ހަބަރު

އަމީން ޖަވާބުދާރީވީ ޒިންމާދާރުކަން ކުޑަގޮތަކަށް: ނާޒިމް

ރައްޔިތުންގެ މަޖިލީހުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ޖަވާބުދާރީވެވަޑައިގެންނެވީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު އަމީން މިއަދު ހާޒިރުވެވަޑައިގެން އިދިކޮޅު މެންބަރުން އަމާޒު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ސިއްހީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިހުމާލުތަކުގެ ނަތީޖާ ކަމަށެވެ.

މިނިސްޓަރު އަމީނަށް ރައްދު ދެއްވަމުން ކުރީ ސަރުކާރުގެ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ އެހެން ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމަކީ މިނިސްޓަރުގެ ޒިންމާ އަދާ ކުރެއްވުން ނޫން ކަމަށެވެ. މަޖިލީހުގައި މިއަދު މިނިސްޓަރު ޖަވާބުދާރީވެވެޑައިގެންނެވީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށާއި ރައްޔިތުން ހަވާލު ކުރެއްވި ޒިންމާއަށް ޖަވާބުދާރީވެޑައިގަތުމަށް ގޮވާލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުން ބަލަން ބޭނުންވާނީ ސިއްހީ ދާއިރާ އިއްޔެ އޮތް ހާލަތަށް ވުރެ މިއަދު ރަނގަޅުވުން، ނަމަވެސް މިހާރު އެ ދާއިރާ ދަނީ ފަހަތަށް، ރައްޔިތުން ހަވާލު ކުރި ޒިންމާއަށް މިނިސްޓަރު ޖަވާބުދާރީވެވަޑައިގަންނަވަން ވާނީ،" ނާޒިމް ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބު ބޭއްވި ދުވަހަށް ރައީސް ޔާމީންގެ ސަރުކާރުން ސިއްހީ ހިދުމަތް ދޭ ބައެއް ތަންތަން 24 ގަޑިއިރަށް ބަދަލުކުރިއިރު، ބަދަލު ކުރީ ހަމައެކަނި ބޯޑު ކަމަށް މިނިސްޓަރު އަމީން މިއަދު ވިދާޅުވި އެވެ. އަދި އެ ކަމަށް ބޭނުންވާ މުވައްޒަފުންނާއި ވަސީލަތްތައް އިތުރުކޮށްފައި ނުވާތީ މި ސަރުކާރަށް އިތުރު ބުރައަކަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީންގެ އެ ވާހަކަތަކަށް ޕީއެންސީގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވެސް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ ހަގީގަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "ނާގާބިލު" ސަރުކާރަށް ހިފަހައްޓާލެވޭ ވަރަށްވުރެ ބޮޑަށް ރައީސް ޔާމީންގެ ސަރުކާރުން ސިއްހީ ދާއިރާއަށް ކުރިއެރުން ހޯދާފައިވާ ކަމަށެވެ. ޒިންމާ އަދާ ނުކުރެވޭނަމަ އިސްތިއުފާ ދެއްވަން ވެސް އަދުރޭ ގޮވާލެއްވި އެވެ.

މަޖިލީހުގައި އަމީން މިއަދު ދެއްކެވި ވާހަކައާ ގުޅިގެން މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެންބަރުން ވެސް ނުރުހުން ފާޅު ކުރެއްވި އެވެ. އެ ގޮތުން މިނިސްޓަރާ އަމާޒު ކުރައްވާ ސުވާލުތަކަށް ޖަވާބުނުދެއްވައި ކުރީ ސަރުކާރުގެ ވާހަކަ ދެއްކެވީ ކަމަށް ބައެއް މެންބަރުން ގޮވަމުން ގެންދެވި އެވެ.