ވާހަކަ

ބޭނުންވަނީ ޔާރާ

(5 އޮގަސްޓް 2019 އާ ގުޅޭ)

މިފަދަ ހިތްދަތިކަމެއް އިތުރަށް ތަޙައްމަލު ކުރާނެހާ ހިތްވަރެއް އޭނަގެ ގަޔަކު ދެންނެތެވެ. ވަރަށް ހިތްވަރު ކޮއްފިއެވެ. އިންތިހާ ދަރަޖައަށް ކެތްތެރިވިއެވެ. އެކަމަކުވެސް.....އަނެއްކާވެސް އޭނަ ބާކީވީއެވެ. މިހުރިހާ ކަމެއް އެހިތަށް އަރަމުންދިޔައިރު އެހެން އެއްވެސް ވޭނަކަށްވުރެ އޭނަގެ ހިތުގައި އަޅަމުންދިޔަ ވޭން ގަދައެވެ. އިތުރަށް އެވޭނަށް ތަހައްމަލު ކުރާނެގޮތެއް މަންހާއަކަށް ނޭގުނެވެ.

"ދާއިން......." ޒައުލް ދެވަނަ ފަހަރަށް ދާއިންއަށް ގޮވާލަމުން އޭނަގެ ކޮނޑުގައި އެއްއަތުން ހިފާލިއެވެ. އޭނަގެ އެބަލާލުމުން އަހަންނަށް އިތުބާރުކުރާށޭ ބުނާކަހަލައެވެ. ދާއިންވެސް ބޯޖަހާލީ އެކަމަށް އެއްބަސްވުމުގެ ގޮތުންނެވެ. އަދި ޒާރާގެ އުނަގަނޑުގައި ހިފާލައިގެން އެއްއަތުން ތުވާލި އޮޅާލެވިފައިވާ ޒާރާގެ އަތުގައި ހިފަހައްޓާލަމުން ނުކުންނަން ހިނގައިގަތެވެ. ދާއިން މަންހާއަށް ފުރަގަސް ދެމުން ހިނގައިގަތްވަގުތު ބޭއިޙްތިޔާރުގައި މަޑުއާހެއްގެ އަޑާއިއެކު މަންހާއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ކަރުނަ ހުސްނުވާ އެދެލޮލުން ދާއިންގެ ގާތުގައި ނުދާށޭ ބުނެ އާދޭސްކުރާ ކަހަލައެވެ. އެންމެ ފަހަރަކުވެސް އޭނައަށް ބަލާލާފައި މަންހާދެކެ ވަރަށް ލޯބިވެޔޭ ބުނެލާނެނަމައެވެ. ހަމަ އެންމެ ފަހަރަކުވިޔަސް.....އަހަރެން ވަރަށް ލޯބިވެޔޭ ބުނެލަދޭށެވެ. މުޅިއުމުރަށް ދާއިންއަށްޓަކައި ދެލޯމަރާލާ މިދުނިޔާ އަލްވާދު ކިޔާނަންކަން ޔަގީނެވެ. ޒާރާ އާއި ދާއިންއަށް ފުރުޞަތުދެމުންނެވެ. ކުޑަކުޑަނެހާ.....ދެލޮލުގެ ނޫރުފަދަ ލޯބިވާ.....ހަމައެކަނި ދާއިންގެ ފަރާތުން ލިބުނު ދެމިގެންވި ހަދިޔާ ހަވާލުކުރާނީ އުފަލުންނެވެ. އެހެންނަމަވެސް ހުޅުވިފައިވި ދެތުންފަތުން އެންމެ ލަފްޒެއްވެސް ނުނިކުތެވެ. ދާއިން އެނބުރި ބަލާވެސް ނުލިއެވެ. ތުރުއަޅަމުން ދިޔަ ދެތުންފަތް ހަރަކާތްކުރެއެވެ. އެކަމަކު އަރުބެދި ގިސްލުމުގެ އަޑުނޫނީ ނުނިކުތެވެ. އެޕާޓްމެންޓުގެ ދޮރު ލައްޕާލިއަޑާއިއެކު ކުޑަސިހުމެއް ލިބުނު މަންހާގެ އަތުން ވަޅިވެއްޓި ޓައިލްސްތަކުގައި ޖެހުނު އަޑުއިވިގެންދިޔައެވެ. ބާރު ބާރަށް ރޯންފެށިއިރު ދެކަކޫމައްޗަށް ދަރިފުޅުގެ ގައިގާ ބާރަށް ހިފަހައްޓާލައިގެން ޓައިލްސްތަކުގެ މައްޗަށް ވެއްޓުނު މަންހާގެ ގައިގާ ހިފެހެއްޓުމަށް ޒައުލް ދުއްވައިގަތެވެ.

"މަންހާ......މަންހާ..." ޒައުލް މަންހާގެނެސް އަތުގެތެރޭ ބޮނޑިކޮއްލަމުން އޭނައަށް ގޮވަމުންދިޔައެވެ. ދުވަހަކުވެސް އޭނަ އެފަދަ ގޮތަކަށް އެހާ ހިތްދަތިކަން އެކުލެވިފައިވާ ރުއިމެއްގެ އަޑެއް ނާހައެވެ. ހީވީހިތުގެ އެންމެ ފުންމިނަށްވެސް އެއަޑުގެ އަސަރު ފޯރިހެނެވެ. އޭނަގެ އަތުގެ ތެރޭ މަންހާ އާއި ނެހާ އާއިއެކު ބާރަށް ހިފަހައްޓާލިއެވެ. އޭނައަށް އެނގޭ ކަހަލައެވެ. މިވަގުތު މަންހާއަށް ބޭނުންވަނީ އެފަދަ އޯގާތެރިކަމެވެ. އެގޮތަށް އޭނަގެ ވަށައިގެން ހިމާޔަތްކޮއްދޭނެ ކަމުގެ ޔަގީންކަމުން ފުރިގެންވި އަތެކެވެ.

"ޝް.ޝްޝް......އިޓްސް އޯކޭ.....އިޓްސް އޯކޭ މަންހާ.....އިޓްސް އޯކޭ.....ޔޫ ކެން ކްރައި.....މަންހާ ރޯން ބޭނުންވަރަކަށް ރޯލާ..." ޒައުލް މަޑުމަޑުން ބުނަމުންދިޔައެވެ. މަންހާއަށް ހުއްޓައެއް ނުލެވުނެވެ.

