޭވެސް މަންހާ ހިތަށް އަރަމުންދިޔައެވެ. އޭނައަށް އަނެއްކާވެސް ރޮވެންފެށުނެވެ. ބިރުންގޮސް މީހާ ތުރުތުރުލާހެން ހީވެއެވެ. މަޑުމަޑުން އަލަމާރި ހަދާފައިވާ ކޮޓަރީގެ ދަމާދޮރު ކުޑަކުޑަކޮށް އެއްފަރާތްކޮއްލަމުން ކޮޓަރިތެރޭ އޭނަ ބަލާލީ ވަރަށްވެސް ސިއްރުންނެވެ. އަދި ނެހާ ގޮވައިގެން ސިއްރުސިއްރުން ނުކުމެގެން ގޮސް ރީތިވާ މޭޒުމަތީގައި އޮތް ފޯނު ނަގައިގެން އައިސް އަލަމާރި ހަދާފައިވާ ކޮޓަރީގެ ތެރެއަށް މަންހާ ވަދެއްޖެއެވެ. އަދި ނެހާއަށް ޝްޝްޝް ލައްވަމުން އަވަސް އަވަހަށް ޒައުލްއަށް ގުޅިއެވެ.

"އެވްރިންގްސް ގޮނާ ބީ އޯކޭ.................އެވްރިތިންގްސް ގޮނާ ބީ އޯކޭ.........އައި އެމް ހިއަރ ބޭބޭ..........އައި އެމް ހިއަރ ބޭބީ.........." ޒައުލްއަށް ގުޅައިގެން އިނދެ މަންހާ ބުނަމުންދިޔައެވެ.

ފޯނުން ވާހަކަ ދައްކަމުންދިޔަ ޒައުލްގެ ދުލުން މަންހާގެ ނަންއިވުމާއިއެކު އޭނަގެ ކުރިމަތީގައި ދުރަށް ނަޒަރުހުއްޓާލައިގެން އިން ދާއިންގެ ސަމާލުކަން އޭނައަށް ހުއްޓިގެން ދިޔައެވެ. ޒައުލް ފޯނުން ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ދާއިންއިންއިރު ޒައުލްގެ މޫނުމަތިން ކުއްލިއަކަށް ފެންނަންފެށި ހާސްކަމާއި ކަންބޮޑުވުންފެނި ވެގެންއުޅޭގޮތެއް އޮޅުންފިލުވުމަށް ހިތްއަވަސްވެފައިވެއެވެ.

"ކިހިނެއްވީ؟ މަންހާ ދޯ އެގުޅީ..........." ޒައުލް އޭނަގެ ކަންފަތާ ފޯނު ދުރުކޮއްލުމާއިއެކު ދާއިންއަށް އަހާލެވުނެވެ.

"އަހަރެން މިހުރީ ހައިރާންވެފަ ދާއިންގެ ސަބަބުން، އަހަރެން ވާހަކައެއްބުނަންތަ ދާއިން ކައިރީ...........މަންހާއަކީ އަހަރެންގެ އަންބެއްނަމަ އަހަރެން އޭނަ އެންމެ ހިނދުކޮޅަކަށްވެސް ދޫކޮށެއް ނުލާނަން، އަދި އަމުދުން އަހަރެންގެ ހުރިހާ އުއްމީދަކާ ހުރިހާ އުފަލެއް އަހަންނަށް ހޯދަދިން އަންހެނަކަށް އެކަމުގެ އަގު އަދާކުރާނީ ލޯތްބާއި އޯގާތެރިކަމުން ފުރިގެންވާފަދައަކުން، އަހަންނަށް މަންހާ އެހާލުގައި ފެނުނުނަމަވެސް އަހަރެން މަންހާގެ ވާހަކަ ދޮގެއްނުކުރާނަން، އަހަރެން އޭނަގެ ދިފާއުގައި ނުކުންނާނަންކަން ޔަގީން.............އެކަމަކު............ހަގީގަތަކީ މަންހާއަކީ އަހަރެންގެ އަންބަކަށްނުވެ ވިޝާލްގެ އަންބަކަށްވެސް ނުވާކަން، އެނަސީބުދެރަ އަންހެން ކުއްޖާއަކީ ދާއިންގެ ނިކަމެތި އަންބަކަށްވީކަން، މިއަދު މަންހާއަށް ފިލަން ދާއިން ތިދުވަނީ ކީއްވެތަ، އޭނަގެ ވާހަކަތައް އަޑުއަހަން ބޭނުންނުވަނީ ކީއްވެތަ.........އަހަރެން އިތުރަށް ދާއިންއަށް ވިސްނާދޭނެގޮތެއް ނޭގުނު.............އަހަރެން މިދަނީ ތިގެއަށް، މިއަދު މަންހާއަށް އަހަރެންފަދަ ޑޮކްޓަރެއްގެ އެހީ ބޭނުންވެއްޖެހެން އަހަންނަށް ހީވަނީ، އޭނަ އެގުޅީ އަހަރެންގެ އެހީ އާއި މަދަދަށް އެދި..........ދާއިންއަކީ އަހަރެންގެ ޒަމާންވީ އެންމެ ގާތް އެކުވެރިޔާ ކަމުގައިވިޔަސް ނާއިންސާފުން މަންހާއަށް އަނިޔާލިބޭތަން ބަލަން އަހަރެން ނުހުންނާނެކަން ދާއިން ދަންނާތި............" މެންދުރުގެ ކެއުމަށް ރެސްޓޯރެންޓެއްގެ މޭޒެއްގެ ކައިރީ ދާއިން އާއިއެކު އިނދެ ޒައުލް ބުނެލިއެވެ. އަދި މިހެން ބުނެ ދާއިންގެ ޖަވާބަކަށް މަޑުކުރުމެއްނެތި ޒައުލް ތެދުވީ އެތަނުން ދިއުމަށެވެ.

