ކުރިއަށް އޮތް އީދު ބަންދުގައި ރަށަކަށް ދާނަމަ ފޮއްޓަށް ލާންވީ ކޯއްޗެއްތޯއާއި މެދު އެއްވެސް ވަރަކަށް ވިސްނައިފިންތަ؟ އީދު ބަންދަށް ރަށަށް ދާނަމަ މިއީ އިންސްޓަގްރާމް ގެ ފީޑް މުއްސަންދިކޮށްލުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ. ޗުއްޓީގައި ގޮނޑުދޮށުގައި ނުވަތަ އުނދޯއްޔެއްގައި އިށީނދެލައިގެން ނަގާފޮޓޯއަކީ ފަހުންބަލާލަން އުފާވެރިކަމެއް ގެނެސްދޭނެ ފޮޓޯއަކަށް ވާނެކަން ޔަގީނެވެ.
ފަހަަށް ރައްކާކޮށްލުމަށް މިފަހަރު ދާ މި ދަތުރަކީ ސަޅި ފޮޓޯތަކެއް ނަގާލުމަށް ބޭނުންކުރެވޭނެ ފުރުސަތަކަށް ހެދުމަށް މިތަކެތި އީދު ދަތުުރުގައި ގެންދިއުމަށް ކޮންމެހެން ފޮއްޓަށް ލާން އެބަ މަޖުބޫރުވެ އެވެ.
1. މޫދު ފޮޓޯއަށް ޔުނިކޯން ފްލޯޓް އެއް!
މޫދުގައި ސީބެޑެއްގައި އޮށޯވެލައިގެން ހަމަޖެހިލައިގެން ސަޅިގޮތަކަށް ފޮޓޯއެއް ނަގާލެވިދާނެ އެވެ. އަދި މިއީވެސް އާ ތަޖުރިބާއަކަށްވެސް ފަހަރުގައި ވެގެން ހިނގާދާނެ ކަމެކެވެ. ސީބެޑަށްވުރެ މިހާރު މިހިނގަނީ ބޮޑަށް ޔުނިކޯން، އައިސްކޯން، އަލަނާސީ ފްލޯޓެވެ. މިކަހަލަ ކޮންމެވެސް ޒާތެއްގެ ފްލޯޓަކަށް އަރާ ޖައްސާލައިގެން ހުންނަ ފޮޓޯއެއް ނަގާލަން ސަޅިވާނެއެވެ. އެހެންކަމުން މިކަހަލަ އެއްޗެއް ކޮންމެހެންވެސް މިދަތުރު ގެންދަން އެބަޖެހެ އެވެ. ޔުނިކޯން ޓްރެންޑް އަދިވެސް ބާ ނުވާއިރު މިއީ ހަމަ އިންސްޓަގްރާމް ފީޑުގައި ކޮންމެހެން ލާންވާނެ އެއް ފޮޓޯއެވެ. އެހެންނަމަވެސް އޮއި ބާރު ވަގުތު ކުޑަކުދިން މިފަދަ ފްލޯޓަކަށް ލާ ނަމަ ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ.
2. ފޮޓޯ ނަގާލާނެ ހެމޮކެއް!
ފަތްޖެހި ގޮނޑި، ޖޯލިފަތި އުނދޯލި ދޫކޮށްލާ މިފަހަރު ރަށަށް ދާއިރު ހެމޮކެއް ގެންދިއުން ކިހިނެއްވާނެބާ؟ ރިޒޯޓްތަކުގައިވެސް ގޮނޑުދޮށް ކައިރީއާއި މޫދުގައި މިފަދަ ހެމޮކް އަކީ ޓުއަރިސްޓުން މެދުގައިވެސް މަގުބޫލު ފޮޓޯއެކެވެ. ހެމޮކެއްގައި ޖައްސާލައިގެން އޮންނަ އިރު މުޅި ފޮޓޯއިން ވެސް މިއީ ވަރަށް މީހާ ރިލޭކްސްޑް ވަގުތެއްކަން ދައްކުވާދެއެވެ. މި އީދު ބަންދުގައި ފޮތެއް ކިޔާލަން ހެމޮކެއްގައި އޮށެވެލައިގެން އޮންނަން ބަރާބަރެވެ.
3. މަންޑާލާ މެޓެއް!
އާޓް ތެރަޕީގައި ވެސް ހިމެނޭ މަންޑާލާ އާޓް ފަހަކަށް އައިސް މި އަންނަނީ މީހުންގެ މަގުބޫލުކަން ހޯދަމުންނެވެ. ގޮނޑުދޮށުގައި ހޭދަ ކުރާ ވަގުތަކީވެސް ފާޑެއްގެ ތެރަޕީއެއް މީހާއަށް ލިބޭ ވަގުތެކެވެ. ތާޒާވަޔާއި ވިލުނޫ ކުލައިގެ މޫދު ފެނިފައި މީހާގެ ސްޓްރެސްތައް އެއްކޮށް ދާ ކަހަލައެވެ. އެހެންކަމުން މަންޑާލާ އެއް ކުރަހާފައި ހުންނަ މެޓެއް ކޮންމެހެންވެސް ފޮއްޓަށްލާން އެބަޖެހެ އެވެ.