"މަންމާ.....މަންމާ....." މަންހާ އޭނަގެ މަންމައަށް ގިސްލުމުގެ ތެރޭ ގޮވަމުންދިޔައެވެ. އެދުވަހު މަންމަ ބުނި ހުރިހާ ކަމެއް މިވީއެވެ. އޭނަގެ އެއްވެސް އަގެއްނެތެވެ. އެހެންވިޔަސް އަދިވެސް އޭނަ ލާކޮންމެ ނޭވާއަކާވެސް ދާއިން ގުޅިފަވެއެވެ. އަދިވެސް އޭނަ އެންމެ ލޯބިވަނީ ދާއިންދެކެއެވެ.

ޒައުލް މަޑުމަޑުން މަންހާގެ އަތުން ކުޑަކުޑަ ނެހާ ވަކިކޮއްލެވޭތޯ މަސައްކަތްކުރަމުންދިޔައެވެ. އެހެންނަމަވެސް މަންހާ އޭނަގެ ދަރިފުޅުގެ ގައިގާ ބައްދާލައިގެން އިނީ ވަރަށްވެސް ބާރަށެވެ. އެހެންވެ އެކަން ފަސޭހަ ކަމަށްނުވިއެވެ. މަންހާގެ ރުއިމަށް ބަދަލެއް ނާންނަ ތަނުގައި އޭނަ ގޮވަމުންދިޔައީ އޭނަގެ މަންމައަށެވެ. މަންހާގެ ދިރިއުޅުމުގެ ހުރިހާ ސިއްރުތަކެއް ޒައުލްއަށް ނޭގުނުކަމުގައިވިޔަސް މިއަދު އެއަންހެން ކުއްޖާގެ ހިނިތުންވުމުގެ ފަހަތުގައިވާ ހަގީގަތް ވަރަށް ރަނގަޅަށް ފެނިގެން އެބަދެއެވެ. ސިކުނޑިއާ ހިތަކީ ފާޑެއްގެ އެއްޗެކެވެ. ހިތަށް ކުޅަދާނަނުވުމުން އެކަން ކޮންމެވެސް ސިފައެއްގައި ހައްލުކުރުމަށްޓަކައި ސިކުނޑި އަވަސްވެގަނެއެވެ. މީހުންގެ ލޮލަށް އިންސާނާ ފެންނަފެނުމަށް އެކެއް ކަމަށް ވިޔަސް ސިކުނޑީގައި އެތަށް ބައެއް އުފެދިގެންދަނީވެސް މިފަދަކަންތައްތަކާއި ހެދިއެވެ. މީހާ ޑިޕްރެޝަންއަށް ގޮސް އޭނަގެ ކެތްތެރިކަން ކޮޅުންލާ މިއިން އެއްވެސް ކަމަކުން ސަލާމަތްވާނެ ގޮތެއް ނޭގުމުން އެގްޒިޓް ދޮރު ސިކުނޑި ހުޅުވާލަނީ އެފަދައިންނެވެ. ޒައުލްމެންފަދަ ޑޮކްޓަރުންނަކީ އެފަދަ ދަރަޖައަކަށް އިންސާނާ ދިއުމުގެ ކުރިން އެމީހުން ސަލާމަތްކުރުމަށްޓަކައި ތިބިބައެކެވެ. މިއަދު ޒައުލް އެވަނީ މަންހާ އާއިމެދު ކަންބޮޑުވެ ބިރުގަނެފައެވެ. އެސިކުނޑީގައިވެސް އެފަދަ އެގްޒިޓް ދޮރެއް ނުހުޅުވޭކަން ޔަގީންކުރަން އޭނައަށް ދައްޗެވެ. މަންހާގެ ހަރަކާތްތައް ފެނިފައެވެ. އޭނަ މަޑުމަޑުން ފައިކައިރީ ޓައިލްސްތަކުގެ މަތީ އޮތްވަޅި ދުރަށް ޖައްސާލިއެވެ. އަދި މަންހާގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

"ދާން، ޒައުލްގެ ޚަބަރެއް ބަލާލަންދޭބަލަ، ނެހާ ގެނެސްދީ........އެކުއްޖާ ރޯތާ ކިތަންމެ އިރެއް، މަންހާ އެކުއްޖާއަށް ކަމެއްކޮއްފާނެ" ކާމޭޒުކައިރީ އިނދެ ޒާރާގެ އަތުގައި ބޭސްއަޅާދެމުން ދާއިން ދިޔައިރު އޭނަ އާއި ޒާރާ ވާހަކަދައްކަމުންދިޔައެވެ. އެހެންނަމަވެސް ދާއިން އެއްވެސް އެއްޗެއް ބުނަން ބޭނުންނުވެފައި އިނީ ޒައުލްގެ މައްޗަށް އޭނަ ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.

"އަހަރެން ދާއިން އާ އެބަ ވާހަކަ ދައްކަމޭ، އަހަރެން ހާސްވެފައި ހުރިއިރުވެސް ދާއިން ތިއިންނަނީ އަނގައިން ބަހެއްވެސް ބުނެނުލާ.............ނެހާއަކީ ދާއިންގެ ދަރިއެއްނޫންތަ، އެކުއްޖާއަށް ކަމެއްވެދާނެތީ ދާއިން ކަންބޮޑެއްނުވޭތަ................ކިހިނެއްވެފަތަ ތިއިންނަނީ" ޒާރާގެ އަތް ބެންޑޭޖުކޮށްލަ ދީފައި ގޮނޑިންތެދުވެ ހިނގައިގަންނަން އުޅުނު ދާއިންގެ އަތުގައި ހިފާލަމުން ޒާރާ ބުނެލިއެވެ.