"ޒައްލޭ، މަންހާއަށް ކިހިނެއްތަވީ؟ އާދޭސްކޮއްފައޭ މިއަހަނީ، ބުނެބަލަ........މަންހާއަށް ކިހިނެއްތަވީ" މޭޒުމަތީއޮތް ބިލަށް ފައިސާ ލުމަށްފަހު ޒައުލް އާއިއެކު ދާއިންވެސް ތެދުވެއްޖެއެވެ. އަދި ހާސްވެފައިހުރެ ޒައުލް އާއި ސުވާލުކުރަންފެށިއެވެ.

"މަންހާ ޑިޕްރެޝަންއަށް ދަނީހެން އަހަންނަށް ހީވަނީ، އޭނަ ރޮމުން ވާހަކަދެއްކީ، އެހެންވެ ދެއްކި ވާހަކައެއް މާބޮޑަކަށް ސާފެއްނުވި، އޭނަ ކޮންމެވެސް މީހެއްދެކެ ބިރުން އުޅެނީ.............." ޒައުލް ސިޑިން ފައިބަމުން ބުނެލިއެވެ.

"ކާކުދެކެ، ކީއްވެ........ޑިޕްރެޝަންއަށް ދަނިއްޔޭ.........." ދާއިން ސުވާލުން ފުރިގެންވި ނަޒަރަކުން ޒައުލްއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

"ދާއިން އާއިހެދި މިހެން މިވަނީ، މިކަމުގައި އަހަރެން ކުއްވެރިކުރާނީ ދާއިން.........." ޒައުލް ހިތްހަމަނުޖެހިފައި ބުނެލިއެވެ. ހެނދުނު ހެނދުނާ ހޭލައިގެން ދާއިން އައީ ޒައުލްމެންގެއަށެވެ. އަދި އޮފީހަށްވެސް ވަދެލީ ނުރަސްމީގޮތަކަށެވެ. އެއަށްފަހު އޭނަ އެއުޅެނީ ޒައުލް އާއިއެކު އޭނަގެ ކުލިނިކުން މެންދުރުގެ ކެއުމަށް ނުކުތްގޮތަށެވެ. ދެމީހުން އެކުގައި ގޮސް ކާރަށް އަރަންދެން އެކަކުވެސް ވާހަކައެއްނުދައްކައެވެ. ދާއިންގެ ކާރުގައި ގެއާއި ދިމާލަށް މިސްރާބުޖަހާފައި ހުރިއިރު އޭނައިނީ ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ވިސްނަމުންދިޔައީ މަންހާ އާއި ދޭތެރޭއެވެ. އެންމެ ފުރަތަމަ އެއަންހެން ކުއްޖާ އާއި އޭނަ އާއި ދިމާވިގޮތެވެ. އޭނަގެ ހަޔާތަށް އެއަންހެން ކުއްޖާ ގެނައިގޮތެވެ. ހުރިހާ އުއްމީދެއް ފުރިހަމަކޮއްދީ އޭނަގެ ކުރިމަތީގައި ފުރިހަމަ އަންހެނެއްގެ ގޮތުގައި މަންހާވެގެންދިޔަކެމެވެ. ދުވަހަކުވެސް ޝަކުވާއެއްކުރާނެ ފުރުޞަތެއް ދާއިންއަކަށް ނުދެއެވެ. އެހެންނަމަވެސް އޭނައަށް މަންހާ އާއި ދޭތެރޭ ކަންތައް ކުރެވުނީ ކިހިނެއްހެއްޔެވެ. މަންހާ ދެރަވެފައި ހުންނަތަން ނުފެންނަނީ އޭނަ ވަކި ދެރަނުވާތިއެއްނޫންކަން ވިސްނާމިލެވުނީ ކިހާފަހުންހެއްޔެވެ. ޒާރާގެ ފަރާތުން ފެންނަމުންދިޔަ ހަރަކާތްތަކާއި ދައްކަމުންދިޔަ ވާހަކަތަކުގައި ހަސަދަވެރިކަމުގެ ނުބައި ކުލަ އެކުލެވިފައިވާކަން އިޙްސާސްކުރެވުނީ މިއަދުއެވެ. ޒައުލް ބުނީ ހަމަ ރަނގަޅަށެވެ. ކުއްވެރިއަކީ އޭނައެވެ. ދާއިންއަށް ގެއަށް ދެވުމާއިއެކު މަންހާގެ ކައިރިން މާފަށް އެދެން ހިތްބުނަމުންދިޔައެވެ. އަދި ޒާރާއަށް މަންހާގެ ކުށެއްނެއްކަން އަންގާވެސްދޭނެއެވެ. ދާއިން ދުވަހަކުވެސް މަންހާ އާއި ވަކިވާކަށް ބޭނުމެއްނޫނެވެ. އޭނަ މިހާރު ޒާރާއެކޭ އެއްވަރަށް މަންހާވެސް ބޭނުންވެއެވެ. ދިރިއުޅުމުގައި ޒާރާއަށްވުރެވެސް މަންހާ މުހިއްމޭ ހިތަށް އަރާ ހިނދުކޮޅުތައް ގިނައެވެ.

