ލައިފްސްޓައިލް

ބިޓު ކަޓުވާލުމުގެ ވަގުތު ޖެހިއްޖެކަން ދެނެގަންނާނީ ކިހިނެތް؟

Jul 30, 2015

އެކަން ދެނެގަންނާނީ މަލެއް ބިނދެ އޭގެ ފަހަރަކު ފިޔައެއްގައި ހިފައި ދަމައި ބުޑުން އުފުރާލައިގެންނެއް ނޫނެވެ.

"އޭނާ އަހަރެން ދެކެ ލޯބިވޭ. އަހަރެން ދެކެ ލޯތްބެއް ނުވޭ. އަހަރެން ދެކެ ލޯބިވޭ."

މިހެން ކިޔާފައި ކިތަންމެ މަލެއް ނޮޅައި ހުސްކުރިޔަސް ލޯބިވެރިޔާގެ ތެދުވެރިކަމެއް ނުވަތަ ބޭވަފާތެރިކަމެއް ވަޒަންކުރާކަށް ނޭނގޭނެ އެވެ. އަދި މިގޮތަށް މީހަކު ލިޔެފައި އޮންނަ ލިޔުމެއް ކިޔައި ހިތު ދަސްކޮށްގެން ވެސް ލޯބިވެރިޔަކާ މެދު ގޮތެއް ނިންމަން ނޭނގިދާނެ އެވެ.

ނަމަވެސް ތިމާގެ ލޯބިވެރިޔާ އަކީ ތެދުވެރިއެއް ނަމަ އެކަން ދެނެގަންނާނެ ގޮތްތަކެއް ހުންނާނެ އެވެ. އަދި ބޭވަފާތެރިއެއް ނަމަ ނުވަތަ އެ މީހަކީ ތިމާގެ ބިޓުގެ ގޮތުގައި ބަހައްޓަން ކަމުނުދާ މީހެއް ކަމުގައި ވަނީ ނަމަވެސް އެކަން ދެނެގަންނާނެ ގޮތްތަކެއް ހުންނާނެ އެވެ. އެހެންޏާ މިއީ "ރޮކެޓް ސައިންސެއް" ނޫން ވިއްޔާ އެވެ.

އެހެންވީމަ ލޯބިވެރިޔާ އަކީ ތިމާ އަށް އެންމެ ރަނގަޅު ހޮވުން ތޯ ބެލުމަށް ހަދަން ޖެހޭ ގޮތަކީ ކޮބައި ހެއްޔެވެ؟ ނުވަތަ އެއީ ތިމާ އަށް އެންމެ ކަމުދާ މީހާ ނޫންކަން ދަނެ ނުވަތަ "ދަ ވަން" އޭ މިކިޔާ މީހާ ނޫންކަން ދެނެގަނެ އެމީހާ ދޫކޮށްލާނީ ކިހިނެތް ހެއްޔެވެ؟

އޭނާ ތިމާ އަށް ތެދުވެރި ނޫންކަން ހޯދާނެ ގޮތަކީ ގަޔަށް ހުތުރުކޮށް އޮންނަ ހެދުމެއް ލައިގެން އެ ހޮވުމަށް އޭނާގެ ތައުރީފު ހޯދައިގެންނެއް ނޫނެވެ. ގަވާއިދުން ނުވަތަ ތަކުރާރުކޮށް ދޮގު ހަދާ ނަމަ އެ މީހަކީ ތެދުވެރިއެއް ނޫނެވެ.

ލައިގެން ހުންނަ ހެދުން ގަޔަށް ރީތިހޭ އަހާލުމުން އެ ހެދުން ކޮންމެ ގޮތަކަށް އޮތަސް ބައެއް ފިރިހެނުން، "ނިކަން ރީއްޗޭ" ބުނެފާނެ އެވެ. ނަމަވެސް އޭގެ ކޮންމެ ފިރިހެނަކީ ތަކުރާރުކޮށް ދޮގު ހަދާ ނުވަތަ އޮޅުވާލާ މީހަކަށް ނުވެދާނެ އެވެ. ފަހަރެއްގައި އެ މީހަކު ތިބާގެ ހުތުރު ހެދުމަށް ތައުރީފުކުރީ ލޯބިވާވަރު ބޮޑުކަމުންނެވެ.

ނަމަވެސް އެންމެ ކުދި ކަންތަކުން ފެށިގެން އެންމެ ބޮޑެތި ކަންތަކުގައި ވެސް ދޮގުހަދައި އޮޅުވާލާ ނަމަ އެ މީހަކާ އެކު ދިރިއުޅުމާ މެދު ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭނެ އެވެ.

މަންމަމެން ބުނެއެއް ނޫން ހެއްޔެވެ. ހަތަރު ކަޅި ހަމަކޮށް ދޮގު ހަދާ ފިރިހެނުންނަކީ އެމީހުންގެ އަނބިންނަށް ނުވަތަ ލޯބިވެރިންނަށް ކޮންމެ ފަދަ އަނިޔާއެއް ވެސް ނުވަތަ ދެރައެއް ވެސް ދީފާނެ ބައެކެވެ.