"ކީއްވެތަ ޒާރާއަށް ހީވަނީ މަންހާ ނެހާއަށް ކަމެއްކޮއްފާނެހެން، ނެހާއަކީ އޭނަގެ ދަރިއެއްނު، މަންހާ އެފަދަކަމެއް ނުކުރާނެ.........އަނެއްކޮޅުން އޭނަގެ ގާތުގައި މިހާރު އެވަނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، އަހަރެން އޭނައަށް އިތުބާރުކުރަން.................ޒައުލް އަހަރެން ކައިރީ އެތަނުން އެވަގުތު ނުކުންނާށޭ ބުނީ ހާލަތަށްވިސްނާފަ، މަންހާ ހަމައަކަށް އެޅުނީމަ ޒައުލް އަންނާނެ، އޭނަވެސް ނެހާއަށް ކަމެއްވިޔަ ނުދޭނެކަން އަހަންނަށް އެނގޭ، ކުޑަވަގުތު ކޮޅަށްވިޔަސް ޒާރާ އެއްޗެއް ނުބުނެ ހިމޭނުން ހުރެދީބަލަ" ދާއިންގެ އަޑުގައި ކަންބޮޑުވުމާއިއެކު ހިތްހަމަނުޖެހިފައިވާ ރާގެއް އެކުލެވިފައިވިއެވެ. ޒާރާ ތުންދަމާލަމުން ބެންޑޭޖު ކުރެވިފައިވާ އަތުގައި އަނެއްއަތުން ހިފަހައްޓާލައިގެން ތެދުވެ އޭނަގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަނެއްޖެއެވެ. އެވަގުތު އެތަނަށް އައި އިމީއަށް ފަސްޓްއެއިޑް ފޮށި ދައްކާލަމުން އެނެގުމަށް ދާއިން ބުނެ ސޯފާގައި އިށިންނަން ދިޔައެވެ. ފަސްޓްއެއިޑް ފޮއްޓަށް މޭޒުމަތީގައި ހުރި ސާމާނުތައް ލަމުން ދިޔައިރު މަންހާގެ ފައިގައި ބޭސްއަޅަން ދިޔަ ވާހަކަ ދާއިންގެ ގާތުގައި ބުނަންވީބާއޭ އިމީގެ ހިތަށް އަރަމުންދިޔައެވެ. އެހެންނަމަވެސް އޭނަ ފަސްޖެހެމުންދިޔައީ މަންހާގެ ފަރާތުން އެކަން އެނގިފައި އޮވެދާނެތީއެވެ. އަނެއްކޮޅުން ގޭތެރޭގެ ކަންތައްތަކުގައި ބަސްކިޔާ ބަޔަކަށް ގޭގައި ގެންގުޅޭ މީހުން ނުވާތީވެސްމެއެވެ.

"ނެހާ ބަނޑުހައިވެގެން އެރޮނީ، އަންނާނަން ބުއްފުޅި ހަދާފަ" ކުއްލިއަކަށް ޒައުލް އާއި ދުރަށް ޖެހިލަމުން ކޮޅަށް ތެދުވި މަންހާ ބުނެލިއެވެ. ނޭފަތް އެތެރެއަށް ދަމާލަމުން ދެލޯ އަތުން ފޮހެލިއެވެ. މަންހާ ހިތްހަމަޖެހޭ ވަރަށް ރޮވުނީކަންނޭގެއެވެ. ނޫނީ ހަމަވިސްނުން ލިބުނީކަންނޭގެއެވެ. އޭރު ރޮއެރޮއެގޮސް ނެހާއަށް އޮތީ ނިދިފައެވެ. މަންހާ ނެހާ އުރާލައިގެން ހުރެ ކޮޓަރިއަށްވަނެވެ. އޭނަ ފެންވަރައިގެން ނުކުމެ ނެހާ ބާއްވާފައި އޮތް އުނދޯލި ފާހާނާއިން ނެރުނު ގޮތަށް ފާހާނާ ދޮރުކައިރީ ހުއްޓެވެ. އެއްއަތުން އޭގައި ހިފާލައިގެން ކާމޭޒުދޮށަށް އައިސް އޭނަގެ ފައިކައިރީ އެއުނދޯލި ބަހައްޓާލާފައި އޭގައި ނިދިފައި އޮތް ނެހާ ބާއްވާލިއެވެ. އަދި ޓައިލްސްތައް މައްޗަށް އެޅިފައިވާ ކިރުތައް ސާފުކުރުމާ ނެހާއަށް ބުއްފުޅިހެދުމުގެ މަސައްކަތް ފެށިއެވެ. އެހުރިހާ އިރު މަންހާއަށް ޒައުލް އެތަނުގައި އޭނައަށް ބަލަން ހުރިކަންވެސް ނޭގޭފަދައެވެ. ޒައުލް ހައިރާންވެފައި ހުރިނަމަވެސް އޭނަ މަންހާއަށް ބަލަންހުރީ ވަރަށްވެސް ފުންނަޒަރަކުންނެވެ. އޭނައަށްވެސް ގަބޫލުކުރަން ދަތިވިއެވެ. ކުޑައިރުކޮޅެއްކުރިން އޭނަގެ އަތުގެތެރޭ ރޮމުންދިޔަ މަންހާގެ ފަރާތުން މިހާރު މިފެންނަނީ މުޅިން ތަފާތު މީހެކެވެ. ޒައުލް އަމިއްލައަށް އޭނަގެ ހިތުގައި އުފެދެމުންދިޔަ އެކި ސުވާލުތަކަށް ޖަވާބުދިނުމުގައި ހުރި ފިޔަވަޅުމަތީ ހުއްޓަ މަންހާ ނެހާއަށް ބުއްފުޅި ހެދުމަށްފަހު އައިސް ޒާރާގެ އަތުން ލޭއެޅިފައިވާ ތަންތަން ސާފުކުރަން ފެށިއެވެ. އެކަން ކުރުމަށްފަހު ވަޅި ހިފައިގެން ގޮސް އެވެސް ދޮވެ ސާފުކުރުމަށްފަހު ވަޅިޖަހާއެއްޗެއް ޖަހައިފިއެވެ. ދެން ނެހާ އުރާލައިގެން ބުއްފުޅި ހިފައިގެންވަނީ ކޮޓަރިއަށެވެ. ޒައުލް މަންހާ ކޮޓަރިއަށްވަތްތާ އިރުކޮޅެއްފަހުން އައިސް އެކޮޓަރިދޮރުމަތީ ހުއްޓުނުއިރު ބޮޑުއެނދުގައި މަންހާ ނެހާއަށް ބުއްފުޅި ދޭން އިނެވެ. އެހުރިހާ ކަމެއް ކުރިއިރުވެސް މަންހާގެ ހިނގުމުގައި ތަފާތުކަމެއް ހުރިކަން ޒައުލްއަށް ވަރަށް ބޮޑަށް ފާހަގަ ކުރެވިގެންދިޔައެވެ. އެހެންނަމަވެސް މަންހާގެ މޫނުމަތިން އޭނަ ވޭނެއްގަ އުޅޭކަމުގެ އެއްވެސް އިޝާރާތެއްނުފެނެއެވެ. ވެގެންއުޅޭގޮތެއް ޒައުލް އޮޅުން ފިލުވަންއެބަޖެހެއެވެ.

އެންމެ ފަހުން ޒައުލް އިންތިޒާރު ކުރިވަގުތު ޖެހިއްޖެއެވެ. ނެހާ ކުޑައެނދުގައި ބާއްވާފައި މަންހާ ނެހާއަށް ބަލަން ހުއްޓެވެ.

"މަންހާ..........މީ ޒައުލް، ދާއިންގެ ފްރެންޑެއް...........ބޭރަށް އަންނަންވީނު، އަހަރެން މަންހާ އާއި ވާހަކަދައްކާލަންވެގެން، މިތާ ތިބެ ވާހަކަދައްކަނިކޮށް ނެހާ ހޭލަފާނެއެއްނު ދޯ" ޒައުލް މަޑުމަޑުން މަންހާގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ. އެއާއިއެކު މަންހާ މަޑަމަޑުން ނެހާގެ ކޮޓަރިން ނުކުމެގެން އައިސް އޭނަގެ އެނދުގައި އިށީނދެއްޖެއެވެ.

