ކުޅިވަރު

ޒިދާން ވަކިވިއިރު ޓީމު އޮތް ހިސާބަށް ގެންދަން އުނދަގޫ ވާނެ

ރެއާލް މެޑްރިޑްގެ ކޯޗު ކަމުން މިދިޔަ އަހަރު ޒައިނުއްދީން ޒިދާން ވަކިވީިއިރު ޓީމު އޮތް ފެންވަރަށް އަލުން ގެންދަން އުނދަގޫވާނެ ކަމަށް ރެއާލްގެ މިޑްފީލްޑަރު ޓޯނީ ކްރޫޒް ބުނެފި އެވެ.

މިދިޔަ އަހަރު ސީޒަން ނިމުނު ތަނުން ޒިދާން ރެއާލްގެ ކޯޗް ކަމުން ވަކިވީ އެ ޓީމަށް ޗެމްޕިއަންސް ލީގް ޖެހިޖެހިގެން ތިން ފަހަރަށް ހޯދައިދިނުމަށް ފަހު އެވެ. ކްރޫޒް ބުނީ ޒިދާން ހުރެގެން އެ ހޯދި ކާމިޔާބާއި އޭނާ އަލުން އައިސް ކުރާ މަސައްކަތާ އަޅާ ކިޔުމަކީ އޭނާ އެހާ ޝައުގުވެރިވާ ކަމެއް ނޫން ކަމަށެވެ.

"މި އަހަރުގެ މާޗް މަހު ޒިދާން އަލުން އެނބުރި އައި ހާލަތާ، މެއި 2018 ގައި އޭނާ ޓީމުން ވަކިވެގެން ދިޔަ ހާލަތާ މުޅިން ތަފާތު،" ކްރޫޒް ވާހަކަ ދެއްކި އެވެ. "ޒިދާން ޓީމު ދޫކޮށްލި އިރު އޮތް ހިސާބަށް އަލުން ޓީމު ގެންދިއުމަކީ ފަސޭހަ ކަމެއް ނޫން."

ޖަރުމަންގެ ކިކާ އަށް ދިން އިންޓަވިއުގައި ޖަރުމަންގެ ގައުމީ ޓީމުގެ މިޑްފީލްޑަރު ބުނީ، އަލުން ކާމިޔާބު ހޯދަން ބޭނުންނަމަ ރަނގަޅު ފުުޓްބޯޅައެއް ހުރިހާ މެޗެއް ކުޅެން ޖެހޭ ކަމަށެވެ.

"އަހަރެމެން ބޭނުން ވަނީ ރަނގަޅު ފުޓްބޯޅައެއް އެއް ފެންވަރެއްގައި އަބަދު ކުޅެން، އޭރުން ސީޒަންގެ ބާކީ ބައިގައިވެސް އެ ގޮތަށް ކުޅެވޭނީ،" ކްރޫޒް ބުންޏެވެ. "ރަނގަޅު ފުޓްބޯޅައެއް ކުޅެގެން ތަށިތައް ހޯދަން މަގު ފަހި ވާނީ."