އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ޖަމާވި އެސްއޯއެފް އެކައުންޓްތައް މެދުވެރިކޮށް ހިންގި ޝައްކުކުރެވޭ މުއުމާލާތްތަކުގެ ތެރެއިން ބީއެމްއެލް އިން ރިޕޯޓް ކުރީ އެންމެ މުއާމަލާތެއް ކަމަށާއި އެ މުއާމަލާތުގެ ކުރިން ވެސް އެ އެކައުންޓްތައް މެދުވެރިކޮށް ސުވާލު އުފެދޭ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް އެމްއެމްއޭގެ ފިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބީއެމްއެލްގެ އިސް ބޭފުޅުން މީގެ ކުރިން ވިދާޅުވީ އެސްއޯއެފްގެ އެކައުންޓް ވަގުތީ ގޮތުން ހިފަހައްޓައި، އެފްއައިޔޫއަށް އެ މުއަމާލާތާ ގުޅިގެން ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އެއް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެ މުއާމަލާތްތައް ބޭންކަށް ނުހުއްޓުވޭނެ ކަމަށާއި މުއަމާލާތްތައް ކުރިއަށް ގެންދިއުމަށް އާތިފްއާއި އޭރު އެފްއައިޔޫ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ނީޒާ އިމާދުގެ އިތުރުން އާތިފް ވެސް ލަފާ ދެއްވި ކަމަށް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ބީއެމްއެލްއިން ކުރި ތުހުުމަތާ ގުޅިގެން ޖާވާބުދާރީވެވަޑައިގަތުމަށް ފުރުސަތެއް ދެއްވުމަށް އާތިފް އެދިވަޑައިގަތުމުން މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެސްއޯއެފް އެކައުންޓްތައް މެދުވެރިކޮށް ބޮޑެތި އަދަދުތަކުގެ ފައިސާއިން ހިންގީ އެންމެ މުއާމަލާތެއް ނޫން ކަމަށެވެ.
ނަމަވެސް ބީއެމްއެލްއިން ރިޕޯޓު ކުރީ ނޮވެމްބަރު 27، 2014 ގައި އޭގެ ދެ ދުވަސް ކުރިން ހިންގި މުއާމަލާތާ ގުޅިގެން އެކަނި ކަމަށެވެ. އަދި ވިދާޅުވީ އޭގެ ކުރިން އެސްއޯއެފް އެކައުންޓްތައް މެދުވެރިކޮށް ސުވާލު އުފެދޭ ވަރުގެ ބޮޑެތި އަދަދުތަކުގެ ފައިސާގެ މުއަމަލާތްތައް ކޮށްފައިވާ ކަން އެފްއައިޔޫއިން ކުރި ދިރާސާތަކުން އެނގިގެން ދިޔަ ކަމަށެވެ.
"އަޅުގަނޑަށް އޭރު ފެނުނު ފެނުމުގައި ޖޫން 2014 އިން ފެށިގެން މި މުއާމަލާތްތައް އެސްއޯއެފުން ހިންގި. ރިޕޯޓު ކުރި މުއަމާލާތް ހިންގި ދުވަހު ވެސް އެހެން މުއާމަލާތެއް ހިންގި، އެ ގޮތުން 10 މިލިއަން ރުފިޔާ އެއިން އެކައުންޓަކުން ނަގާފައިވޭ. އަދި ރިޕޯޓު ކުރި ދުވަހުގެ ހެނދުނު ވެސް މުއާމަލާތެއް ހިންގި، ރިޕޯޓުކޮށްފައެއް ނުވޭ،" އާތިފް ވިދާޅުވި އެވެ.
އެސްއޯއެފްގެ އެކައުންޓްތައް މެދުވެރިކޮށް ހިނގި އެހެން މުއާމަލާތްތައް ރިޕޯޓު ނުކޮށް، ހަމައެކަނި އެ ދުވަހު ހިނގި އެންމެ މުއާމަލާތެއް ބީއެމްއެލް އިން ރިޕޯޓު ކުރަން ޖެހުނު ސަބަބާ މެދު އާތިފް ސުވާލު އުފެއްދެވި އެވެ.
