ގައުމީ ފުޓްބޯޅް ޓީމް

ކޮލިފައިންގައި ރާއްޖޭގެ ޓާގެޓަކީ އޭޝިއަން ކަޕް

އަންނަ މަހު ފަށާ، ވޯލްޑްކަޕް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖޭގެ ޓާގެޓަކީ 2023 ވަނަ އަހަރު ޗައިނާ ގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ފުޓްބޯލް މާކެޓިން ސްޓްރެޓެޖިކް ޕުލޭން އެކުލަވާލުމަށް ކުޅިވަރު ނޫސްވެރިންގެ ހިޔާލު ހޯދުމަށް އެފްއޭއެގައި ބޭއްވި ނުރަސްމީ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ ކުރިއަށް އޮތް ކޮލިފިކޭޝަންގައި އޭޝިއަން ކަޕަށް ކޮލިފައިވުން ޓަގެއްޓެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވާނީ ގައުމީ ކޯޗަށްވެސް އަންގާފައި ވާނީ ކޮލިފައިންގައި ނަތީޖާތައް ރަނގަޅު ކުރަން ލާޒިމު ކަމަށް،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮލިފައިން މެޗުތަކަށް ތައްޔާރުވުމަށް ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ލީގް ޝެޑިއުލް ބަދަލު ކުރުމަށް ވެސް ކުލަބުތަކާއެކު ވާހަކަ ދައްކާފައިވާ ކަމަށެވެ.

"ކުލަބުތަކުން ވެސް އެކަމަށް ވަރަށް ކޯޕަރޭޓް،" ބައްސާމް ވިދާޅުވި އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ހިމެނެނީ ޗައިނާ، ސީރިއާ، ފިލިޕީންސް، އަދި ގުއާމް އާއެކު ގުރޫޕް އޭ ގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗު އަންނަ މަހު ފަސް ވަނަ ދުވަހު ކުޅޭނީ ގުއާމް އާ ދެކޮޅަށް އެ ގައުމުގަ އެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ކުޅޭ މެޗުތައް

ސެޕްޓެމްބަރު ފަހެއް: ގުއާމް - ދިވެހިރާއްޖެ
ސެޕްޓެމްބަރު 10: ދިވެހިރާއްޖެ - ޗައިނާ
އޮކްޓޯބަރު 10: ސީރިއާ - ދިވެހިރާއްޖެ
ނޮވެމްބަރު 14: ދިވެހިރާއްޖެ - ފިލިޕީންސް
ނޮވެމްބަރު 19: ދިވެހިރާއްޖެ - ގުއާމް
މާޗް 26 2020: ޗައިނާ - ދިވެހިރާއްޖެ
މާޗް 31، 2029: ދިވެހިރާއްޖެ - ސީރިއާ
ޖޫން ނުވައެއް: ފިލިޕީންސް - ދިވެހިރާއްޖެ