އަލަމާރި ހަދާފައިވާ ކޮޓަރީގެ ތެރޭ މަންހާ ނެހާ ގަޔާ ކައިރިކޮއްލައިގެން ހުއްޓެވެ. ނެހާ ރޯއަޑު އޭރު ކުރިއަށްވުރެވެސް ގަދަވެއްޖެއެވެ. މަންހާ ކަންބޮޑުވުމާއިއެކު ދަރިފުޅު ގޮވައިގެން ދެކޮޅަށް ހިނގަނީއެވެ. ނެހާ ހުއްޓާލާތޯ ނާނާވެސް ކިޔަމުން އިރުއިރުކޮޅާ ދޮރާދިމާލަށް ބަލަމުން އޭނަ ހިނގައެވެ. ޒައުލް އަންނާނީ ކިހާ އަވަހަކާ ބާވައޭ އޭނަގެ ހިތަށްއެރިއެވެ. ނެހާގެ ރުއިމަށް ބަދަލެއް ނައުމުން ވަރަށް ހިތްވަރުކޮއްފައި ހުރިތަނުން ކޮޓަރީގެ ތެރެއަށް ސިއްރުން ބަލާލިއެވެ. މީހެއްގެ ހިލަމެއް މިހާރަކު ނުވެއެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން މަންހާ ދަރިފުޅު ގޮވައިގެން ކޮޓަރިން ބޭރު ސިޓިންރޫމުވެސް ބަލާލިއެވެ. އެތަނުންވެސް މީހެއްގެ ހިލަމެއްނުވިއެވެ. މަންހާ ބަދިގެ ފަރާތުގައި ސްޓެރިލައިޒަރގެ ތެރެއަށް ލާފައި ހުރި ބުއްފުޅިތަކުން ފުޅިއެއްނެގޭތޯ އެއްއަތުން މަސައްކަތްކުރިއެވެ. އޭރުވެސް ނެހާ ރޯއަޑު މުޅި އެޕާޓްމެންޓުގައި ހަރުލާފައި ހުއްޓެވެ. މަންހާ އެންމެ ސިކުންތަކަށްވެސް ނެހާގެ ގައިން ދޫކޮށެއްނުލައެވެ. އޭނައަށް ހީވަނީ ދަރިފުޅު ބާއްވާއިރަށް ގެންގޮސްދާނެ ހެންނެވެ. ބުއްފުޅި އެއްއަތުން ހަދަމުންދިޔަ މަންހާއަށް އެޕާޓްމެންޓުގެ ދޮރުހުޅުވާލި އަޑުއިވުމާއިއެކު އަވަސް އަވަހަށް ބަލާލިއެވެ. ވަގުތުން މަންހާގެ މޫނުމަތީގައި ރުޅިވެރިކަމުގެ އަސަރު ފާޅުވެގެންދިޔައެވެ. ނެހާގެ ގައިގާ ބާރަށް ބައްދާލުމާއިއެކު ދޮރުން ވަތް ޒާރާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"ދާއިން ބުނީ ކަލޭ ވަރިއޯ ދެން ކުރާނީ، އޭރުން އެވިޝާލް އާއިއެކު އުޅެވޭނެއެއްނޫންހޯ، ހެ ހެ ހެ ހެ..............ދާއިން އަދިވެސް ލޯބިވަނީ އަހަރެންދެކެ ކަމައް ނޭގޭތަ..........އަހަރެން ބޭނުންވާ ގޮތަށް އޭނަ ކަންތައްކުރާނީ، ތިދަރިފުޅުވެސް ލިބޭނީ އަހަންނަށް..........." ޒާރާ ހިނިއައިސްފައި ހުރެ މަލާމާތުގެ ގޮތަށް ވާހަކަދެއްކިއެވެ.

"ނޫން..........ނޫން..........މިދަރިފުޅެއް ނުލިބޭނެ، މީމަގޭ ދަރިއެއް........" މަންހާގެ މޫނުމަތީގައިވާ ރުޅިވެރިކަން ބިރުވެރިކަމަށް ބަދަލުވެގެން ހިނގައްޖެއެވެ. އެކަން ޒާރާއަށްވެސް އެނގުނެވެ. އޭނަ ބޭނުންވީ ދެންވެސް އޭނަގެ ބަސް ގަދަކޮއްލާށެވެ. މަންހާގެ ބާރެއްނެއްކަން އަންގާލާށެވެ. މަންހާއަށް ދާއިންގެ ދިރިއުޅުމުގައި އެއްވެސް ޖާގައެއްނެއްކަން އަންގާށެވެ.

