ހަބަރު

ސްކޫލް ކުދިންގެ މޭރިން ސައިންސް ކޭމްޕް ނިންމާލައިފި

ސާނަވީ ސްކޫލުތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް މަސްވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރަން ބޭއްވި ކޭމްޕް ނިންމާލައިފި އެވެ.

މި ކޭމްޕަކީ މެރިން ސައިންސް ސިނާއަތާ ގުޅުންހުރި ކަންކަމުގެ އަމަލީ ތަޖުރިބާ ސްކޫލުތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ހޯދައިދިނުމާ މެރިން ސައިންސް ކިޔެވުމަށް ދަރިވަރުންގެ ހިތްތަކުގައި ޝައުގުވެރިކަން އުފެއްދުމަށް ފިޝަރީޒް މިނިސްޓްރީން ބޭއްވި ކޭމްޕެކެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ކޭމްޕްގައި ކްލާސްރޫމް ސެޝަންތަކަކާއި އަމަލީ މަސައްކަތްތައް ކުރުމުގެ ފުރުސަތު ދަރިވަރުންނަށް ފަހިކޮށްދީފައިވާ ކަމަށެވެ. އެގޮތުން ކޭމްޕްގައި ކުރިޔަށް ގެންދެވުނު އަމަލީ މަސައްކަތްތަކުގައި ދަރިވަރުން އެއްކޮށްފައިވާ މަޢުލޫމާތުތަކާއި ގުޅޭ ގްރާފްތައް ކުރަހަން ދަސްކޮށްދީފަވާ ކަމަށާއި ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރަންޖޭހޭ ގޮތްތަކާއި ގުޅޭގޮތުން ވެސް މައުލޫމާތު ދީފަވާ ކަމަށެވެ

މީގެ އިތުރުން ރާއްޖެއަށް އަލަށް ތައާރަފް ކޮށްފައިވާ ޑައިމަންޑް ބެކް ސްކުއިޑް (ތުތި ބޯވަދިލަމަސް) ބާނާގޮތުގެ އަމަލީ ތަޖުރިބާ ދަރިވަރުންނަށް ދީފައިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި ކޭމްޕް ކުރިއަށް ދިޔައީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ތިން ވަނަ ދުވަހާ ހަމައަށް މާލެ އަތޮޅު ތުލުސްދޫގައި އެވެ. ކޭމްޕްގައި ގާޒީ ސުކޫލާއި ހިރިޔާ ސްކޫލާއި މުހިއްޔިންދީން ސްކޫލްގެ އިތުރުން ކ.އަތޮޅު ތައުލީމީ މަރުކަޒުން 58 ދަރިވަރަކު ބައިވެރިވި އެވެ. ކޭމްޕްގައި ދަރިވަރުންނަށް މައުލޫމާތު ދިނީ ފިޝަރީޒް މިނިސްޓްރީގެ ކަމާގުޅޭ ސެކްޝަންތަކާއި މެރިން ރިސާޗް ސެންޓަރުގެ މުޥައްޒަފުންނާއި ކޯސްޓް ގާޑުގެ ބޭފުޅުންނެވެ.