"އެ ދުވަހު ބީއެމްއެލް އިން ރިޕޯޓު ކުރީ ކޮން މަގަކުން އެ މުއާމަލާތް ކޮށްގެން ކަމެއް ދަންނަވަން ނޭނގޭ، ބީއެމްއެލްގައި އެސްއޯފްގެ ހަތަރު ނޫނީ ފަސް އެކައުންޓް އޮތްއިރު، ކޮންމެ އެކައުންޓަކުން އެތައް މުއަމާލަތެއް އެ ގޮތަށް ހިންގިއިރު، އެންމެ އެކައުންޓަކުން ކުރި އެންމެ މުއާމަލާތެއް ރިޕޯޓު ކުރަންވީ ކީއްވެ ކަމެއް އަޅުގަނޑަކަށް ނޭނގެ،" ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިން އެ މައްސަލާގައި ނަގަން ޖެހޭ ޒިންމާ ނަގާފައި ނުވާ ކަން ޔަގީންވާ ކަމަށް އާތިފް ވިދާޅުވި އެވެ. އެ ގޮތުން ރަނގަޅު ސޯސްއަކުން އަންނަ ފައިސާކަން ކަށަވަރުނުކޮށް ބޭންކިން ނިޒާމުގެ ތެރެއަށް ފައިސާ ވައްދާ ބޭންކް ވެސް ކުށްވެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ރަނގަޅު ސޯސްއަކުން އަންނަ ފައިސާކަން ކަށަވަރު ނުކޮށް ބޭންކިން ސިސްޓަމްގެ ތެރެއަށް އެ ފައިސާ ވައްދާ ބޭންކް ވެސް ކުށްވެރިވާނެ، މިއީ ކޮން ގޮތަކުން އަންނަ ފައިސާކަން ނޭނގޭ ކަޅު ފައިސާ ވަންނަ އެކައުންޓްތައް ހިފެހެއްޓުމަކީ ބޭންކިން އުސޫލުގައި އޮންނަ މުހިންމު ކަމެއް،" އާތިފް ވިދާޅުވި އެވެ.
ނަމަވެސް، ބީއެމްއެލް އިން ބުނެފައިވަނީ އެފްއައިޔޫއަށް އެސްއޯއެފްގެ މުއާމަލާތެއް ރިޕޯޓްކުރީ އެންޓި މަނީލޯންޑަރިންގް ގާނޫނަށް އަމަލުކުރަން ފެށުމާގުޅިގެން ކަމަށެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ އޮކްޓޯބަރު 2014 ގަ އެވެ. އަދި ބީއެމްއެލްއިން އެސްއޯއެފްގެ އެސްޓީއާރު އާތިފް އިސްކޮށް ހުންނެވި އެފްއައިޔޫއަށް ފޮނުވާފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހެވެ. ނަމަވެސް، އެސްޓީއާރު ލިބުނުކަން ފިޔަވައި އޭގެ ފަހުން އެކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅަން އެފްއައިޔޫއިން އަންގާފައިނުވާ ކަމަށެވެ.
އަދި އޭގެ ފަހުން އެސްއޯއެފުން ކުރި އެހެން މުއާމަލާތެއް ރިޕޯޓު ނުކުރީ އެ ކުންފުންޏާގުޅޭ ސްޓޭންޑިންގް އެސްޓީއާރެއް އޮތުމުން ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ ބީއެމްއެލް އިން ފޮނުވި އެސްޓީއާރު ދިރާސާކޮށް 31 ޑިސެމްބަރު 2014 ގައި އެފްއައިޔޫއިން ތައްޔާރުކޮށްފައިވާ އެނަލިސިސް ރިޕޯޓްގައި މަނީ ލޯންޑަރިންގް އަށް ތުހުމަތު ކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިވެ އެވެ. ނަމަވެސް، އޭރުވެސް އެ ޔުނިޓުން އެކަމާގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، އޭގެ ފަހުން އެ ރިޕޯޓް 06 އެޕްރީލް 2015 ގައި ފައިނަލް ކުރުމަށްފަހު، އާތިފް އިސްވެ ހުންނަވައި، އެ ރިޕޯޓް ތަހުގީގީ އިދާރާއަކަށް ނުފޮނުވަން ނިންމި ކަމަށް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް އާއި ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމްއާއެކު އެފްއައިޔޫގެ އިސްވެރިން ބައްދަލު ކުރައްވައި، ގާނޫނުން އެ މުއާމަލާތްތައް ހިންގުން މަނާ ނުވާ ކަމަށާއި އެ އެކައުންޓްތައް ހިފަހައްޓައިގެން ނުވާނެ ކަމަށް އާތިފް އެންގެވި ކަމަށް ބޭންކުން މަޖިލީހަށް ފޮނުވި ލިޔެކިޔުންތަކުގައިވާ ކަމަށް މެންބަރުން ފާހަގަކުރެއްވި އެވެ.
އެކަމާ ގުޅިގެން އާތިފް ވިދާޅުވީ ދެ ބޭފުޅުން ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އެފްއައިޔޫއިން ބީއެމްއެލްގެ އިސް ބޭފުޅުންނާއެކު ބައްދަލު ކުރެއްވި ހަނދާން އޭނާ ނުވާ ކަމަށާއި އަދި އެސްއޯއެފްގެ މުއާމަލާތްތައް ކުރިއަށް ގެންދަން ލަފާ ދެއްވާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް އެކައުންޓެއްް ހިފަހައްޓައިގެން ނުވާނެ ކަމަށް ވިދާޅުވެފައިނުވާނެ ކަމަށް ވިދާޅުވި އެވެ.
"ކަނޑައެޅިގެން ދޮގެއް އެއީ، ނޯންނާނެ އެއްވެސް އެކައުންޓެއް ހިފަހައްޓަން ޖެހޭނެއޭ ހިފަހައްޓައިގެން ނުވާނެއޭ ވެސް ދަންނަވާފައެއް، އެކަހަލަ އެންގުންތައް އެންގޭނެ ތަނެއް ވެސް ނޫން އެފްއައިޔޫއަކީ." އާތިފް ވިދާޅުވި އެވެ.