4. ޓޯޓްބޭގް!
ތިމާވެއްޓާރި ރައްޓެހި ޓޯޓްބޭގް އަކީ ބާޒަރުކުރުމަށާއި މޫދުކައިރިއަށްދާއިރުވެސް ގެންގުޅެން ފަސޭހަ އެއްޗެއްކެވެ. ކެމެރާ، ފޮތް، ފެންފުޅިއެޅުމަށް ހަމަ އެއްވަނަ އެވެ. ދިވެހި ޒުވާން ހުނަރުވެރި އާޓިސްޓުން ގެ ރާއްޖެއާއި ގުޅޭ މިފަދަ ބައިވަރު ދަބަސް ބާޒަރުގައި އެބަހުއްޓެވެ. އަދި މިއީ ރަށުގައި ހޭދަކުރާއިރު ލާ ކެޝުއަލް ހެދުމަށްވެސް އިތުރުފުރިހަމަ ކަމެއް ގެނެސްދޭނެ ސްޓައިލަކަށްވެގެންދާނެ އެވެ. މީގެ ދަބަހެއް ނެތްނަމަ އަވަަހަށް ހޯދާ ފޮއްޓަށްލާށެވެ.
5. ރީޔޫސަބަލް ފެންފުޅިއެއް
މި އީދު ބަންދުގައިވެސް ތިމާވެއްޓާއި ރައްޓެހި މީހަކަށްވުމަށް މަސައްކަތް ކުރެވިދާނެ އެވެ. އެހެންކަމުން ފެންބޮވާ ކޮންމެ ފަހަރަކު އެއްފަހަރު ބޭނުންކޮށްއެއްލާލުމަށް ވުރެ ރީޔުސަބަލް ފެންފުޅިއެއް ގެންގުޅެން މާ ސަޅިވާނެއެވެ. ޗުއްޓީގައި ކާ މޭޒު ސުފުުރާ ފޮޓޯ ނަގާނަމަ މި ފެންފުޅިވެސް އަރާގޮތަށް ފޮޓޯ ނަގާ މިކަމަށް އެހެން މީހުން ހޭލުންތެރިކުރުމަށް މެސެޖެއްވެސް ދެވިދާނެ އެވެ.
6. ދިވެހި ސަގާފީ ހެދުމެއް
ދިވެހި ސަގާފީ ހެދުމެއް ކޮންމެެހެންވެސް ފޮއްޓަށް ލާންވާނެ އެވެ. އާއިލާ އެއްމެން ނުވަތަ ހުރިހާ ރައްޓެހިން މި ހެދުމުގައި ފޮޓޯއެއް ނެގުމުން ރަށްފުށު ދިރިއުޅުމާއި ވަރަށް ގުޅޭނެ އެވެ. ހެދުމާއި ގުޅޭ ފޮޓޯއެއް ނަގާލެވޭނެ އެތަށް ތަނެއް ފެންނާނެއެވެ. ވަޅު ދޮށާއި، ކުރީގެ މިސްކިތްތަކާއި، ބަނބުކެޔޮ ގަސްތަކާއި ކުރީގެ ހިރިގާ ފާރުތަކާއި، ފަށްޖެހިގޮނޑިއާއި ތުނޑުކުނާއެޅި އުނދޯއްޔާއި މިހެންގޮސް މި ހެދުމުގައި ފޮޓޯއެއް ނަގާލެވޭނެ ދިވެހިވަންތަކަން ދައްކާލާދޭނެ އެތަށްތަނެއް ފެނިގެންދާނެ އެވެ. ކޮންމެހެންވެސް ކުދި ބޮޑު އެއްމެންގެ ސަގާފީ ހެދުން ފޮއްޓަށްލާންވީ މިހެންވެ އެވެ.
ހުދު ކުލައިގެ ޓޮޕެއް ނުވަތަ ޓީޝާޓެއް!
ހުދުކުލައިގެ ޓީޝާޓެއް ނުވަތަ ޓޮޕެއް ކޮންމެހެންވެސް ފޮއްޓަށްލާން ވާނެ އެވެ. ބޮޑު އީދުގެ ފާހަގަކުރަން ކުލަޖަހަން މި ޓީޝާޓް ވަރަށް މުހިއްމުވާނެ އެވެ. އަދި މި ޓޮޕް ނުވަތަ ޓީޝާޓް ހާއްސަކުރުމަށް މީގައި އީދަށް ދާ ރަށުގެ ނަން ޕްރިންޓެއްވެސް ޖަހާލެވިދާނެއެވެ.
މީގެ އިތުރުންވެސް ރަަށަށްދެވޭ ފަހަަރުގައި ރަށްފުށު ހިތްގައިމު ދިރުއުޅުން ފެންނަ ގޮތަށް ފޮޓޯތަކެއް ނެގުމަށް ލިބޭނެ ފުރުސަތެކެވެ. ޖަޒީރާ ރާއްޖޭގެ ސާދާ ދިރިއުޅުން ފޮޓޮއަކުން ފެނުނަސް ހިނިތުންވުމެއް ގެނެސްދީ މި ފަދަ އާދައިގެ ލައިފްސްޓައިލަކަށް ހިތްކިޔަ އެވެ.