ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންޓް ޔުނިޓް (އެފްއައިޔޫ) އިން ބޭއްވި ބައްދަލުވުންތަކެއްގައި އެސްއޯއެފް އެކައުންޓުން ހިންގި މުއާމަލާތްތައް ހުއްޓުވަން އެއެމްއޭގެ ކުރީގެ އެސިސްޓަންޓް ގަވަރުނަރު ނީޒާ އިމާދު ލަފާ ދެއްވި ކަމަށް އެ ބޭންކުން ބުނި ނަމަވެސް އެފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ބީއެމްއެލް އިން ބުނެފައިވަނީ އެސްއޯއެފްގެ އެކައުންޓް ވަގުތީ ގޮތުން ހިފަހައްޓައި، އެފްއައިޔޫއަށް 2014 ގައި ރިޕޯޓު ކުރި ކަމަށެވެ. ނަމަވެސް އެ މުއާމަލާތްތައް ބޭންކަށް ނުހުއްޓުވޭނެ ކަމަށާއި މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް އެފްއައިޔޫގެ ހިންގުމާ ހަވާލުވެ ހުންނެވި ނީޒާއާއި އެފްއައިޔޫގެ ވެރިޔާ އާތިފް ޝަކޫރު ލަފާ ދެއްވި ކަމަށް ޔާމީން ވިދާޅުވެފަ އެވެ.
އާތިފާއި ނީޒާ އެ ގޮތަށް އެންގެވިކަން ސާބިތު ކޮށްދެވޭނެތޯ މެންބަރަކު ސުވާލު ކުރެއްވުމުން ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލާގައި އެފްއައިޔޫއާއެކު މުއާމަލާތް ކުރީ ފޯނު މެދުވެރިކޮށް ކުރެއްވި މުއާމަލާތްތަކެއްގެ އިތުރުން ބޭއްވި ދެ ބައްދަލުވުމެއްގައި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ކަމަށް ބުނެ ބޭންކް އިން ވަނީ ޔައުމިއްޔާތަކެއް ވެސް މަޖިލީހަށް ފޮނުވާފަ އެވެ.
ބީއެމްއެލްއިން ފޮނުވި ޔައުމިއްޔާތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ސުވާލު ކުރެއްވުމުން ނީޒާ ވިދާޅުވީ އެފްއައިޔޫގެ އެއްވެސް ކަމަކާ ގުޅިގެން ބީއެމްއެލްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާނެ ކަމަށެވެ. ބައިވެރިވެވަޑައިގެންނެވިނަމަ ވެފައި ވާނީ ބޭންކް ސުޕަވިޝަންގެ ކަންކަމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ނީޒާ ވިދާޅުވީ ބީއެމްއެލް އިން ހިއްސާކޮށްފައިވާ ޔައުމިއްޔާތަކަކީ އަސްލެއް ނޫން ކަމަށެވެ. އަދި އެ ޔައުމިއްޔާތަކުގައި އޭނާ ދެއްކި ވާހަކަތައް ކަމުގައި ފާހަގަކޮށްފައިވާ ބައްދަލުވުމުގެ ޔައުމިއްޔާއަކީ "މީހަކު ނޯޓު ފޮތެއްގައި ނޯޓުކޮށްފައިވާ ނޯޓުތަކެއް" ގެ ގޮތުގައި ނީޒާ ސިފަ ކުރެއްވި އެވެ.
"ތިއީ ނުބާއްވާ ޖަލްސާއެއް ނޫނީ ބައްދަލުވުމެއްގެ މިނެޓްސްތަކެއް، އަޅުގަނޑަށް ހީވަނީ ތީއީ މިނެޓްސްއެއް ވެސް ނޫން ހެން، ތިއީ މީހެއްގެ ނޯޓު ފޮތުގައި ނޯޓު ކޮށްފައިވާ އޮތް ނޯޓުތަކެއް، އެއީ އެ ވާހަކަތަކަކީ އަޅުގަނޑު ފޯނު މެދުވެރިކޮށް ދެއްކި ވާހަކަތަކެއްވީމަ،" ނީޒާ ވިދާޅުވި އެވެ.
