ހަބަރު

ހައްޖަށް ދާން ޕެންޝަނުގެ 80 ޕަސަންޓު ދޭން ރައީސް ނިންމަވައިފި

ހައްޖަށް ދާން ޕެންޝަން ފަންޑުން ނެގޭ ފައިސާގެ އަދަދު 80 ޕަސަންޓަށް ބޮޑު ކުރަން ޕެންޝަނާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެޑައިގެންނެވި 70 މެންބަރުންގެ އިއްތިފާގުންނެވެ. އީސަ ހުށަހެޅުއްވި އިސްލާހު އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރިއިރު، އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް ބައެއް ރެކޮމޭޑޭޝަންތައް ހިމަނަން ކޮމިޓީން ނިންމި އެވެ.

އެ ގޮތުން ހައްޖަށް ދިއުމުގެ ހަރަދަށްވާ އަގު ދައްކަން ފައިސާ ޖަމާކުރާނެ ޝަރުއީ ހަމަތަކަށް ފެތޭ ވޮލަންޓަރީ ސްކީމެއް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގަން ވާނެ ކަމަށް ކޮމިޓީ ރިޕޯޓުގައިވެ އެވެ. އަދި ފައިސާގެ 80 ޕަސެންޓު ދޫކުރަން ވާނީ މަދުވެގެން 420،000 ރުފިޔާގެ ބެލެންސެއް ހުރެގެން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. އެ ގޮތަށް ނިންމި އިރު އެ ވަރަށް ފައިސާ ޖަމާވެފައި ހުރީ 36000 އަށްވުރެ ގިނަ މީހުންގެ އެކައުންޓުގަ އެވެ.

ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ގޮތުން ޕެންޝަނާ ބެހޭ ގާނޫނަށް އެ ގޮތަށް ބަދަލު ވެސް ގެނަ އެވެ. ނަމަވެސް އޭރު ފާސް ކުރީ ހައްޖަށް ދިއުމުގެ އަގު ކަމުގައި ސަރުކާރުން ކަނޑައަޅާ އަގުގެ 50 ޕަސެންޓު ދޫކުރާ ގޮތަށެވެ.

މީގެ އިތުރުން ގައުމީ ޔުނިވަސިޓީ އާއި އިސްލާމިކް ޔުނިވަސިޓީގެ ގާނުނަށް އިސްލާހު ގެނައުމުގެ ދެ ބިލް ވެސް ރައީސް ސޯލިހް ވަނީ ތަސްދީގު ކުރައްވާފަ އެވެ.

އިސްލާހުތަކުގެ ތެރޭގައި އެދެ ޔުނިވަސިޓީގެ ކައުންސިލް އެކުލަވާލުމަށް ރައީސަށް ދީފައިވާ ބާރުތައް ވަނީ ނަގާފަ އެވެ. އަދި ޔުނިވާސިޓީ ކައުންސިލަކީ މިނިވަންކޮށް އެކުލަވާލާ ކައުންސިލަކަށް ހެދުމާއި ޑެޕިއުޓީ ވައިސް ޗާންސެލާ އައްޔަނުކުރުމުގެ ބާރު ކައުންސިލަށް ދިނުން ހިމެނެ އެވެ. މީގެ އިތުރުން ޔުނިވާސިޓީ ކައުންސިލުގެ 13 މެމްބަރުންގެ ތެރެއިން ނުވަ މެމްބަރުން ރައީސް އައްޔަންކުރާ ގޮތަށް އޮތް އޮތުމަށްވެސް ބަދަަލު ގެނެސްފައި ވެއެވެ.