"އަހަންނަށް އެނގޭ ޒައުލްތީ ކާކުކަން" މަންހާ ޒައުލް ވާހަކަދެއްކިގޮތުން ބުނެލިއެވެ.

"މަންހާ ފަޔަށް ކަމެއްވީތަ ތިހެން ތިހިނގަނީ" ޒައުލްވެސް މަންހާގެ ގާތުގައި އެނދުގައި އިށީނދެ އެއްފައި އެނދަށް އަރުވާލުމަށްފަހު މަންހާ އާއި ދިމާލަށް އެނބުރިލަމުން އަހާލިއެވެ.

"ބޭސްއަޅާފަ......." އިސްޖަހާލައިގެން އިން މަންހާ ކުރެހިފައިވާ އަޑަކުން މަޑުމަޑުން ބުނެލިއެވެ.

"ކިހިނެއްވީ ބޭސްއަޅަންޖެހުނީ" ޒައުލް ކެތްތެރިކަމާއިއެކު މަންހާ އާއި ވާހަކަދައްކަމުން ދިޔައީ އޭނަ ހިތްހަމަ ނުޖެހޭފަދަ އެއްޗެއް ނުބުނުވޭތޯ މަސައްކަތް ކުރަމުންނެވެ. މަންހާ ލައްވާ ވާހަކަދައްކުވައިގެން ނޫނީ ވެގެން އުޅޭ ގޮތެއް ނުހޯދޭނެކަން ޒައުލްއަށް އެނގޭތީވެސް މެއެވެ.

"ފާހާނާއަށް ވެއްޓުނީ........." މަންހާ ދެލޯ ފޮހެލަމުން މިހެން ބުނެލިއެވެ. އެދެލޮލުގެ ތެރޭ ޖަމާވަމުންދާ ކަރުނަ ހިފަހައްޓަން މަސައްކަތްކުރި ނަމަވެސް އެކަމަށް މަންހާއަށް ބާރެއް ނުފޯރުވެއެވެ. އަދިވެސް އެދެލޯ ފޮހެލަން ޖެހެނީ އެހެންވެއެވެ.

"މަންހާ އަހަންނަށް ގުޅީ ކީއްވެކަން އެނގޭތަ؟" ޒައުލް އަހާލިއެވެ.

"ޒައުލް، އަހަރެން މޮޔެއެއްނުވެޔޭ، އަހަރެން ދާއިންދެކެ ލޯބިވާވަރު އެނގޭނީ ހެއްދެވި ފަރާތަށް، އޭނައަށް ޓަކައި އަހަރެން ކުރި ދިގު އިންތިޒާރު..........ދާއިންގެ ދިރިއުޅުމުން ދުރަށްދާންވީ ހުސްއަތާތަ، އަހަރެންގެ ދަރިފުޅު އެއީ ދާއިންގެ ފަރާތުން އަހަންނަށް އިޙްސާސް ކުރެވުނު ލޯބީގެ ނިޝާނެއް، މީވަގުތީ އާލަމަކަށްވިޔަސް މިތަނުގައި އަހަރެންނާ ދާއިންގެ ލޯބީގެ ދިރިހުރި ނިޝާނެއްކަމުގައި އެކުއްޖާވާނެ، ދާއިން އާއި ދުރަށް ދާންޖެހުނަސް އެދަރިފުޅާ އަހަރެން ދުވަހަކުވެސް ވަކިވާކަށް ބޭނުމެއްނޫން، އަހަރެންގެ އެދަރިފުޅާ ހަމައެކަނި ވަކިކުރެވޭނެ އޮތީ އެންމެ ގޮތެއް، އެއީ މަރު........އެވަގުތު ޖެހެންދެންވެސް އަހަރެން ބޭނުމެއްނޫން އެދަރިފުޅު އެހެންމީހެއްގެ އަތްމައްޗަށް ދޫކޮއްލާކަށް...........ޒާރާ ފަދައިން އެދަރިފުޅު ބޮޑުވާކަށް އަހަރެން ބޭނުމެއްނޫން، އަހަރެން ބޭނުމީ ނެހާއަށް ކެތްތެރިކަމަކީ ކޮބާކަމާ، މައިންބަފައިންނަށް އިޙްތިރާމް ކުރުމަކީ ކޮބާކަމާ، އެހެންމީހުންގެ މައްޗަށް ހެޔޮދުޢާ ކުރާ ހިތްތިރި މާތް ކުއްޖަކަށްވުމަށް، ބޭނުންވަނީ މިދުނިޔޭގެ އަނިޔާވެރިކަމުގެ ތެރެއިން ހިނިތުންވެލަން ދަސްކޮއްދޭން...........އެންމެ ފަހުވަގުތާ ޖެހެންދެންވެސް އަނެކާގެ އުފަލައްޓަކައި ގުރުބާވާން ދަންނަ ކުއްޖަކަށްވުން...............އެނގޭ އެފަދަ މީހަކަށް ވެއްޖެނަމަ ދުނިޔޭގައި އުޅުން އޭނައަށް ވޭނަކަށް ވެގެން ހިނގައިދާނެކަން، ދުލުގެ ނުބައިކަމަށްވުރެ ހިތުގެ ނުބައިކަން މާބޮޑު، ހަސަދަވެރިވާ މީހާ ހަސަދަވެރިއެވަނީ ﷲގެ މައްޗަށް، އެކަލާނގެ މިންވަރުފުޅަށް ޝަރީކު ކުރުމެއްނޫންތަ އެއީ، އެކަން ގަބޫލު ނުކުރުމީ އޭނަގެ ނުބައިކަމެއްނޫންތަ؟ ޒައުލް، އަހަރެން ބޭނުމެއްނޫން، ދާއިން އާއި ޒާރާ ވަކިވެ އެދެމީހުން ދުރުވާކަށް، ދާއިންއަށް ޒާރާ އާއި ނުލާ ނޫޅެވޭނެ، އަހަންނަކީ އޭނަގެ ދިރިއުޅުމުގެ އެއްބައިކަމުގައި ހީކުރިޔަސް، އޭނަގެ ހިތަކީ ޒާރާގެ މިލްކެއް، އަހަރެންގެ މޮޔަކަށް، ނުވިސްނޭކަން އެއީ ދާއިންގެ ހިތުން ޖާގައެއް ލިބިދާނެކަމަށް ހީކުރުން، ޒައުލް..........ތީ ދާއިންގެ އެންމެ ގާތް އެކުވެރިޔާއެއްނު، އަހަރެން މިހެން ވާހަކަދެއްކިޔަސް ދާއިން އާއި ޒާރާ އާއިމެދު ހިތްބުރަ ނުކުރައްޗޭ.........ދާއިންއަކީ މާތް އިންސާނެއް.............." މަންހާ ލުއި ހީލުމަކާއިއެކު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"އޭނަ މަސައްކަތްކުރޭ އަހަރެންދެކެ ލޯބިވާން، އެކަމަކު ލޯބިވެވޭނީ އެންމެ ފަހަރަކުތާ ދޯ..........އަހަންނަށް ވެސް ލޯބިވެވުނީ އެންމެ ފަހަރަކު، ކައިވެނީގެ ގޮއްޖަހާލެވުނު ހިނދު އުފަލުން އަހަރެން އުދުއްސައި ގަންނަން ބޭނުންވި، މުޅި އުމުރުގަވެސް އެހާ އުފާނުވޭ...............ޒައުލް، އަހަރެން މިހާރު ބޭނުންވަނީ ދާން، މިދިރިއުޅުމާ ދުރަށްދާން، އަހަރެންގެ ދަރިފުޅު ގޮވައިގެން..............ނޫން، ފަހަރެއްގަވެސް ހީނުކުރައްޗޭ އަހަރެން ދާއިންގެ ގާތުން ވަރިވާން ބޭނުންވަނީއޭ، އެހެނެއްނޫން، އެކަމަކު ދާނީވެސް ވަކި ކޮންތާކަށް، އަހަރެން އެކަމަކާ އެންމެ އުފާވިދުވަހު އަހަރެންގެ މަންމަ އަތުން ބީއްވެގެން ދިޔަކަން އިޙްސާސް ކުރެވުނު، އަދިއަދަށްވެސް އަހަރެންނާ އަނގައިން ނުބުނޭ، ފެންނަންވެސް ބޭނުންނުވަނީ، ލޯބި ލޯބި ނެހާ ގޮވައިގެން ގޮސް ކުރިމަތީ ހުއްޓުނީމަވެސް ބަލާނުލި، އަހަރެން ދާނީ ކޮންތާކަށް، މިހަތަރު ފަހަރުގެތެރޭ އަހަންނެކޭ ކުއްވެރިއެކޭ އެއްވަރު، ވިޝާލްއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، މައްސަލައަކީ ފިރިހެނަކަށް ވީކަން، އެހެންނޫނީ އެދުވަހު އަހަންނަށް އެހީތެރިވުމަށް އަންހެނަކު ހުރިނަމަ ދާއިން އަހަންނަށް ޝައްކެއްނުކުރީސް، ވާނީވެސް އެހެންކަންނޭގެ، އެމަންޒަރު އޭނައަށް ދެއްކި މީހުންގެ ކުޅަދާނަކަން އެއީ، އަހަރެންނަމަވެސް ގަބޫލުކުރެވުނީސްކަން ޔަގީން..............އާން، ވިޝާލް އަހަރެންދެކެ ލޯބިވޭ، ދާއިން އާއި ގުޅޭނެކަމުގެ އެއްވެސް ޔަގީންކަމެއްނެއްއިރުވެސް، އެއީ ޒަމާންވީ ބަދަލުވުމެއްނުވާ ލޯތްބެއް، އެކަމަކު މިއަދު އަހަރެން އޭނަވެސް ދުރުކޮއްލީ، މަސްލަހަތައްޓަކައި، ދާއިންއަށްޓަކައި.............އަހަރެން މިތަނުން ގެންދޭ ޒައުލް، ކޮންމެތަނަކަށްވިޔަސް އެންމެރަނގަޅު..........." ލޮލުންވެއްޓުނު ކަރުނަތިއްކާއިއެކު ޒައުލްއަށް ބަލާލަމުން މަންހާ ދެއަތްޖޯޑުކޮއްލީ އާދޭސްކުރަމޭ ބުނާފަދައިންނެވެ.

