ކުޅިވަރު

ޕްލޭއާ ކޯޗެއްގެ ގޮތުގައި ރޫނީ ޑާބީ ކައުންޓީއަށް؟

އިނގިރޭސި ކުރީގެ ކެޕްޓަން ވޭން ރޫނީ، ޕްލޭއާ ކޯޗެއްގެ ގޮތުގައި ޗެމްޕިއަންޝިޕްގެ ޑާބީ ކައުންޓީއަށް ގެނައުމަށް އެ ޓީމުން މަސައްކަތް ފަށައިފި އެވެ.

އިނގިރޭސި ގައުމީ ޓީމަށް 53 ލަނޑު ޖަހައިގެން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ގޮތުގައި ހިމެނޭ ރޫނީ މިހާރު ކުޅެމުން ދަނީ އެމެރިކާގެ މޭޖާ ލީގް ސޮކާގެ ޑީސީ ޔުނައިޓަޑަށެވެ. އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި އަދި ބާކީ އެއް އަހަރު އެބަ އޮތެވެ.

މިދިޔަ ސީޒަންގައި ޑާބީ ކައުންޓީއަށް ކޯޗް ކޮށްދިން ފްރޭންކް ލަމްޕާޑް ވަނީ މިހާރު އޭނާ ކުރިން ކުޅުނު ޗެލްސީގެ ކޯޗް ކަމާ ހަވާލުވެފަ އެވެ. އޭނާގެ ބަދަލުގައި ޑާބީގެ ކޯޗް ކަމަށް ހަމަޖެއްސީ ހޮލެންޑްގެ ކުރީގެ މިޑްފީލްޑާ ފިލިޕް ކޮކޫ އެވެ.

ޕްލޭއާ ކޯޗެއްގެ ގޮތުގައި ރޫނީ ގެންނަނަމަ، ޓީމަށް ކުޅުމުގެ އިތުރަށް ކޯޗިން ސްޓާފެއްގެ ގޮތުގައިވެސް މަސައްކަތް ކުރާނެ އެވެ. ރޫނީ ދާދި ފަހުން ބުނެފައި ވަނީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އޭނާ ޝައުގުވެރިވާ ކަމަށެވެ.

ބާޑީގެ ޗެއާމަން މިލް މޯރިސް ގަބޫލު ކުރާ ގޮތުގައި ކުޅުންތެރިޔެއްގެ ގޮތުގައި އަދި ކޯޗެއްގެ ގޮތުގައިވެސް ރޫނީއަށް ޑާބީއަށް ހިދުމަތް ކުރެވޭނެ އެވެ. ރޫނީ ޓީމަށް ގަނައުމުގެ ފުރަތަމަ މަރުހަލާ ވާހަކަތައް އޭނާގެ އެޖެންޓާއެކު ޑާބީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.