"ދާއިން ދެން ކަލޭ ދައްކާ އެއްވެސް ވާހަކައެއް ގަބޫލެއްނުކުރާނެ، އޭނައަށް ކަލޭގެ ހަގީގަތް ރަނގަޅަށް ފެނިފަ އެއޮތީ، ވިޝާލް ވައްދައިގެން ގަތްގަނޑު................." ޒާރާގެ ވާހަކަ މެދުކަނޑާލީ މަންހާއެވެ.

"އެއީ ޒާރާ ކުރިކަމެއް، ވިޝާލް އާއި އަހަންނާ ދޭތެރޭ އެފަދަ އެއްވެސް ގުޅުމެއްނެއް، އަހަރުމެންނަކީ ދެރަޙުމަތްތެރިން، ޒާރާ ރޭވި ނުބައި ރޭވުމެއް އެއީ.........." މަންހާ ދެރަވެފައި ބުނެލިއެވެ. އޭނަގެ ހިތް ކުދިކުދިވެ ވިރެމުންދާފަދަ އިޙްސާސްއެއް ކުރެވެމުން އޭރު ދިޔައެވެ. ބައެއްފަހަރަށް ރުޅިވެރިކަމުގެ ކަނިބުރައިގެން ދާހާވެއެވެ. ހުޅުފަޅައި ބޮޑު އަލިފާންގަނޑަކަށް ނުވަނިސް މަންހާގެ ހިތުގައި އުފެދެމުންދިޔަ ނަފުރަތުގެ އިޙްސާސްތައް ކޮންޓްރޯލް ކުރުމަށް ވަރަށް މަސައްކަތް ކުރަމުން ދިޔައެވެ.

"އެއީ ރޭވުމެއްކަން އެނގެނީ ކަލެއަށާ މަށަށާ ދެމީހުންނަށް، ދާއިން އެހެރީ އަހަރެން ދެއްކި މަންޒަރެއް ގަބޫލުކޮއްލައިގެން. އޭނަ އިތުރު ސުވާލެއްވެސް ކަލެއާ ކޮއްނުލިއެއްނު، ދެން އޭނަ ކަންތައްކުރާނީ އަހަރެން އޭނައަށް މަޝްވަރާކުރިގޮތަކަށް، މިހާރުވެސް ބުނެފަ އޮންނާނީ ކަލޭ ވަރިކޮއްލާށޭ........އަދި އެބަ އުޅެއެއްނު މާރަނގަޅު ކަމަށް ހެދިގަނެގެން، މަންހާ އެއްޗެކޭ ނުބުނެ ތިހެން ކިތަންމެ ދުވަހަކު ހުއްޓަސް ދެން ދާއިންއެއް އެނބުރި ނާންނާނެ، އަހަރެން އެކަން ޔަގީންކޮއްދެން...............ހެ ހެ ހެ ހެ.........ޔަގީންކޮއްދެނީ ކީއްކުރަން ދޯ، މިހާރުވެސް އެބަ ފެނެއެއްނު، ދާއިން ކަލޭގެ ސޫރަވެސް ދެކެން ބޭނުންނުވޭ..............ބުނަން..............އަހަރެން މިއައީ ތިކުއްޖާ ބަލާ، މީގެފަހުން ތިކުއްޖާވެސް ވާނީ އަހަންނާ ދާއިންގެ ކުއްޖަކަށް، އޭނަ މަންމަ ކިޔާނީވެސް އަހަންނަށް.............ރަނގަޅުވާނީ އަވަހަށް ފޮށިތައްޔާރު ކުރިއްޔާ، ދާއިންއައިސް މިގޭން މަންހާ ނެރުމުގެ ކުރިން އަވަހަށް ފޮށިހިފައިގެން ގެއަށްދޭ، ދެން ތިކުއްޖާ މަށަށް ދީ.........." ޒާރާ މިހެން ބުނެ ހެވިފައި ހުރެގެން މަންހާގެ ގާތަށް ދިޔައެވެ. ނެހާގެ ރުއިމުގެ އަޑު އޭރުވެސް ކަނޑައިގެން ނުދެއެވެ. މަންހާގެ ފުރާނަވެސް އެހަށިގަނޑުން ނެރެން ޒާރާ މަސައްކަތްކުރާ ފަދައެވެ. އޭނަގެ ދެލޯ ފެންކަޅިވެގެންގޮސް ކަރުނުން ކޯތާފަތް ތެމިގެންދިޔައެވެ. ކުރިއަށްވުރެވެސް ބާރަށް ނެހާ ގަޔާ ބޮނޑިކޮއްލަމުން ހިފަހައްޓާލެވުނެވެ. އަދި ފުންނޭވާތަކެއް ލަމުން ތުންފިއްތަމުން މަންހާ ދިޔައީ ދެންވެސް ނުރޯށެވެ. ހިތްވަރުގަދަ ކެތްތެރި މީހަކަށް ވުމަށެވެ.

