ހަބަރު

މަސްވެރިކަމުގެ ތިން ގަރާރެއް މަޖިލީހުން ފާސްކޮށްފި

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ފަސް ގަރާރުގެ ތެރެއިން ތިން ގަރާރެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މިއަދު ފާސްކުރި ގަރާރުތަކުގެ ތެރެއިން އެއް ގަރާރަކީ ބޭރުގެ ބޯޓުފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހްމަދު ހުށަހެޅުއްވި ގަރާރެވެ. އެ ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

ދެވަނަ ގަރާރަކީ ރަށު ކައުންސިލާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސް ފެކްޓްރީ ގާއިމު ކުރުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހުށަހެޅުއްވި ގަރާރެވެ. އެ ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާގުންނެވެ.

ތިންވަނަ ގަރާރަކީ މަސްވެރިކަން ކުރާ ކަނޑުގެ ސަރަހައްދުތަކެއްގައި ކަންނެލި ޖަގަހަތަކެއް ނުވަތަ އޮފްޝޯ ޕްލެޓްފޯމްތަކެއް ގާއިމު ކުރުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި ގަރާރެވެ. އެ ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މަސްވެރިކަމުގެ ދާއިރާއާ ގުޅުން ހުރި އިތުރު ދެ ގަރާރެއް ވެސް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ. އެއީ އިންޑިއާ ކަނޑުގައި ބޮޑު ދާ ޖަހައިގެން ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން މަނާ ކުރުމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ހުށަހެޅުއްވި ގަރާރާއި، ބޭރުގެ މަސް ބޯޓުފަހަރު ރާއްޖޭގެ ކަނޑުތަކުގައި މަސްވެރިކަން ކުރުން ހުއްޓާލުމަށް ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހުށަހެޅުއްވި ގަރާރެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ މަސްވެރިކަމުގެ ބިލެއް ވެސް މަޖިލީހަށް ހުށަހަޅުއްވާފައިވެ އެވެ. އެ ބިލު ގާނޫނަކަށް ވެގެން އަންނައިރު ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރުތަކުގައިވާ ކަންކަން ހިމެނިގެންދާނެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.