"މަންހާ، ދާއިން މަންހާދެކެ ލޯބިވެޔޭ، އޭނަ މަންހާ އާއި ދުރަށް ދާކަށް ބޭނުމެއްނޫން، ތިހެން ނުވިސްނާ، ނެހާއަށް އޭނަގެ ބައްޕަ އާއި މަންމަވެސް މުހިއްމުވާނެ، އަހަންނަށް އެނގޭ މަންހާގެ ކުށެއްނެއްކަން، އަދި ވިޝާލްއޭ ކިޔައިގެން މިދެކެވޭ ވާހަކައަކީ އެއްވެސް ހަގީގަތެއްނެއް ވާހަކަތަކެއްކަން، ދާއިން އަހަރެން ކައިރީ ބުނި މަންހާ އާއި ދުވަހަކުވެސް ވަތްކެއްނުވާނަމޭ، އޭނަ މަންހާއަށް ބޭނުންވެއޭ، މަންހާއަކީ އޭނަގެ ދަރިފުޅުގެ މަންމަކަން އަދި ކުރިން ކަންތައްކުރެވުނީ ރަނގަޅަކަށް ނޫންކަންވެސް..........." ޒައުލްގެ ވާހަކަތައް މެދުކަނޑާލީ މަންހާއެވެ.

"ޕްލީޒް ސްޓޮޕިޓް ޒައުލް، އަހަރެން މީ ކުޑަކުއްޖެއްނޫނޭ، އަހަރެންވެސް ނުބުނަމެއްނު ދާއިން އާއި ވަކިވާށޭ ބޭނުންވަނީ، އަހަރެން ދުރުގަ ހުރެދާނަމޭ ދާއިންގެ އަންބެއްގެ ގޮތުގަ، އޭނަ ބޭނުންނަމަ ދަރިފުޅު ދެކެންވެސް އާދެވިދާނެ، އެކަމަކު ދެން އަހަންނަށް ކެތެއްނުވާނެ، އަހަރެން މަރުވެދާނެ މިހާސްކަމުތެރޭ، މީ ދާއިން އާއި ޒާރާގެ ގެއެއް، ފޮނި ފޮނި ބަސްތަކުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ނުލިބޭ، އެހެންވެ މިބުނަނީ ޒައުލް ތިކަހަލަ ވާހަކަ ނުދައްކާށޭ، މިއަދު އަހަންނަށް އެހީއަކަށް އެދި ދާނެ އެހެންމީހަކުނެތް، އެހެންވެ ޒައުލް ކައިރިން މިއެދެނީ އަހަރެން މިތަނުން ގެންދޭ، ޕްލީޒް..........ޕްލީޒް.........ޒައުލް.........އަހަންނަށް އޯކޭ ޒައުލްމެންގެއަށް ގެންދިޔަޔަސް.........ފަހުން އަހަރެން ކޮންމެވެސް ގޮތެއް ހޯދާނަން، ޒައުލްއަށް އުނދަގުލެއްނުޖައްސާނަން، އަހަރެން އަމިއްލައަށް އުޅެވޭނެގޮތެއް ހޯދާނަން، އެކަމަކު މިވަގުތު އަހަންނަށް އެހީވެދީ.........ޕްލީޒް............." މަންހާ ޒައުލްގެ އަތުގައި ހިފާ އާދޭސް ކުރަންފެށިއެވެ.