ބައްދަލުވުންތަކުގެ ޔައުމިއްޔާގައި އެމްއެމްއޭގެ ފަރާތުން އެއްވެސް ބޭފުޅެއް ސޮއިކޮށްފައި ނެތް ކަން ވެސް މަޖިލިސް މެންބަރުން ފާހަގަކުރެއްވި އެވެ.
"ލަދާ ދިނީ ބޭންކްގެ އެތެރޭގެ ސިޔާސަތުތަކަށް އަމަލު ކުރަން"
މިއަދުގެ ކޮމިޓީގައި ނީޒާ ވަނީ ބީއެމްއެލްގެ އިސްވެރިންނާއެކު ފޯނު މެދުވެރިކޮށް ކުރެއްވި މުއާމަލާތްތަކުގެ ތަފުސީލު ދެއްވާފަ އެވެ. ނީޒާ ފާހަގަކުރެއްވި ގޮތުގައި އެފްއައިޔޫއާ އޭނާ ހަވާލުވެ ހުންނެވި މަދު ދުވަސްތަކުގައި އޭނާ ދެއްވި ހަމައެކަނި ލަފައަކީ ބޭންކްގެ އެތެރޭގެ ސިޔާސަތުތަކާއި ހެދިފައިވާ ގަވާއިދުތަކަށް އަމަލު ކުރުމަށް ކަމަށެވެ.
ބީއެމްއެލްއާއެކު ކުރި މުއާމަލާތްތައް ހާމަކުރައްވަމުން ނީޒާ ވިދާޅުވީ ނޮވެމްބަރު 27، 2014 ގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ފޯނުން ގުޅުއްވި ކަމަށެވެ. އެ ގޮތުން ބޭންކްގެ ކަސްޓަމަރެއް ވަރަށް ބޮޑު އަދަދެއްގެ ފައިސާ ނަގަން އައިސް ހުރި ކަމަށާއި އެ ކަމުގެ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓު (އެސްޓީއާރް) އެއް ފޮނުވާފައިވާ ކަމަށް ޝަރީފު ވިދާޅުވި ކަމަށް ނީޒާ ހާމަ ކުރެއްވި އެވެ.
އެ ކަމާ ގުޅިގެން އޭރު އެފްއައިޔޫގައި ހުންނެވި އެންމެ އިސް މުވައްޒަފު، އަބްދުﷲ އަޝްރަފްއާ ބައްދަލު ކުރެއްވި ކަމަށް ނިޒާ ވިދާޅުވި އެވެ. އަދި އަޝްރަފްއާ މަޝްވަރާ ކުރައްވައި ފޯނު މެދުވެރިކޮށް ގުޅުއްވައި ބީއެމްއެލްގެ ގަވާއިދުތަކާ އެއް ގޮތަށް އަމަލު ކުރުމަށް އެންގެވި ކަމަށެވެ. ނީޒާ ވިދާޅުވި ގޮތުުގައި އެފްއައިޔޫގެ ހިންގުމާ ވަގުތީ ގޮތުން އޭނާ ހަވާލުވެ ހުންނެވި ނަމަވެސް ނިންމުންތައް ނިންމަނީ އަޝްރަފުގެ ލަފައާ އެކުގަ އެވެ.
"އަޝްރަފަކީ އެފްއައިޔޫގެ ވެރިޔާއަށް ފަހު އެންމެ އިސް މުވައްޒަފަށްވެ، އެންމެ ގިނަ ތަމްރީންތައް ހޯއްދެވި، އަދި ގާނޫނީ ވަކީލަކަށް ވެސް ވާތީ އެފްއައިޔޫ އޭރު ހިންގަމުން ގެންދިޔައީ އޭނާގެ ވެސް ލަފާގެ މަތިން. އަޝްރަފު ލަފާ ދެއްވީ ބީއެމްއެލްއަށް ގުޅުއްވައި އަންގަވަން ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރަށް ބޭންކްގެ އެތެރޭގެ ސިޔާސަތުތަކަށް އަމަލު ކުރުމަށް،" ނިޒާ ވިދާޅުވި އެވެ.