"ޒާރާ...............ދެންހެޔޮ.............އަތްނުލާތި.........." މަންހާ އާއި ކައިރިއަށް އައި ޒާރާ ނެހާގެ ގައިގާ އަތްލެވޭ ހިސާބަށް އައިސް އަތްދިއްކޮލުމާއިއެކު މަންހާ ބަދިގެތެރެއަށް ދެމިގަތެވެ. އަދި ބާރަށް ހަޅޭލަވަންފެށިއެވެ. އިޙްތިޔާރަކާއި ނުލާ ހަޅޭލެވެނީއެވެ. ނެހާ ރުއިމުގެ ތެރެއިން ސިހިގެންގޮސް ކުރިއަށްވުރެވެސް އެކުއްޖާގެ ރުއިން ގަދަވެއްޖެއެވެ. ބައެއްފަހަރަށް ރޮމުންގޮސް އެކުއްޖާގެ އަޑު ހިނދިގެންވެސް ދެއެވެ. ޒާރާ ބާރު ބާރަށް ހޭންފެށިއެވެ.

"ކާކަށް އަޑުއިއްވަންތަ ތި ހަޅޭލަވަނީ، ދާއިން އަންނާނެ ކަމައްތަ...........މިބުނީނު އޭނައެއް ނާންނާނެއޭ، މަންމައެއްވެސްނެތް، އަހަރެން ބުނީމަ ރީތިކޮށް ތިކުއްޖާ އަހަންނަށް ދިނީމަ ނިމުނީނު، އަހަރެންވެސް މަންހާއެކޭ އެއްގޮތަށް އެކުއްޖާ ބަލާނަމޭ، ދާއިންގެ ކުއްޖެއްދެކެ އަހަރެންވެސް ލޯބިވާނެއެއްނު............ދެން ގެނޭ............" ޒާރާ އަނެއްކާވެސް ކުރިއަށްޖެހިލާފަ މަންހާގެ އަތުން ނެހާ އަތުލަން އުޅުނެވެ. މަންހާ ކުއްލިއަކަށް ޒާރާކޮއްޕާލިއެވެ. އަދި އެވަގުތު އަތުގައި ޖެހޭ ހިސާބުގައި ނެހާއަށް ހަދަންފަށާފައިވާ ބުއްފުޅި ޒާރާ އާއި ދިމާލަށް ހޫރާލިއެވެ. ޒާރާ އެފުޅި އައިސް އޭނަގެ ގައިގާ ޖެހުމުގެ ކުރިން ރެކިލެވުނީ ކިރިޔާއެވެ. ނަމަވެސް ބުއްފުޅީގައި ހުރި ކިރުތަކުން ބައެއް ޒާރާގެ ފަޔަށް ބުރައިގެން ދިޔައެވެ. އެހިނދު ޒާރާ ރުޅިވެރިކަމުގެ މޫނު ހަދާލަމުން މަންހާއަށް ބަލާލިއެވެ. އެބަލާލުމުން ހީވީ އޭނަ މަންހާގެ އަތުން މިފަހަރު ދާނީ ނެހާ އަތުލައިގެން ގޮވައިގެންހެންނެވެ. މަންހާއަށް އޭރު ރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭނަގެ މުޅި އުމުރުގަވެސް ޒާރާފަދަ ނުބައި މީހަކާ ދިމައެއްނުވެއެވެ. އަދި މިފަދަ ހާލަތަކަށް އޭނައަށް ދާން މަޖުބޫރެއްވެސް ނުވެއެވެ. ދުނިޔޭގައި މިފަދަ ރަހުމްކުޑަ މީހުންވެސް އުޅޭހެއްޔެވެ. އޭނަގެ ހިތާ ސިކުނޑިއަށްވުރެވެސް ކުރިން އޭނަގެ ހަވަނަ ހިއްޞު މަސައްކަތްކުރިހެންވެސް ހީވެއެވެ. ކުއްލިއަކަށް ވަޅިޖަހާފައިވާ އެތީގައި އިން ތިންވަޅިން އެންމެ ބޮޑުވަޅިނަގާ ޒާރާ އައި ދިމާލަށް އޭނަ ދިއްކޮއްލިއެވެ.

"ޕްލީޒް ޒާރާ، އަހަންނާ އަހަރެންގެ ދަރިފުޅު ދޫކޮއްލާ، އަހަންނަށް ކުރެވުނީ ކޮންކުށެއްތަ، އަހަރެން ތިދެމަފިރިންނަށް ދުވަހަކުވެސް އުނދަގުލެއް ނުކުރާނަން.............އެންމެ ރަނގަޅޭ............އެންމެ ރަނގަޅޭ ދާއިން އަހަރެން ބޭނުންނުވިޔަސް، އެކަމަކު އަހަރެންގެ ދަރިފުޅު އަތުނުލާ، ޕްލީޒް..........އަހަރެން ދުވަހަކުވެސް ދާއިން އާއި ބައްދަލެއްނުކުރާނަން................ދާއިން ހޯދާކަށްވެސް ނުދާނަން، އޭނަ އާއި އަނގައިންވެސް ނުބުނާނަން، އެކަމަކު އަހަންނާ އަހަރެންގެ ދަރިފުޅު އުޅުނަ ދީ...........މިދަރިފުޅާއިއެކު މުޅި އުމުރު އަހަރެން ވޭތުކޮއްލަ ފާނަން، މިދަރިފުޅުގެ ސަބަބުން އަހަންނަށް ދާއިންގެ ލޯބި ލިބިއްޖެކަމުގައި ހީކުރާނަން، ތަގްދީރުގައި ލިޔެވިފައިވަނީ މިވަރަށް ކަމުގައިވާނަމަ، މިންވަރަށް ޝުކުރުކުރާ މީހަކު ކަމުގައި ވާނަން...............ޕްލީޒް..............އަހަރެންގެ ދަރިފުޅެއް ނުލިބޭނެ އެކަކަށްވެސް...............ތިހެން ނުހަދާ.........." މަންހާ ރޮމުން ވާހަކަދެއްކިއެވެ. އަދި ދޭތެރެއަކުން އަތުގައި އޮތްވަޅިއާއިއެކު ދެފަރާތަށް އަތްހޫރާލަނީ ޒާރާ ކައިރިވެދާނެތީއެވެ.

