ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

މަސްދޯނިތަކުގައި އައިސް ޕްލާންޓް ބަހައްޓަންދޭ ލޯނުން ރަހުނު އުނިކޮށްފި

ފިޝަރީޒް ޑިވޮލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ "ކަނޑުފަޅުގެ ނަފާ" ލޯނުން ރަހުނު ބަހައްޓަންޖެހޭ ބައި އުނިކޮށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

"ކަނޑުފަޅުގެ ނަފާ" ލޯނަކީ މަސްދޯނި ފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރަން ދޫކުރާ ލޯނެކެވެ.

އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރާ މި ލޯނަކީ ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ އާއި އައިސް ހޯދަން ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ރައްކާތެރިކޮށް ދިނުމުގެ ބޭނުމުގައި ދޫކުރާ ލޯނެކެވެ.

މި ލޯނަށް ދޫކުރާނީ ޖުމްލަ 3،084،000 (ތިން މިލިއަން އައްޑިހަ ހަތަރު ހާސް) ރުފިޔާ އެވެ.

ލޯނަށް އެދި ފޯމް ހުށެހެޅުމުގެ ފުރުސަތު ވަނީ އިތުރުކޮށް، ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.