ހަބަރު

ހައްދުފަހަނަ އެޅުމާއި ޓެރަރިޒަމާ ގުޅޭ ސެމިނާއެއް ބާއްވައިފި

Aug 5, 2019
1

ހައްދު ފަނައަޅާދިއުމާއި ޓެރަރިޒަމާ ބެހޭ ގޮތުން ހާއްސަ ލެކްޗާއެއް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) އިން ބާއްވައިފި އެވެ.

ޔުނިވާސިޓީގައި ބޭއްވި ލެކްޗާ ނަންގަވާ ދެއްވީ އިނގިރޭސިވިލާތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާ އެވެ. އޭނާ ވަނީ ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒާމާއި ބެހޭގޮތުން ގިނަ ދިރާސާތައް ކޮށްފަ އެވެ. އަދި ހައްދުފަހަނައަޅާ ދާ މީހުން އަނބުރާ މުޖްތަމައަށް ގެނައުމުގައި މުހިއްމު މަސައްކަތް ތަކެއް ކޮށްފަ އެވެ.

މި ލެކްޗާގައި ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާ ވަނީ ޒުވާނުން ހައްދު ފަހަނައަޅާ ދިއުމަށް މެދުވެރިވާ ސަބަބުތަކުގެ މައްޗަށް ވާހަކަ ދައްކާފަ އެވެ. އިސްލާމް ދީނުގެ ރަނގަޅު މައުލޫމާތު ނުލިބުމަކީ އޭގެ އެއް ސަބަބު ކަމަށާއި އިސްލާމްދީނާއި ގުޅޭ މަޢުލޫމާތު އިތުބާރުކުރެވޭ މަސްދަރުތަކުން ހޯދުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ. ޒުވާނުން ޓެރަރިޒަމްގެ ހަރަކާތްތަކުގައި ބައިވެރިކުރުމަށް ހިތްވަރުދޭ މީހުން ބޭނުންކުރަމުންދަނީ އެންމެ ފަހުގެ ޓެކްނޮލަޖީ އާއި ވަސީލަތްތައް ކަމަށާއި އެހެންކަމުން މި ކަންކަމަށް ފާރަވެރިވުމަކީ މުހިއްމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އާންމުކޮށް ހުޅުވާލައިގެން ބޭއްވި މި ލެކްޗާ އަށް 235 ފަރާތުން ހާޒިރުވި އެވެ.

މީގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީން ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން އިސްލާމް ދީނާއި ސުލްހަވެރިކަމާއި ބެހޭ ގޮތުން ފޯރަމެއް ވެސް ބާއްވާފަ އެވެ. ޒުވާނުންނަށް ހާއްސަކޮށްގެން ބޭއްވި މި ފޯރަމްގައި ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާގެ އިތުރުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އާއި ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ސޮސައިޓީ ފޮ ހެލްތް އެޑިއުކޭޝަންގެ ފަރާތުން ހާއްސަ ސެޝަންތަކެއް ވަނީ ކުރި އަށް ގެންގޮސްފަ އެވެ. މި ފޯރަމްގައި 35 ފަރާތުން ބައިވެރިވި އެވެ.

ޑރ. އެންތޮނީ އަބްދުލް ހައްގު ބޭކާ އަކީ މީގެ 29 އަހަރު ކުރިން 1990 ގައި އިސްލާމް ދީނުގެ ހިދާޔަތު ލިބި އިސްލާމްދީނުގެ އިލްމު ފެތުރުމަށް މަސައްކަތް ކުރާ ފަރާތެކެވެ. އޭނާގެ ޕީއެޗްޑީ ތީސީސްވެސް ބިނާ ވެފައިވަނީ އިނގިރޭސި ވިލާތުގައި އަލަށް އިސްލާމްދީން ގަބޫލުކުރާ މީހުން ހައްދުފަހަނައަޅައި ދިއުމަށް މަގުފަހިވާ ކަންކަމުގެ މައްޗަށެވެ. ދީނާއި ގުޅޭ ދިރާސީ މައުލޫމާތު ފެތުރުމުގެ ގޮތުން އިސްލާމިކް ޔުނިވަރސިޓީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިސްލާމީ ޔުނިވަރސިޓީން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗްއަލް އެޑްވާންސްމެންޓް (އައިސީއައިއޭ) ކޮންފަރެންސް މި މަހު 31 އިން ސެޕްޓެމްބަރު އެކަކަށް އޮންނާނެ އެވެ.