ނީޒާ ވިދާޅުވި ގޮތުގައި ބޭންކުން އެސްޓީއާރު ފައިލް ކުރީ ފައިސާގެ މުއާމަލާތް ހިންގުމުގެ ކުރިންނެވެ. އަދި ވިދާޅުވީ ގާނޫނުގައިވާ ގޮތުން، ބޭންކެއް މެދުވެރިކޮށް މުއާމަލާތެއް ހިނގައި ނިމޭ ފަހުން އެ މުއާމަލާތެއް ހުއްޓުމުގެ ބާރެއް ނޯންނަ ކަމަށެވެ. އެމްއެމްއާއަށް ހުއްޓުވެނީ މުއާމަލާތެއް ހިންގުމުގެ ކުރިން 72 ގަޑިއިރަށް ކަމަށް ނީޒާ ފާހަގަކުރެއްވި އެވެ.
"ދެން އެކައުންޓެއް އެކްޓިވޭޓް ކުރަން އެންގި ކަމަށް. އެމްއެމްއޭގެ ފަރާތުން ދުވަހަކު ވެސް އޭރު ނޯންނާނެ އެކައުންޓެއް އެކްޓިވޭޓް އިންއެކްޓިވޭޓް ކުރަން ބޭންކަށް އަންގާފައެއް. އަދި އެމްއެމްއޭއަށް އެފަދަ ބާރެއް ނުވެސް އޮންނާނެ. ބޭންކް އެކައުންޓެއް ފްރީޒްކޮށް އަންފްރީޒް ކުރެވޭނީ ވެސް ކޯޓު އަމުރެއްގެ ދަށުން،" ނީޒާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެ އެސްޓިއާރާ ގުޅިގެން ފުރަތަމަ އެނަލިސިސްޓް ރިޕޯޓް ނިންމެވި ކަމަށް އަޝްރަފު އެންގެވި ކަމަށާއި ނަމަވެސް އެ މަސައްކަތާއެކު ކުރިއަށް ދިއުމަށް ނީޒާ ލަފާ ދެއްވީ އާތިފް ޝަކޫރު ވަޑައިގަތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން އެ އެސްޓީއާރުގެ އެއްވެސް ކަމެއްގައި އޭނާ ނޫޅުއްވާ ކަމަށާއި އެ ކަމުގައި ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނީ ވެސް އާތިފް ކަމުގައި ދެންނެވި ކަމަށް ނީޒާ ވިދާޅުވި އެވެ.
އެ ހުރިހާ ތަފުސީލުތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ނީޒާ މިދިޔަ އަހަރު ދެއްވި ބަޔާނުގައި ދެއްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭސީސީއަށް ބަޔާން ދެއްވަން ވަޑައިގެންނެވި ދުވަހު ވެސް އޭނާ ހާޒިރު ކުރީ ތުހުމަތެއް ކުރެވިގެން ނޫން ކަމަށް ނީޒާ ވިދާޅުވި އެވެ.
ނީޒާގެ އިތުރުން އެފްއައިޔޫގެ) ކުރީގެ ވެރިޔާ އާތިފް ޝަކޫރު ވެސް މިހާރު ގެންދަވަނީ މާލިއްޔާތު ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
އާތިފް އެފްއައިޔޫގެ ހެޑްގެ ގޮތުގައި މަސައްކަތް ކުރީ 2014 ވަނަ އަހަރު ނޮވެމްބަރުން ފެށިގެން 2015 ވަނަ އަހަރުުގެ ޖޫން މަހާ ހަމަޔަށެވެ. އެ މުއްދަތުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ތެރޭގައި ހިނގާފައިވާ ހިޔާނާތުގެ ކަންކަން އެ ޔުނިޓުގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި ނަމަވެސް އެކަން ބެލުމަށް އިހުމާލުވެފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ބައިވެރިވެރި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް އެ މައްސަލާގައި އެސްއޯއެފް އަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފަ އެވެ.