"އަހަރެން ހަމަ އަޖައިބުވޭ މަންހާއަށް ނޭގޭތީ...........ބަލަ މައްސަލައަކީ އެންމެ ފުރަތަމަވެސް މަންހާ މިގެއަށް..................މަގޭގެއަށް، މަގޭ ދާއިން އާއި ކައިވެނިކޮއްގެން އައީމަ...........އެވަރުން ނުވެގެން ދާއިންގެ ދަރިއަކަށް ބަލިވެ އިނދެ ވިހެއީމަ، އަހަރެން ދިރިހުއްޓާ ކަލޭ އަހަރެންގެ ނަންވެސް ފޮހެލަން އުޅުނީ............އަދި މާ މާތްވާންވެގެން އެބަ އުޅެޔޭ............ކަލޭ ހީކުރީ އަހަރެން ބާކީ ކޮއްލާފަ ކަލެއަށް ހުރިހާ އުފަލަކާ މޮޅެއް ހާޞިލްވެދާނެކަމަށްތައް.................ނުވާނެ، ވިޔަކަ ނުވެސް ދޭނަން، ދާއިންއަކީ ހަމައެކަނި އަހަރެންގެ މީހެއް، މިގޭގަ އުޅޭ ހުރިހާ މީހުންނަކީ އަހަރެންގެ ވަށައިގެން އުޅެންޖެހޭނެ މީހުން، ތީ މިގެއަށް އައީ ވަގުތީ މެހެމާނެއް، ދާއިންގެ ވަގުތީ އުފަލަކައްޓައި އޭނަ ހިތްހަމަޖައްސާލަން ގެނައި މީހެއް، މިހާރު ކަލޭ ދާންވީ ވަގުތު އައިސް ޖެހިއްޖެ.........." ޒާރާވެސް ރުޅި އައިސް ރަތްވެފައި ހުރެ ހަޅޭލަވާ އުސޫލުން މަންހާ އާއި ވާހަކަދައްކަމުން ދިޔައެވެ. ޒާރާވެސް ހުރީ ގޮތްދޫކުރާފަދަ ގޮތަކަށް ނޫނެވެ. ހިނދުކޮޅެއްގެ ތެރޭ އެސްފިޔަ ޖަހާލާފައި ހުޅުވާލާހާ ވަގުތުކޮޅެއްގެ ތެރޭ އިވިގެން ދިޔައީ ވަރަށް ބާރަށް ވޭނީ ހަޅޭކަކުން ޒަރާ ހަޅޭލަވައިގަތް އަޑެވެ. ދެން ފެނުނީ އޭނަގެ ކަނާތުގައި ވަރަށް ބާރަށް ވާތުން ހިފަހައްޓާލައިގެން ހުރިތަނެވެ. އޭރު ޒާރާގެ އަތުގެތެރެއަށް ލޭތައް ގިނަވަންފަށައިފިއެވެ.

"މިހިރަ ގޮތް ކުޑަ ނުލަފާ އަންހެނާ............މަގޭއަތޭ، ކަލެއަށް އަހަރެން މަރާލުން ނޫންގޮތެއް ނެތީ ދޯ، އާން..............ތިހީވީ ރަނގަޅަށް، އަހަރެން މަރާލާ، އޭރުން ކަލެއަށް ހަމަޖެހިގެން އުޅެވޭނީ، އެކަމަކު ބުނަން، އަހަރެން މަރާލިޔަސް ކަލެއަށް ދާއިންގެ ލޯތްބެއް ނުލިބޭނެ' ޒާރާ ހަޅޭލަމުން ދިޔައިރު އޭނަގެ އަތުން ލޭތިކި ޖަހަން ފަށައިފިއެވެ. އޭނަގެ މޫނުމަތިންވެސް ތަފާތުކަމެއް ފާހަގަ ކުރެވިގެންދިޔައެވެ.

