ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ސިއްހީ ދާއިރާގެ އެންމެ ބޮޑު މައްސަލައަކީ ކުރީ ސަރުކާރުގެ އިހުމާލު: އަމީން

ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވޭތުވެދިޔަ ފަސް އަހަރު އޮތް ސަރުކާރުން އެ ދާއިރާއަށް ވެފައިވާ އިހުމާލުތަކުގެ ސަބަބުން އައިސްފައިވާ ނަތީޖާތައް ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު މެންބަރުން އަމާޒުކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބު އޮތް ދުވަހަށް އޭރުގެ ސަރުކާރުން ސިއްހީ ހިދުމަތް ދޭ 28 ތަނެއް 24 ގަޑިއިރު ހިދުމަތް ދޭ ތަންތަނުގެ ގޮތުގައި ބަދަލު ކުރި ނަމަވެސް ބަދަލު ކުރީ ހަމައެކަނި ނަން ބޯޑު ކަމަށެވެ.

"މި އިން އެއްވެސް ތަނަކަށް ބޭނުންވާ މުވައްޒަފުންނެއް ފޯރުކޮށެއް ނުދޭ. ބަޖެޓު ފޯރުކޮށްދީފައެއް ނުވޭ. ވަސީލަތް ފޯރުކޮށްދީފައެއް ނުވޭ. އެއްކަލަ އަށް ގަޑިއިރު ހިދުމަތް ދޭ ތަންތަން ކުއްލިއަކަށް 24 ގަޑިއިރަށް އިތުރުކުރީމަ އެންމެ ހަތަރު ނަރުހުންނާ އެކީ ކިހިނެއްތޯ ހިދުމަތް ދޭނީ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިމަތިވީ އެ ގޮތަށް ކުރީ ސަރުކާރުން ސިއްހީ ދާއިރާއަށް އިހުމާލުވެފައި އޮތުމުން ކަމަށެވެ. ވަސީލަތާއި މުވައްޒަފުން އިތުރުނުކޮށް 24 ގަޑިއިރަށް ހިދުމަތް ބަދަލު ކުރި ތަންތަނަށް ބޭނުންވާ ވަސީލަތްތައް އިތުރު ކުރުމަށް ސަރުކާރަށް ކުރަން ޖެހިފައިވާ މަސައްކަތް އިތުރަށް ބުރަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިއްހީ ދާއިރާގެ ހިދުމަތް ރަނގަޅު ކުރެވޭނީ، ރަނގަޅު ކުރުމުގެ ވިސްނުން އޮވެ ތަސައްވަރެއް އޮވެގެން. ހަމައެކަނި ފައިސާ ހުރެގެން ކަންކަމަށް ފައިސާ އޮއްސާލައިގެންނެއް ނޫން ހިދުމަތް ރަނގަޅު ކުރެވެން އޮތީ،" އަމީން ވިދާޅުވި އެވެ.

އަމީންގެ ވާހަކަފުޅާ ގުޅިގެން އިދިކޮޅު ބައެއް މަޖިލިސް މެންބަރުން ނުރުހުން ފާޅުކުރި އެވެ. އެ ގޮތުން އަމީނާ އަމާޒުކުރެއްވި ސީދާ ސުވާލުތަކަށް ޖަވާބު ނުދެއްވާ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.

60 ޕަސަންޓް ސިއްހީ ހިދުމަތްދޭ ތަންތަނުގެ ހާލަތު ދަށް

މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ތެރޭގައި ސަރުކާރުން ސިއްހީ މަޝްރޫއުތައް ހިންގުމުގައި ތިން ކަމަކަށް އިސް ކަމެއް ދޭ ކަމަށެވެ.

އެ ގޮތުން ފުރަތަމަ ކަމަކީ ބަޖެޓުގައިވާ ތަރުތީބުން ކަނޑައަޅާފައިވާ މަޝްރޫއުތައް ހިންގުމެވެ. ދެވަނަ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅުތަކުގެ ތެރެއިން ބަޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ކުރުމެވެ. ތިންވަނަ ކަމަކީ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ވަރަށް ދަތިކޮށް ހިދުމަތް ދޭ ތަންތަނުގެ ހިދުމަތް ރަނގަޅު ކުރުން ކަމަށެވެ.

އިމާރާތުގެ ގޮތުންނާއި މުވައްޒަފުންގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ހިދުމަތުގެ ގޮތުން ބައެއް ސިއްހީ ހިދުމަތް ދޭ ތަންތަން ހުރީ ވަރަށް ބަލިކޮށިކޮށް ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ހިދުމަތް ދޭ 187 ތަނުގެ ތެރެއިން 60 ޕަސަންޓް ތަންތަނަކީ ސިއްހީ ހިދުމަތް ދިނުމުގައި ދަތިތަކެއް ހުރި ތަންތަނެވެ.

ނަމަވެސް މި އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ތެރެއިން މަޝްރޫއުތައް ހިންގުމުގައި ދަތިތައް ހުރި ކަމަށާއި، ކުރިއަށް އޮތް އަހަރަށް މި ސަރުކާރުން ހުށަހަޅާ ދައުލަތުގެ ބަޖެޓާއެކު ގިނަ މައްސަލަތައް ހައްލު ލިބިގެންދާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"ބައެއް ހޮސްޕިޓަލުތައް އަޅަން އެބަ ހޭދަވޭ 80 އެއްހާ މިލިއަން ރުފިޔާ. ނަމަވެެސް މި އަހަރުގެ ބަޖެޓު އައިއިރު އެ ތަންތަނަށް ކަނޑައާޅާފައި އެބަ އޮތް އެއް މިލިއަން ރުފިޔާ، ހަތަރު މިލިއަން ރުފިޔާ، އެހެންވީމަ ބައެއް މަސައްކަތް ފަށަން އަމާޒު ކުރަން ޖެހުނީ އަހަރުގެ ފަހު ކުއާޓަރަށް،" ބަޖެޓުގައި ވެސް ދަތިތަކެއް ހުރި ކަން ފާހަގަކުރައްވައި އަމީން ވިދާޅުވި އެވެ.

ކުރިއަށް އޮތް އަހަރަށް މި ސަރުކާރުން ހުށަހަޅާ ބަޖެޓުގެ ތެރެއިން ސިއްހީ ހިދުމަތް ހަރުދަނާ ކުރުމަށް މި ސަރުކާރުގެ ތަސައްވަރު ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. މި ސަރުކާރުން ސިއްހީ ހިދުމަތަށް ހެޔޮ ބަދަލު ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.