ރައްޔިތުންގެ މަޖިލިސް

އެޖެންޑާގައި ހުރި ކަންކަން ނިންމަން ރޭގަނޑު ވެސް ޖަލްސާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ އެޖެންޑާގައި ގިނަ މަސައްކަތްތަކެއް ހުރުމުން އީދު ބަންދު އައުމުގެ ކުރިން މަސައްކަތްތައް ނިންމަން މި ހަފުތާގައި ރޭގަނޑުގެ ވަގުތުގައި ވެސް ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާގައި އިބްތިދާއީ ބަހުސަށް ފަށަން އޮތް ބިލުތަކާއި ކޮމިޓީތަކުން ނިންމާފައިވާ މައްސަލަތަކުގެ ރިޕޯޓުތައް އެބަހުރި ކަމަށެވެ. އަދި އަންނަ ހަފުތާގައި އަޟްހާ އީދު ބަންދާ ދީމާވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިރޭ ނުވައެއް ޖަހާއިރު މަޖިލިސް ޖަލްސާއެއް އޮންނާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެޖެންޑާގައި ހުރި ކަންކަން ނުނިންމޭ ކަމަށްވާނަމަ، ކުރިއަށް އޮތް ދެ ދުވަހު ވެސް ރޭގަނޑު ޖަލްސާތައް ބާއްވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އީއްދު ޗުއްޓީއަށް މަޖިލިސް މެންބަރުން ވަޑައިގަންނަވާއިރު، މަސައްކަތްތައް ތޮއްޖެހިފައި ނޯންނަ ގޮތަކަށް މަޖިލިސް އެޖެންޑާ ބާއްވަން ބޭނުންފުޅުވާ ކަމަށެވެެ.

"މި ހަފްތާގެ ތިން ދުވަހަށް ފަހު، ދެން އަޅުގަނޑުމެން ދާނީ ބޮޑު އީދު (އަޟްހާ އީދު)ގެ ޗުއްޓީ އަށް. އެހެންވީމާ އެ ޗުއްޓީ އަށް ދިއުމުގެ ކުރިން މަޖިލިހުގެ މަސައްކަތްތައް ވީހާ ވެސް ބޮޑަކަށް ނިންމުމަކީ އަޅުގަނޑަށް ޔަގީން ހުރިހާ މެމްބަރުން ވެސް ބޭނުންވާނެ ގޮތް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އާންމުކޮށް ޖަލްސާތައް ބާއްވަނީ ކޮންމެ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުގަ އެވެ. އަދި ރޭގަނޑު ޖަލްސާތައް ބާއްވަނީ މުހިއްމު ކަމެއް އޮންނަ ނަމަ އެވެ.

ނަމަވެސް މި މަޖިލިސް ހުވާ ކުރި ފަހުން ވަގުތީ ކޮމިޓީއެއް އެކުލަވާލައި އެ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ހަވާލުކޮށް، މަޖިލީހުގެ މިހާރު އޮތް ގަވާއިދަށް އަމަލު ކުރުން އޮތީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.