"މަންހާ...........މަންހާ.......ހަމަޖެހިބަލަ، ރަނގަޅަށް ވިސްނާލަބަލަ، ދަރިފުޅުގެ މުސްތަގްބަލަ ވިސްނާލަބަލަ، ދާއިންވެސް ބޭނުމެއްނުވާނެއެއްނު މަންހާ އޭނަގެ ދިރިއުޅުމުން ދުރަށް ދާކަށް، އޭނަވެސް ބޭނުންވާނީ އޭނަގެ ދަރިފުޅާ އެދަރިފުޅު މަންމަ އާއި މިގޭގަ އުޅޭކައްނު، ނޫނީ އަހަރެން ދާއިން ކައިރީ ބުނެފާނަމޭ މަންހާ ވަކިން ތަނެއްގައި ބަހައްޓާދޭށޭ..........މަންހާ ޒާރާ އާއިއެކު މިގޭގަ އުޅެން އުނދަގޫނަމަ ދާއިން އެކަން މަންހާއަށް ހަމަޖައްސާދޭނެ............އެގޮތް އެންމެ ރަނގަޅެއްނު" ޒައުލްވެސް މަންހާގެ އަތުގައި ހިފާލަމުން ހަމަޖެހިލާފައި ބުނެލިއެވެ. އެހެންނަމަވެސް އޭނަދެއްކި ވާހަކައެއް މަންހާއަށް ކަމަކު ނުދިޔައެވެ. ވަގުތުން އަތްދަމައިގަނެ އެނދުން ތެދުވެގެން ގޮސް ނެހާގެ ކޮޓަރި ދޮރުކައިރީ ހުއްޓުނެވެ. ޒައުލްވެސް ތެދުވެގެން މަންހާގެ ފަހަތުން ދިޔައެވެ.

"ކިހިނެއްވީ މަންހާ" ޒައުލް އަހާލިއެވެ. މަންހާ އެއްވެސް އެއްޗެއް ނުބުނުމުން އަނެއްކާވެސް ޒައުލް ވާހަކަދެއްކިއެވެ. ދެންވެސް މަންހާ އަނގައިން ނުބުންޏެވެ. ވަރަށް ގިނަ ވާހަކަތައް ދެއްކުމަށްފަހު އެންމެ ފަހުން ޒައުލް ނިންމީ އެތަނުން ދިއުމަށެވެ. އޭނައަށް މަންހާގެ ބުއްދި ސަލާމަތުން ހުރިކަން ޔަގީންވާތީއެވެ. ދާއިން އައިސް ވާހަކަދެއްކުމުން ފަހަރެއްގަ މަންހާ ވާހަކަދައްކަފާނެއޭ ޒައުލްގެ ހިތަށް އެރިއެވެ. ފަހުން އަންނާނަން ކަމުގައި ބުނެ ޒައުލް އެކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. މަންހާއަށް ޒައުލް ދިއުމާއިއެކު މޫނުގައި ދެއަތްތިލަ ޖައްސާލުމާއިއެކު ގިސްލާފައި ރޮވިއްޖެއެވެ. އެކަކަށްވެސް އޭނަގެ ހާލެއްނުވިސްނޭނެއޭ ހިތަށްއެރިއެވެ. ދާއިން ދުވަހަކުވެސް ޒާރާ ދެރަވާފަދަ ކަމެއްނުކުރާނެކަން މަންހާއަށް އެނގެއެވެ. ދަރިފުޅު ނެހާގެ މުސްތަގްބަލަށް ޒައުލް ވިސްނާލުމަށް ބުނިބުނުމަކީ ތެދެކެވެ. އޭނަ އެދަރިފުޅު ގޮވައިގެން އުޅޭނީ ކިހިނެއްހެއްޔެވެ. ޒައުލްގެ ކައިރިން އޭނަ އެހީއަށް އެދުނީމަ އޭނަވެސް އެނބުރުނީ ދާއިން އާއި ދިމާލަށެވެ. ކީއްވެހެއްޔެވެ. އެހެން ނުވާންވީވެސް ވަކި ކީއްވެހެއްޔެވެ. އެއީ މަންހާގެ އެކުވެރިއެއްނޫނެވެ. އެއީ ދާއިންގެ ބެސްޓް ފުރެންޑްވިއްޔާއެވެ. ދޮރުކަނީގައި ހިފަހައްޓާލައިގެން ހުރިދިމާލަށް ތިރިވި މަންހާއަށް ރޮވެނީއެވެ. ހަދާނެގޮތްވަނީ ހުސްވެފައެވެ. އޭނަ ހަގީގަތުގަވެސް މޮޔަވެދާނެއެވެ. ޒާރާ އޭނަ މޮޔަކޮއްލަފާނެއެވެ.

"ޒައުލް......." އެޕާޓްމެންޓު ދޮރުހުޅުވުނު އަޑަށް ސޯފާގައި އިން ދާއިން ބަލާލާފައި ބުނެލިއެވެ. އެތެރެއަށް ވަންނަން ނޫޅެ ޒައުލް ދޮރުގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ހުއްޓެވެ.

"މަން ކިހިނެއް؟" ދާއިންއަށް އަވަހަށް އަހާލެވުނެވެ.

"އާދޭ ބޭރަށް ޖައްސާލަން........"ޒައުލް ކުރުކޮށް ބުނެލިއެވެ. އެހިނދު ދާއިން ޒާރާއަށް ގޮވާލާފައި އޭނަ ބޭރަށް ގޮސްފައި އެބައަންނަން ކަމުގައި ބުންޏެވެ.

"ޒާރާއަށް އަންގާ މަންހާގެ އެޕާޓްމެންޓަށް ގޮސްގެން ނުވާނެކަން" ކުއްލިއަކަށް ޒައުލް ބުނިލިއެވެ. ދާއިން ހައިރާންވިއެއްކަމަކު ކޮޓަރިން ނުކުތް ޒާރާއަށް ބަލާލިއެވެ.

"ޒާރާ، މަންހާގެ އެޕާޓްމެންޓަށް ނުދައްޗޭ..........އަހަރެން ބުނާނަން ދާންވީމަ" ދާއިން ބުނެލިއެވެ.

