އެލައިޑް އިންޝުއަރެންސް

އައިއޯއައިޖީގެ މެޑަލިސްޓުންނަށް އެލައިޑުގެ ހިމާޔަތް ދީފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވި އެތުލީޓުންގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ މުބާރާތުން މެޑަލް ހޯދި ކޮންމެ ކުޅުންތެރިއަކަށް އެލައިޑް އިންޝުއަރަންސްގެ ފަރާތުން 300،000 ރުފިޔާގެ ހޯމް ކޮންޓެންޓް ވައުޗަރެއް ހަދިޔާކޮށްފި އެވެ.

މިހާރު ސްޕޯޓްސް އެވޯޑްސް ހަފްލާގައި 25 މެޑަލިސްޓަކަށް ވަނީ އެލައިޑް އިންޝުއަރަންސް ކުންފުނީގެ ހިމާޔަތް ދިންކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ. އެލައިޑުގެ ފަރާތުން އިނާމު ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަފާޒެވެ.

ހޯމް ކޮންޓެންޓް ވައުޗަރަކީީ ގޭތެރޭގައި ހިފާގެންގުޅޭ އަގުހުރި ތަކެތީގެ ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ފޯރުކޮށްދެވޭ އިންޝުއަރަންސް ހިދުމަތެކެވެ. މި ޕޮލިސީ މެދުވެރިކޮށް ބަދަލު ލިބޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ވައްކަމާއި ފެންބޮޑުވުން ފަދަ ގުދުރަތީ ހާދިސާތަކުގެ ސަބަބުން ތަކެއްޗަށް ލިބޭ ގެއްލުން ހިމެނެ އެވެ.

އެލައިޑް އިން ބުނީ އެކި ރޮނގު ރޮނގުން ގައުމަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ މަސައްކަތް އަގުވަޒަންކޮށް ހިތްވަރު ދިނުމަކީ އެލައިޑުން އިސްކަންދޭ ކަމެއް ކަމަށެވެ.