ހަބަރު

ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަންގައި ރާއްޖޭން ސޮއިކޮށްފި

ޔުނައިޓެޑް ނޭޝަނަސް ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިޒަލްޓިން ފްރޮމް މީޑިއޭޝަން (ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން) ގައި ރާއްޖެއިން މިއަދު ސޮއިކުރީ އެ މުއާހަދާގައި ސޮއި ކުރުމަށް ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ ރަސްމިއްޔާތެއްގަ އެވެ.

ރާއްޖޭގެ ފަރާތުން އެ މުއާހަދާގައި ސޮއިކުރެއްވީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެވެ.

މި މުއާހަދާ އަކީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ ވިޔަފާރި މައްސަލަތަކުން އުފެދޭ ބައިނަލްއަގުވާމީ ސެޓްލްމަންޓް އެގްރީމަންޓްތައް، މި މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ބަލައިގަނެ، އެގައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި އެއް އުސޫލުތަކަކާއި އިންތިޒާމުތައް ގާއިމުކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑެކެވެ.

އެހެންނަމަވެސް، މުއާހަދާ ތަންފީޒު ކުރަން ފަށާނީ އެކަމާ ބެހޭ ގާނޫނެއް ހެދުމަށް ފަހު ކަމަށް ވާތީ އެ ގާނޫނުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެ އެވެ.

އަދި ބުނީ، ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓް ތަކަށް ރައްކާތެރި މާހައުލެއް ގާއިމު ކުރުމާއި، ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، މުއާހަދާގައި ސޮއި ކުރުމުގެ ސަބަބުން އެ އަމާޒަށް ވާސިލު ވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.