ދުނިޔެ

އެމްއެޗް370 އާ ބެހޭ ގޮތުން ކުޑަހުވަދޫ މީހުން ދެއްކި ވާހަކަ ހަގީގަތަކަށް ވަނީބާ؟

Jul 30, 2015

މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓް އެމްއެޗް370 އަށް ވީގޮތެއް ނޭނގިފައި ތިއްބައި މި ފްލައިޓްގެ ފިޔަގަނޑުގެ ބައެއް ކަމަށް ބެލެވޭ ބައެއް އިންޑިއާ ކަނޑުގެ ޖަޒީރާ ރަށް، ރީޔޫނިއަން އިން ފެނިއްޖެ އެވެ.

އެމްއެޗް370، ވީގޮތެއް ނޭނގި ގެއްލިފައި ވަނީ 2014 ވަނަ އަހަރުގެ މާޗް މަހު މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުން ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. ބޯޓް ގެއްލުނުއިރު އޭގައި 239 މީހުން ތިއްބެވެ.

އިންޑިއާ ކަނޑުގައި އޮތް ރީޔޫނިއަން އިން ބޯޓްގެ ފިޔަގަނޑުގެ ބައިގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާއިރު މި ބޯޓް މި ސަރަހައްދަށް ވެއްޓިފައި ވެދާނެ ކަމުގެ ރިޕޯޓްތަކެއް ކުރިން ވެސް ފެތުރުނެވެ. އަދި ވަކިން ހާއްސަކޮށް ދ. ކުޑަހުވަދޫ މީހުންނަށް "ފެނުނު މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓާ ވައްތަރު ބޯޓް" ގެ ސަބަބުން އެ ވާހަކައިގެ އަޑު ވެސް ގަދަވި އެވެ.

ނަމަވެސް އެންމެފަހުން ކުޑަހުވަދޫ މީހުންނަށް ފެނުނު ބޯޓް އެއީ މެލޭޝިއާ އެއާލައިންގެ ގެއްލުނު މަތިންދާބޯޓަށް ނުވާނެ ކަމަށް ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކާއި މެލޭޝިއާގެ ބޯޓް ހޯދުމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވެސް ވަނީ ނިންމައިފަ އެވެ.

އެންމެފަހުން ރީޔޫއަން އިން ފްލައިޓެއްގެ ފިޔަގަނޑުގެ ބައެއް ފެނިފައިވާއިރު ތަޖުރިބާކާރުން ބުނަނީ އެމްއެޗް370ގެ ފިޔަގަނޑުގެ ބަޔަކާ މީތި ނިކަން ވައްތަރު ކަމަށެވެ. އަނެއްކޮޅުން ގެއްލުނު މަތިންދާބޯޓަކީ ބޮއިން 777 މަރުކާގެ ބޯޓަކަށްވާއިރު ރީޔޫނިއަން އިން ފެނުނު ފިޔަގަނޑުގެ ބަޔަކީ ވެސް ބޮއިން 777 ގެ ފްލައިޓެއްގެ ބައެއް ކަމަށް ތަޖުރިބާކާރުން އިއްތިފާގުވެ އެވެ.

ރީޔޫނިއަން އަކީ މަޑަގަސްކަރުގެ އިރުމަތީ ބިތުން ގާތްގަނޑަކަށް 600 ކިލޯމީޓަރު ދުރުގައި އޮންނަ ޖަޒީރާ ރަށެކެވެ. ފްރާންސްގެ ބާރުގެ ދަށުގައި އޮންނަ މި ރަށުން ފެނުނު ފިޔަގަނޑުގެ ބައިގެ ދިގު މިނުގައި ހަ ފޫޓް އެބަހުއްޓެވެ.

ރީޔޫނިއަން އިން ފެނުނު ފްލައިޓްގެ ފިޔަގަނޑުގެ ބައި އެމްއެޗް370 ގެ ބަޔަކަށް ވެދާނެ ކަމަށް ލަފާކުރެވޭ އަނެއް ސަބަބަކީ މި ސަރަހައްދަށް މީގެ ކުރިން ފްލައިޓްތަކެއް ވެއްޓިފައިވިޔަސް ބޮއިން 777 މަރުކާގެ ބޯޓެއް ވެއްޓިފައިނުވާތީ އެވެ.

ނަމަވެސް މެލޭޝިއާ އެއާލައިނުން ބުނެފައި ވަނީ ރީޔޫނިއަން އިން ފެނިގެން އުޅެނީ އެމީހުންގެ ގެއްލުނު މަތިންދާބޯޓްގެ ބައެއް ކަމަށް ނިންމަން އަދި މާ އަވަސް ކަމަށެވެ.