ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަން އުޅުމު ވެންޓިލޭޓަރުތަކުގެ ހިޔާނާތުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއްކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް އިންސާފުގެ މައްޗަށް ގެނައުމަށް ގޮވާލައި ކުއްލި މައްސަލައެއް މިއަދު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ ފެންނަކަަމަށް 32 މެމްބަރުން ވޯޓު ދެއްވި އެވެ.
ހަތް ދިހަ ފަސް ވެންޓިލޭޓަރު ގަތުމަށް ދަައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް 31 މިލިއަން ރުފިޔާ ދީފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގުން ވެސް ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އެ މައްސަލަ ކޮމިޝަނުން ތަހުގީގްކޮށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި ނަމަވެސް ޕީޖީ އޮފީހުން ނިންމާފައިވަނީ އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރާށެވެ. އެއީ ތަހުމަތުވާ މީހުންގެ އެކައުންޓަށް ފައިސާ ޖަމާ ކުރިކަން އެނގެން ނެތުމުން އެ ތުހުމަތުތައް ސާބިތުވާނެ ކަމަށް ނުބެލެވޭތީ ކަމަށް ބުނެ އެވެ.
ނަމަވެސް މަޖިލީހަށް މައްސަލަ ހުށަހަޅުއްވަމުން ޝަރީފް ވިދާޅުވީ ދައުވާ ނުކުރަން ޕީޖީން ނިންމީ ގާނޫނީ އެއްވެސް އަސާސަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ. އަދި އެކަމުގައި ނުފޫޒުތަކެއްް ވެސް އޮތްކަމަށް ބެލެވޭ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެކަމުގައި ފިނޭންސް މިނިސްޓްރީގެ ބައިވެރިވުން އޮތްކަމަށް ދޭހަވާ މޭރުމުންވެސް ޝަރީފް ވާހަކަ ދެއްކެވި އެވެ.
އެހެންކަމުން ވެންޓިލޭޓަރު ހިޔާނާތުގެ ފުރިހަމަ ތަހުގީގެއްކޮށް ގެއްލުން ފައިސާތައް ހޯދަން ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ވަނީ އެދިފަ އެވެ.