ހަބަރު

ސްޓިކާ ޖަހަނީ ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ޕާކު ކުރާތީ

އެއްގަމު އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހަނީ ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުންނާތީ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ސްޓިކާ ޖަހާ މައްސަލާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ހާޒިރުވެ ވަޑައިގެން ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ބައެއް މީހުންގެ އާދަކާދަ ހުންނަ ގޮތުން ޕާކު ކުރާނެ ޖާގަ ހުއްޓަސް އެ މީހުން ދާ ތަނެއްގެ ކުރިމަތީގައި ނޫނީ ޕާކު ނުކުރެވޭ ކަމަށާއި އޭގެ ސަބަބުން ގިނަ ރައްޔިތުންތަކަކަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންގެ މަސްލަހަތަށް ބެލުމަށް ކޮންމެހެން ވެސް ދޫކޮށްލެވެން ނެތް ހާލަތްތަކުގައި ސްޓިކާ ޖަހާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ޕާކު ކުރާނެ ތަން ހުއްޓަސް، އެ މީހަކު ދާ ތަނެއްގެ ކުރިމަތީގައި ޕާކުކޮށް، ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ޕާކުކޮށްފައި ހުންނާތީ ސްޓިކާ ޖަހަނީ، އެކަންކަމަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލައި ދިރާސާ ކުރަމުންދާ ކަމަށް ފާހަގަކޮށްލަން،" ނަހުލާ ވިދާޅުވި އެވެ.

މާލޭގައި ސްޓިކާ ޖަހާނީ ކޮން ތަންތަނެއްގައި ޕާކުކޮށްގެން ކަން ވެސް ނަހުލާ މިއަދު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން މިސްކިތްތަކަށް ވަދެ ނިކުންނަތަނާއި، ކަފިހިހުރަސްތަކާއި، ސްކޫލުތަކުގެ ކުރިމައްޗާއި، ހޮސްޕިޓަލްތަކަށް ވަދެ ނިކުތުމަށް އޮންނަ ސަރަހައްދާއި، ބެންކުތަކުގެ ކުރިމަތީގައި ޕާކު ކުރާނަމަ ސްޓިކާ ޖަހާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ. އަދި ބޮޑުތަކުރުފާނު މަގު ތާރު އަޅާފައިވާ ސަރަހައްދާއި ފުލުހުން ކޯން ނުވަތަ ބެރިކޭޑު ޖަހާފައި ހުރި ތަންތަނާއި ޑަބަލް ލައިން ދަމާފައި ހުރި ތަންތަނުގައި ޕާކު ކުރާނަމަ ވެސް ސްޓިކާ ޖަހާނެ ކަމަށް ނަހުލާ ވިދާޅުވި އެވެ.

އާ ޕާކިން ޒޯން ހަދާފައި ހުރި ސަރަހައްދުތައް

  • މަޖިދިއްޔާ ސްކޫލު ކުރިމަތި
  • ފިނޭންސް މިނިސްޓްރީ ކައިރީ
  • ވެލާނާގެ ކައިރީ
  • އެމްއެމްއޭ ކުރިމަތި
  • މާފަންނު ސަހަރާ ކައިރި
  • މާފަންނު ފުޑްކޯޓުތައް ކުރިމަތި

މިނިސްޓަރު ވިދަޅުވީ މި އަހަރުގެ ނިޔަލަށް މާލޭގައި 1000 އާއި 400 ދެމެދުގެ އަދަދަކަށް ސައިކަލު ޕާކު ކުރާނެ ޖާގަ ހަދައިދިނުމަށް ނިންމާފައިވާ ކަމަށާއި އަދި 100 ކާރު ޕާކު ކުރެވޭނެ ޖާގަ ވެސް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ މާލޭގައި ކިތަންމެ ޕާކިން ޒޯންތަކެއް ގާއިމް ކުރިނަމަވެސް އެ މައްސަލައަށް ހައްލެއް ލިބޭނީ ރަޖިސްޓާ ކުރެވޭ އުޅަނދު ފަހަރު ކޮންޓްރޯލްކޮށްގެން ކަމަށެވެ. އަދި ތޮއްޖެހުން ކުޑަ ކުރެވޭނެ ގޮތާ ބެހޭ ކަރުދާހެއް ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.