"އަހަރެންގެ ދަރިފުޅެއް ނުގެންދެވޭނެ.................އަހަރެންގެ ދަރިފުޅެއް ނުގެންދެވޭނެ..........އާން، މަރާލާނަން............މަރާލަން މިކުއްޖާ ގައިގަ އަތްލައިފިއްޔާ................" ޒާރާ އާއި މަންހާއަށް ކުޑަކުޑަ ނެހާ ރޯއަޑު އިވޭހެނެއް ހިއެއްނުވެއެވެ. އެވަގުތު ދެމީހުންކުރެ އެކަކުވެސް އެކުއްޖާ ހުއްޓުވާލެވޭތޯ މަސައްކަތެއް ނުކުރެއެވެ. މަންހާވެސް މިހާރު ހުރީ ޒާރާއަށް ދޫކުރާ ގޮތަކަށް ނޫނެވެ. މަންހާ ހީވަނީ މުޅިން އެހެން މީހެއްހެންނެވެ. އޭނަގެ އަޑުވެސް މިހާރު ބާރުވެ ކުރެހިފައިވެއެވެ.

ލޭމަނާ ނުވާނެކަން ޔަގީންވުމާއިއެކު ޒާރާ ހިނގައިގަތީ އެޕާޓްމެންޓުން ނުކުތުމަށެވެ. މަންހާ ސިއްރު ފިޔަވަޅުތަކެއް އަޅަމުން ޒާރާގެ ފަހަތުން ބަދިގެއިން ނުކުމެ ސިޓިންރޫމު ފެންނަ ހިސާބުގައި ހުއްޓެވެ. އޭރު ޒާރާގެ އަތުން ފައިބަމުންދިޔަ ލޭތިކިތަކުން ދިގު ރޮގެއްޅެމުންދިޔައެވެ. ޒާރާއަށް އެޕާޓްމެންޓުގެ ދޮރާ ހަމައަށް ނުދެވެނިސް ކުއްލިއަކަށް ދޮރު ހުޅުވާލާފައިވަނީ ޒައުލް އާއި ދާއިންއެވެ.

"ޒާރާ.........." ދޮރުން ވަތް ޒައުލް އާއި ދާއިންއަށާއި ދެމީހުންނަށް އެއްފަހަރާ ބުނެލެވުނެވެ. ދުރުގައި އެމަންޒަރު ބަލަންހުރި މަންހާއަށް ބޮޑަށް ރޮވުނީ ހާސްވެފައި ޒާރާގެ ގާތަށް ޖެހުނު ދާއިން ފެނިފައެވެ. ދާއިން ދުވެފައި އައިސް ކޮޓަރިތެރެއަށް ވަނެވެ. ދެންފެނުނީ ކުޑަތުވާލިކޮޅެއް ހިފައިގެން ނުކުމެ ޒާރާގެ އަތުގައި އޮޅާލިތަނެވެ.

"ޒާރާ މިތަނުގަ ކީއްތިކުރަނީ، މީކޮންކަމެއް..........." ޒައުލްވެސް އެއްޗެއް ބުނަން އަނގަހުޅުވާލިތަނާހެން ދާއިން ބުނެލިއެވެ.

"މަންހާ އަހަންނަށް ގުޅާފަބުނީ މިބަޔަށް އައުމަށް، އޭނަ އުޅުނީ އަހަރެން މަރާލަން.........ދާއިން، އޭނަ އުޅުނީ އަހަރެން މަރާލަން............އެވަޅި އަހަރެންގެ ގަޔަށް ހަރާލަންވެގެން، ދާއިން އާއި އަހަރެން މުޅި އުމުރަށް ވަކިކޮއްލަންވެގެން............" ޒާރާ ލޮލުން ކަރުނަ އައީ ކޮންވަގުތަކު ކަމެއްނޭގެއެވެ. އަނެއްކާވެސް ދާއިންގެ ބަސްހުއްޓުނީއެވެ. ދެއަންބިންގެ ތެރޭގައި އެކަކާ ދިމާލަށްވެސް އެއްޗެއް ބުނަން އޭނަ ބޭނުންނުވަނީއެވެ. ދުރުގައި މަންހާ ރޮމުންދިޔައެވެ. އެމަންޒަރު ފެނިފަ ދާއިންގެ ހިތަށްވެސް ތަދުވިއެވެ. މަންހާގެ އަތުގައި އޮތް ކުޑަކުޑަ ދަރިފުޅާއިއެކު ލޭއުނގުޅިފައިވާ ވަޅިވެސް އެއޮތީ މަންހާގެ އަތުގައެވެ. އެހެންނަމަވެސް ދާއިން ޒާރާ ދުރުކޮއްލަމުން މަންހާގެ ކައިރިއަށް ހިނގައިގަތެވެ.

"ނާންނާތި..........އާން............އަހަރެން އުޅުނީ އޭނަ މަރާލަން...................މަރާލާނަން.............އެކަކަށްވެސް ނުލިބޭނެ މިދަރިފުޅެއް، މީ މަގޭ ދަރިއެއް................އޭނަ މަރާލާނަން...........އެކަކުވެސް އަހަރެންގެ ކައިރިއަށް ނާންނާތި.............." ކުއްލިއަކަށް މަންހާ ތުރުތުރު އަޅަ އަޅާ އޮތް އަތާއިއެކު ވަޅި ދިއްކޮއްލަމުން ބުނެލިއެވެ. ކުއްލިއަކަށް ޒައުލް ދާއިންގެ އަތުގައި ހިފާ ހުއްޓުވިއެވެ. ދާއިން އަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނަގެ ކުރިމަތީގައި ހުރީ މަންހާ ބާއޭ ހިތަށްއެރިއެވެ. އަދިވަކިން ބޮޑަށް އެހިތަށް ތަދުވިއެވެ.