"އެކަމަކު ނެހާ........." ޒާރާ ބުނަންއުޅުނު އެއްޗެއް މެދުކަނޑާލީ ޒައުލްއެވެ. ވަރަށް ހަރުކަށި ކަމާއެކުއެވެ.

"ނެހާ ރަނގަޅު، މަންހާވެސް ރަނގަޅު، ޒާރާ ކަންބޮޑުވާކަށް ނުޖެހޭނެ، މަންހާއަކީ މޮޔައެއްނޫން...........އެހެންވިޔަސް ޒާރާ އެބަޔަށް ނުގޮސް މަޑުކުރޭ" ޒައުލް މިހެންބުނެ ދާއިންއަށް ބޮލުގެ އިޝާރާތުން އައުމަށް ބުނަމުން ބޭރަށް ޖެހިލިއެވެ. ދާއިން ޒާރާއަށް ބަލާލާފައި ޒައުލްގެ ފަހަތުން ނުކުތުމަށް ދިޔައެވެ.

"ކޮންތާކަށް ދާންވީ" ދާއިން ކާރަށް އަރާ ހަމަޖެހިލުމާއިއެކު އޭނަ އާއި ޖެހިގެން ކުރީސީޓުގައި އިން ޒައުލްއަށް އަހާލިއެވެ.

"ތަނަކަށް ދާނެކަމެއްނެތް، މިތަންއޯކޭ، އަހަރެން ބޭނުންވީ ދާއިން އާއި ވަކިން ވާހަކަދައްކާލަން.........." ޒައުލް ބުނެލިއެވެ.

"މަންހާ ރަނގަޅޭ ބުނި، ދެން ކިހިނެއްވީ" ދާއިން ކަންބޮޑުވެފައި ޒައުލްގެ ވާހަކަ މެދުކަނޑާލަމުން އަހާލިއެވެ.

"އަދި ރަނގަޅު އޭނަ، އެކަމަކު އަހަރެން ގެރެންޓީއެއްނުދޭނަން އެގޮތަށް އޭނަ ހުންނާނެކަމުގެ، ދާއިން ހުރިހާ ކަމެއްތިކުރަނީ، އެކަމަކު އަދިވެސް ތިއަހަނީ މަންހާ ރަނގަޅުހޭ، އެނގޭތަ އޭނަގެ ފަޔަށް ކަމެއްވެގެން އުޅޭކަން، ބުނީ ފާހާނާއަށް ވެއްޓިގެންނޯ..........." ޒައުލް އަހާލިއެވެ.

"އޯ ޝިޓް.........އަހަރެން އެއްގޮތަކަށްވެސް ހަނދާނެއްނެތް، އެކަން އެނގޭ، އެކަމަކު އެކަމަށް އެކްޝަންއެއް ނަގަން ހުއްޓަ ހަނދާންނެތުނީ" ދާއިން ވަރަށް ދެރަވިއެވެ.

"ތީ ދާއިން މަންހާއަށް އަޅާލާ މިންވަރު، އަނބިމީހާއަށް ގެއްލުމެއްލިބުމުން ކޮންފިރިއެއްތަ ފަހުން އެކްޝަން ނަގަން މަޑުކުރަނީ، ތީތަ ދާއިން މަންހާ ބޭނުންވާގޮތަކީ، މަންހާ ބުނީ ރަނގަޅަށް، އޭނައަށް ދާއިންގެ ދިރިއުޅުމުން އެއްވެސް ޖާގައެއްނުލިބޭނެ" ދާއިން ކުއްވެރިކުރާ ރާގެއްގައި ޒައުލް ބުނެލިއެވެ.

"ތިހެން ނުބެނޭ ޒައްލޭ، އަހަރެން މަންހާ ބޭނުން، ދުވަހަކުވެސް އޭނަ ދޫކޮއްލާކަށް ބޭނުމެއްނޫން" ދާއިން ބުނެލިއެވެ.

"އަހަންނަށް އެނގޭކަމަކީ ޒާރާގެ ފަރާތުން މަންހާއަށް އުނދަގޫތަކެއް ފޯރާކަން، އޭނަ ސީދާ އެކަން ހާމަ ނުކުރިޔަސް އޭނަ ބޭނުމެއްނޫން އެއްގޮތަކަށްވެސް ޒާރާގެ އަތްމައްޗަށް ދަރިފުޅު ދޫކޮއްލާކަށް، އަހަންނަށް ހީވި ހީވުން މިއަދު މިއޮތީ ޔަގީންވެފަ، ޒާރާ މަންހާ އާއިދެކޮޅަށް ރޭވުންތަކެއް ރާވާ، ދާއިންއަށް ނޭގި ދާއިންގެ ފުރަގަހުގައި ހުރެ މީހަކަށް ޝައްކުވެސް ނުވާނެފަދަ ގޮތަކަށް.........މަންހާއަށް މިހެންވެގެން މިއުޅެނީ ކުއްލިއަކަށް ނޫން، ދާއިންގެ އަޅާލުން މަންހާއަށް ނުލިބޭކަން އަހަންނަށް މިއަދު އެނގިއްޖެ، މަންހާ ދާއިންދެކެ ލޯބިވާވަރުވެސް..........އަހަންނަށް އެނގޭ ދާއިންއަކީ އަހަރެންގެ ބެސްޓް ފްރެންޑްކަން، އެކަމަކު ބުނަން............ޔޫ ޑޯންޓް ޑިޒާވް ހާރ............ލޯބިންގޮސް މީހަކު މޮޔަވިއްޔާ އެއަންހެން ކުއްޖާ މޮޔަވާނެކަން ޔަގީން، އޭނަ އަހަރެން ކައިރީ އާދޭސްކުރަނީ، ކޮންކަމަކަށްކަން އެނގޭތަ...............މިގެއިން އޭނަ އާއި އޭނަގެ ދަރިފުޅު ގެންދިއުމަށް، އޭނަގެ މަންމަ އޭނަ ދެކެން ބޭނުމެއްނުވޭ، އަހަންކުއްޖަކަށް މަންމައެއްގެ އަޅާލުމާ ލޯތްބާ އެއްބާރުލުމަކީ ކިހާ މުހިއްމު އެއްޗެއްކަން ދާއިންއަށް އެނގޭތަ، މިހުރިހާކަމެއް ދާއިންއަށް އެނގޭއިރު، މަންހާއަށް އަޅާލަން ހުރީ ހަމައެކަނި އޭނަގެ ފިރިމީހާކަން އެނގި ދާއިންގެ ފަރާތުން އޭނައަށް އެފަދަ އޯގާތެރިކަމެއް ނުދިނީ ކީއްވެ؟" ޒައުލް ހިތްހަމަނުޖެހިފައި އިނދެ ސުވާލުކުރިއެވެ.