އެކުގައި ތިޔަ އުޅެވެނީ އެ ފެންވަރުގެ ފިރިހެނަކާ އެކުގައި ކަމުގައި ވަނީ ނަމަ ބުއްދިވެރި ގޮތަކީ އެމީހަކު ދޫކޮށްލާފައި ދިއުމެވެ. ތެދުވެރިކަމެއް ނެތް މީހަކު ތިމާ ދެކެ ހަގީގީ ލޯބި ނުވަތަ އެންމެ ކުޑަމިނުން ލޯބިވާ ކަމަށް ވެސް ނިންމާނީ ކިހިނެތް ހެއްޔެވެ.

މިސާލަކަށް ދެ މީހުންގެ އެނިވާސަރީ އެވެ. އުފަން ދުވަހުގެ މުނާސަބަތެވެ. މި ހުންނަނީ ނިކަން ކުޑަ ކަންކަމެވެ. ފިރިހެން ކުއްޖަކު މިހެން ހިތަށް އަރައިފާނެ އެވެ. ނަމަވެސް މިއީ އެއްގޮތަށް ވެސް ކުޑަ ކަންކަމެއް ނޫނެވެ. 

އަންހެން ކުއްޖެއްގެ ހިތްޖެހިފައިވާ ކަމަކަށް ނުވަތަ އޭނާ އަށް ހާއްސަ ކަމަކަށް އޭނާގެ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ސަމާލުކަމެއް ނުދޭ ނަމަ އެއީ މައްސަލަ އެކެވެ.

ދެ މީހުންގެ ލޯބި އެއްޗަކަށް ނަހަދައި އެ ލޯބި ފާހަގަނުކުރުމަކީ މައްސަލަ އެކެވެ. އެ ފެންވަރުގެ މީހަކާ އެކު އުޅުމަށް ވުރެ ރުޅިވުން މާ ރަނގަޅުވާނެ އެވެ.

ބައެއް މީހުންނަކީ އެންމެ ގާތް މީހުންގެ ހިޔާލާ ދެކޮޅަށް ވެސް ތިމާގެ ހިތުގައި އޮންނަ އެދުން ހާސިލުކުރާ މީހުންނެވެ. ހާއްސަކޮށް ލޯބިވެރިން ގަދަ އަށް އިޝްގުގައި ޖެހިގެން އުޅޭއިރު ހިތުގައި ޖަހާ ވިންދުގެ އަޑު ފިޔަވައި އިތުރު އެއްވެސް އަޑަކަށް ސަމާލުކަމެއް ނުދޭނެ އެވެ. އެހެން ބަޔަކު ދޭ ނަސޭހަތެއް އަޑެއް ނާހާނެ އެވެ. 

ނަމަވެސް އެންމެ ގާތް މީހުން، ހާއްސަކޮށް އާއިލާގެ މީހުންނާއި ގާތް އެކުވެރިންގެ ހިޔާލު ތިމަންނަގެ ލޯބިވެރިޔާއާ މެދު ހޯދުމަކީ ބުއްދިވެރިކަމެކެވެ. ރަނގަޅެވެ. ތިމާ އަށް އެންމެ ކަމުދާ ގޮތާއި އެއްޗެހި ހޯދައިދޭން އެމީހުންނަކަށް އަބަދަކު ނޭނގިދާނެ އެވެ.

ނަމަވެސް އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ ބިހުގެ ބޭރުގައި ހުންނަ ކުލައެއް އެނގޭނީ އެއިން ބޭރަށް ނުކުމެވުނީމަ ކަމެވެ. އެކުގައި އުޅޭ ލޯބިވެރިޔާގެ ކިބައިން ތިމާ އަށް ފާހަގަނުކުރެވޭ މައްސަލަތައް އާއިލާގެ މީހުންނާއި ގާތް އެކުވެރިން ފާހަގަކުރާ ނަމަ އެ ވާހަކައެއް ހަމައެކަނި ދޭތެރެ ޖެއްސުމަކަށް ނުނަގާށެވެ.

ދެ ވަނަ ވިސްނުމަކަށް ދިއުން ބުއްދިވެރި އެވެ.

މިއީ ވެސް ދެ މީހުންގެ ދެމެދުގައި ސީރިއަސް މައްސަލަތަކެއް އުޅޭ ކަމުގެ ހެއްކެކެވެ.

"ބޭބީ އައި އެމް ސޮރީ. މިހެން ދެން ނުވާނެ. އަހަންނަށް މިފަހަރު މައާފްކޮށްދީ. ވަން ލާސްޓް ޗާންސް ޕުލީޒް."

މިއީ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާގެ ފަރާތުން އަބަދު އަހަން ޖެހިފައިވާ ޖުމްލަތަކެއް ނަމަ އެމީހަކާ އެކު އިތުރު މިނެޓަކަށް މަޑުކުރުމުގެ ބޭނުމެއް ނެތެވެ. ސަބަބަކީ އެ ޖުމްލަތައް އަބަދުވެސް ރިޕީޓްވަމުން ގެންދާނެތީ އެވެ.