"ދާއިން، އޭނަގެ ކައިރިއަށް ނުދޭ، އަހަރެން ބުނީމެއްނު އޭނަ އެއުޅެނީ އަހަރެން މަރާލަންށޭ...........އެކުއްޖާ އޭނަގެ އަތުން އަތުލަބަ، އަހަރެން ބިރުގަންނަނީ އެކުއްޖާއަށް އޭނަ ކަމެއްކޮއްފާނެތީ، ދާއިން ހެޔޮނުވާނެ..........އެދަރިފުޅު އޭނަގެ އަތުން ސަލާމަތްކުރޭ..........." ޒާރާ ދާއިންގެ އަތުގައި ހިފާލަމުން އޭނަގެ ކޮނޑުގައި ނިތްޖައްސާލަމުން ރޮމުން ބުނަމުންދިޔައެވެ.

"މަންހާ..........." ޒައުލް ކުރިއަށް ނުކުންނަމުން މަޑުމައިތިރިކަމާއިއެކު މަންހާއަށް ގޮވާލިއެވެ.

"ނުލިބޭނެ، މިބުނީނު ނުލިބޭނެޔޭ.............މީ މަގޭ ދަރިއެކޭ...................މަރާލާނަން.............." ރޮމުން ގިސްލަމުން މަންހާ ވާހަކަދެއްކިއިރު އޭނައަށް ރަނގަޅަށް ބަސްތައްވެސް ނުކިޔެއެވެ.

"ދާއިން، އެހަށް މިތަނުން ޒާރާ ގޮވައިގެން ދޭ.............." ޒައުލް ދާއިންއަށް ބަލާލާފައި މިހެންބުނެލިއެވެ.

"ނެހާ..........." ދާއިންއަށް ޒައުލްއަށް ބަލާލަމުން މިހެން ބުނެ އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއަޑު މަންހާއަށް އިވުނެވެ. ދާއިންވެސް ބޭނުންވަނީ ދަރިފުޅު ހެއްޔެވެ. މަންހާގެ ހުރިހާ އުއްމީދެއް މިއަދު ފުޑުފުޑުވެ ހިރުފުސްކޮޅެއްހެން ވަޔާއޭގެ ރާހަތުވެސް ފޮހެލައިފި ކަމުގެ އިޙްސާސް ކުރެވިގެންދިޔައެވެ. މިއަދު އޭނަގެ ހާލާމެދު ވިސްނާނެ އެކަކުވެސް ނެތެވެ. ދާއިންވެސް ބޭނުންވަނީ ޒާރާ އާއި އޭނަގެ އަތުގައި އޮތް ނެހާއެވެ. އެކަކުވެސް މަންހާ ބޭނުމެއްނުވެއެވެ. އެއީ ކީއްވެހެއްޔެވެ. އެމީހުން ޒާރާގެ ބަހައްހެއްލުނީ ކީއްވެހެއްޔެވެ. އެވެސް މަންހާފަދަ އަންހެނެއް ނޫންހެއްޔެވެ. މިފަދަ ދަރަޖައަކަށް އޭނަ އިމްތިހާން ކުރައްވަނީ ކީއްވެހެއްޔެވެ. މަންހާގެ ހިތުގައިވަނީ ތެދުވެރި ލޯތްބެއްނޫން ހެއްޔެވެ. ދުވަހަކުވެސް އެހެން އިންސާނަކަށް ނުބައިކޮށް ނުހިތައެވެ. ދުލުން ބަދުބަހެއް ނުބުނެއެވެ. އަމިއްލަ ނަފްސަށްވުރެވެސް އެހެންމީހުންގެ އެދުން ކުރިއަށް ނެރެއެވެ. ދެން އޭނައަށް ކުރެވުނީ ކޮންފަދަ ބޮޑު ފާފައެއްބާއެވެ. މިފަދަ ހިތްދަތިކަމެއް އިތުރަށް ތަޙައްމަލު ކުރާނެހާ ހިތްވަރެއް އޭނަގެ ގަޔަކު ދެންނެތެވެ. ވަރަށް ހިތްވަރު ކޮއްފިއެވެ. އިންތިހާ ދަރަޖައަށް ކެތްތެރިވިއެވެ. އެކަމަކުވެސް.............އަނެއްކާވެސް އޭނަ ބާކީވީއެވެ. މިހުރިހާ ކަމެއް އެހިތަށް އަރަމުންދިޔައިރު އެހެން އެއްވެސް ވޭނަކަށްވުރެ އޭނަގެ ހިތުގައި އަޅަމުންދިޔަ ވޭން ގަދައެވެ. އިތުރަށް އެވޭނަށް ތަހައްމަލު ކުރާނެގޮތެއް މަންހާއަކަށް ނޭގުނެވެ.

(ނުނިމޭ)