ދާއިންއަށް ޒައުލްގެ ވާހަކަތަކަށް ދޭނެ ޖަވާބެއްނޭގުނެވެ. ދެރަވެފައި އިނދެ އަމިއްލަ ނަފްސު ކުއްވެރިކުރަމުން އޭނަ ދިޔައެވެ. މަންހާ ލޯބިވާވަރު އޭނައަށް ނޭގެނީއެއް ނޫނެވެ. އެހެންމީހެއްގެ ދުލުން އެކަން ހާމަނުކުރިކަމުގައިވިޔަސް އޭނައަށް، މަންހާ އޭނަދެކެ ވާލޯބި އެނގެއެވެ. އަދި އެލޯތްބެއް ބަދަލެއްނުވާނެކަންވެސް އެނގެއެވެ. އެދެމީހުންގެ ދަރިފުޅު ދުނިޔޭގައި އޮތްހާ ހިނދަކު މަންހާގެ ހިތުން ދާއިންގެ ހަނދާންތަކެއް ފޮހެއެއްނުވޭނެއެވެ. ހުދުއޭނަގެ ހާލަކީވެސް އެއީއެވެ. އަނެއްކޮޅުން ޒާރާދެކެ އިންތިހާއަށް ލޯބިވުމާއިއެކު އޭނައަށް އިތުބާރުކުރުން އެއީ ދާއިންއަށް ކުރެވުނު ކުށަކީހެއްޔެވެ. އެވެސް އޭނަގެ އަންބެކެވެ. އޭނަގެ ދޮށީއަންބެވެ. ފުރަތަމަ ލޯބިވެރިޔާވެސް މެއެވެ.

"އަހަރެން މަންހާ ކައިރީގަ ބުނިން ދާއިން ކައިރީ ބުނާނަމޭ މިގެނޫން އެހެންތަނެއްގަ އޭނަ އާއި ނެހާ ބަހައްޓަދޭށޭ، އަހަރެންގެ ހިތްބުނަނީ މަންހާ މިހާރު ބޭނުމެއްނުވެޔޭ އެއްގޮތަކަށްވެސް ޒާރާއާއި އެއްފުރާޅެއްގެ ދަށުގައި އުޅެން، އޭނަ ބުނާގޮތުގަ މީ ދާއިން އާއި ޒާރާގެ ގެ.............މިގޭގައި އޭނައަށް އެއްވެސް ޖާގައެއްނެއް، އެންމެ ކުޑަމިނުން ދާޢިންގެ ދިރިއުޅުމުންވެސް އޭނައަށް ޖާގައެއްނެއް..........ކީއްވެހޭ މިހިސާބަށް މަންހާގެ ވިސްނުންދާންވީ، ދާއިންއަށް ދެއަންބިންގެ ދޭތެރޭ ކިހާ ބޮޑު ތަފާތުކުރުންތަކެއް ގެންގުޅެވިގެން މިހެންވާނީ، ޒާރާދެކެ ލޯބިވިޔަސް ތީ ބޮޑުވަރު، މަންހާ ބޭނުންވަންޏާ ދާއިން ޖެހޭނީ މަންހާއަށްވެސް ލޯބިދޭން، ޒާރާއެކޭ އެއްވަރަށް، އެހެންނޫނީ މަންހާ ދޫކޮއްލާ.............ދެވަނަ ކައިވެންޏަކަށް އަހަރެން ދާއިންގެ ކައިރިން އެދެމުންދިޔައީ މިފަދަ ދުވަހެއްފެނިދާނެކަމުގެ އުއްމީދަކުނޫން، މަންހާގެ ފައި އަހަރެން ދުށިން، އެވަރުވެފައި ހުރިއިރު އޭނައަށް އެފައިގެ ތަދު އިޙްސާސް ނުވާކަން އަހަންނަށް އެނގޭ، ދާއިންއަށް އެނގޭތަ އެއީ ކީއްވެގެންކަން.............އިންސާނާ އެހިސާބަށްދަނީ ކީއްވެކަން.........އެއްވެސް އެއްޗެއް ނުބުނެ ހެވިލާފައި ހުރީމަ ދާއިންއަށް މަންހާގެ ފޮރުވިފައިވާ ހިތްދަތިކަން ނޭގުނުތީ މިއަދު އަހަރެން ހަމަ އަޖައިބުވެއްޖެ" ޒައުލް ދެފަރާތަށް ބޯހޫރުވާލުމާއިއެކު ބޮލުގައި އަތްކާލެވުނެވެ. ހުންގާނު ބުރުގައި ހިފަހައްޓާލައިގެން އިން އަތުގައި ނިތްޖައްސާލައިގެން އިސްޖެހިފައި ދާއިންއިނެވެ.

ޒާރާ ސިޓިން ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ފޯނުގައެވެ. އޭނަ ވަރަށް އަވަސް އަރުވާލާފައި ވާހަކަދައްކަމުންދިޔައީ ފަލަކް އާއިއެވެ. އިރުކޮޅަކުން ގޮސް ކޮޓަރި ބެލްކަނިން ބޭރު ބަލާލިއެވެ. ހައިރާންވީ ދާއިންގެ ކާރު ގޭދޮރުމަތީ އޮތީމައެވެ.

"ދާއިން އައީކަންނޭގެ، ކާރު އެބައޮތް ތިރީގަ" ޒާރާ ބެލްކަނިން ގުދުވެ ދާއިންގެ ކާރަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

"ހާދަ އަވަހަކަށް އެއައީ ގެއަށް، ބުނީމެއްނު ދާދި ދެންމެއަކުއޭ ދިޔައީ.........ބުނަން، ތިވީ ރަނގަޅަށް އެނގޭ، އެމަންހާ މިހާރު ހަދާނެގޮތެއް ނޭގިގެން ބޯގޮވަނީއެ، ހަމަ ރަނގަޅު........މޮޔަކޮއްލާ، އަހަރެންގެ ފްރެންޑެއް ހުންނާނެ ހޮސްޕިޓަލުގަ، ޑޮކްޓަރެއް............އޭނައަށް ގުޅާލަނިކޮށް މަންހާ ގުރައިދޫއަށް ފޮނުވާލަން ހަމަޖައްސާލަފާނެ، އެކަމަކު ކުޑަ ރުފިޔާކޮޅެއް ބޭނުންވާނެ...........ބޮޑުކަމެއްވީމަ އޭނަ ހިލެއަކުކޮއްދޭނެ ހެނެއް ހިއެއްނުވޭ" ފޯނުން ފަލަކް ބުނެލިއެވެ.


(ނުނިމޭ)