މާލޭގައި ޕާކިން މައްސަލައަށް އެކަށީގެންވާ ހައްލެއް ނުހޯދައި ގަވާއިދާ ހިލާފަށް ޕާކް ކުރާ އެއްގަމު އުޅަނދުތަކުގައި ފުލުހުން ސްޓިކާ ޖަހާ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކޮށް ސުވާލު ކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މެންބަރަކު މިނިސްޓަރަކާ ސުވާލު ކުރާނަމަ، އެ މިނިސްޓަރަކަށް މަޖިލީހުގެ އިދާރާއިން 14 ދުވަހުގެ ނޯޓިހެއް ދޭން ޖެހެ އެވެ.
ޖާބިރު "އަވަސް" އާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ މާލޭގައި އެއްގަމު އުޅަނދުތައް ޕާކް ކުރާނެ ޖާގައާއި އިންތިޒާމުތައް ހަމަނުޖައްސާތީ އާންމުންނަށް އުނދަގޫވެފައިވާއިރު، އެ އިންޒާމުތައް ނެތި ޕާކިން ސްޓިކާ ޖަހާތީ އާންމުންނަށް އިތުރު އުނދަގޫތައްވެފައިވާ ކަމަށެވެ.
އަދި ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ޖަހައި ޖޫރިމަނާ ކުރުމަކީ މި ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ޖާބިރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މާލޭގައި ޕާކް ކުރާނެ ޖާގައެއް ނުދައްކާ ޕާކިން ސްޓިކާ ޖަހައި ޖޫރިމަނާ ކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. މިދިޔަ ސަރުކާރުން ޕާކިން ސްޓިކާ ޖަހަމުންދާތީ އެއިރުގެ އިދިކޮޅު ފަރާތްތަކުން އެ ކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.
ސަރުކާރާ ރައީސް ސޯލިހް ހަވާލުވެވަޑައިގެންނެވި ފަހުން، މިދިޔަ ޖެނުއަރީ މަހު ވަނީ ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ވަގުތީ ގޮތުން ހުއްޓާލާފަ އެވެ. ނަމަވެސް ހަމައެއް ލަމައެއް ނެތި އާންމުންނަށް އުނދަގޫވާ ގޮތަށް ޕާކް ކުރަމުންދާ ކަމަށް ބުނެ މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ފުލުހުން ވަނީ އަލުން ގަވާއިދާ ހިލާފަށް ޕާކް ކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފަ އެވެ.
ގަވާއިދާ ހިލާފަށް ޕާކް ކުރުމުން ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. ދެވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ތިންވަނަ ފަހަރު 750 ރުފިޔާއިން ޖޫރިމަނާ ކުރެ އެވެ. އެ ގޮތުން ކޮންމެ ހަފުތާއަކު ފުލުހުން ގިނަ އަދަދެއްގެ އުނދަޅުތަކުގައި ސްޓިކާ ޖަހައި، ޕާކިން ޖޫރިމަނާގެ ގޮތުގައި ފައިސާ ލިބިފައިވެ އެވެ.