ފުލުހަށް މައްސަލަ ހުށަނޭޅުނީ ވެށި އޮތް ހާލަތުން
އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ނުފޮނުވީ ކީއްވެގެންތޯ މެންބަރުން ސުވާލު ކުރެއްވުމުން އާތިފް ވިދާޅުވީ އެ މުއާމަލާތް ރިޕޯޓު ކުރުމާ ގުޅިގެން އެ މައްސަލަ ވަގުތުން ބަލައިދިނުމަށް އެދި ފުލުހުންނަށް ފޮނުވަން ލިޔުމެއް ތައްޔާރު ކުރެއްވި ކަމަށެވެ.
ނަމަވެސް މިހާރު އެ ލިޔުން އޭނާ އަތުގައި ނެތް ކަމަށާއި ނަމަވެސް އޭސީސީގައި އެ ލިޔުން އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތުން އީމެއިލް މެދުވެރިކޮށް އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ފޮނުވި އީމެއިލް އޭސީސީން މައްސަލަ ތަހުގީގު ކުރި ދުވަސްވަރު އޭނާއަށް ދައްކައި އެ ލިޔުމާ މެދު ސުވާލު ކުރި ކަމަށެވެ.
"އަޅުގަނޑު ހަނދާން އެބަހުރި މި މުއާމަލާތާ ގުޅިގެން ފުލުހުންނަށް ފޮނުވަން އަޅުގަނޑު ލިޔުމެއް ތައްޔާރު ކުރަމުން ދިޔައީ.
އެފްއައިޔޫގައި އިންނާނެ އެސްޓީއާރު ތަހުގީގުކޮށް ފުލުހަށް ފޮނުވާ ފޯމެޓެއް، އެ ފޯމެޓުގައި އަޅުގަނޑު ތައްޔާރު ކުރި ލިޔުމެއް އެއީ، އަޅުގަނޑު ލިޔެފައިވާނެ ވަގުތުން މައްސަލަ ބަލަން ފުލުހަށް ފޮނުވަނީއޭ،" އާތިފް ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހަށް ހުށަހަޅަން ލިޔުމެއް ތައްޔާރުކޮށްފައި ވެސްް މައްސަލަ ފުލުހަށް ހުށަނޭޅީ މައްސަލަ އިތުރަށް ދިރާސާ ކުރަން ގަވަރުނަރު އަޒީމާ ލަފާ ދެއްވުމުން ކަމަށް އާތިފް ވިދާޅުވި އެވެ. އެ ގޮތަށް އަމަލު ކުރައްވަން ޖެހުނީ "އެ ދުވަސްވަރު ވެށި ހާލަތު އޮތް ގޮތުން" ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ގަވަރުނަރުގެ ފަރާތުން އެއްވެސް ނުފޫޒެއް އައިސްފައިނުވާ ކަމަށް އާތިފް ވިދާޅުވި އެވެ.
ފަހުން މަގާމުން އިސްތިއުފާ ދެއްވީ ވެސް އޭނާ އަދާ ކުރައްވާ މަގާމުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރެވޭނެ މާހައުލު އެ ދުވަހު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގޮތަށް ގަބޫލު ކުރެއްވި ސަބަބަކީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ބައެއް ބޭފުޅުންނަށް ވެގެން ދިޔަ ގޮތް ފެނިވަޑައިގަތުމުން އެ ގޮތަށް އޭނާއަށް ވާން ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ.
އާތިފް އިޝާރާތް ކުރެއްވީ ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމާއި އެސްއޯއެފް އެކައުންޓްތަކުގެ މުއާމަލާތްތަކުގެ ލިޔެކިޔުންތައް ސޯޝަލް މީޑިއާގައި ލީކުކޮށްލި ފ. ނިލަންދޫ ބްރާންޗްގެ އޭރުގެ މެނޭޖަރު ގާސިމް އަބްދުލްކަރީމްގެ ވާހަކަ އެވެ.
"އަޅުގަނޑު ޑިނައިއެއް ނުކުރަން ގާނޫނުގައި އަޅުގަނޑަށް އެ ބާރު ލިބިފައި ނޯންނަ ކަމަކަށް. އެކަމަކު އެ ވެއްޓަކު ނެތޭ އެ މަގާމު އަދާ ކުރެވޭނެ ވަރުގެ ހަލާތެއް، އަޅުގަނޑަށް ފެނުނު އެ ކަނޑަށް ކުރިމަތިލި ބޭފުޅުންނަށް ވެގެން ދިޔަ ގޮތް، އެ ހާލަތު އަޅުގަނޑަށް ތަނެއް ނުދެއޭ،" އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގި ހިޔާނާތަކީ ހަމައެކަނި ބީއެމްއެލް ތެރެއިން ހިނގި ކަމެއް ނޫން ކަމަށެވެ. އެ ގޮތުން އެހެން ބައެއް ބޭންކްތަކާއި އެހެން އިދާރާތަކުގެ ބައިވެރިވުން ވެސް މިކަމުގައި އޮންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކުރި ކަން އާތިފް ފާހަގަކުރެއްވި އެވެ.