ކުޅިވަރު

ރާއްޖެ އާއި ލަންކާ މެޗަށް ވ. އަތޮޅުން ދަތުރު ހިލޭ

ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތަށް ތައްޔާރުވާ ގައުމީ ޓީމު، ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު ބަލަން ވ. އަތޮޅުން އަންނަން ބޭނުންވާ ރައްޔިތުންނަށް ދަތުރު ހިލޭ ހަމަޖައްސަވައި ދެއްވާނެ ކަމަށް ޔޫތު ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރާއްޖެއަށް ދަތުރު ކުރަން ހަމަޖެހިފައިވާ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ސޯޝަލް ސެންޓަރުގަ އެވެ. ލަންކާގެ މެޗާ ބެހޭގޮތުން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު މިއަދު މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ލަންކާ އާ ދެކޮޅަށް ކުޅޭ މެޗުގައި ސޯޝަލް ސެންޓަރު ފުރާލަން ބޭނުންވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ ވ އަތޮޅުގެ ކޮންމެ ރައްޔިތަކާ ބައްދަލު ވިނަމަވެސް، ވޮލީ ގައުމީ ޓީމުގައި ވ އަތޮޅު ކުޅުންތެރިން ގިނަ ވުމުން ފަހްރުވެރި ކަމާއެކު އެ ވާހަކަ ދައްކާ ދައްކާ ކަމަށެވެ.

"ވ އަތޮޅު މީހަކު ފެންނަ އިރަށް ބުނޭ ތިމަންނަމެންގެ ކުޅުންތެރިންނޭ މުޅިންހެން އުޅޭނީ ގައުމީ ޓީމުގައި،" މިނިސްޓަރު ވާހަކަ ދެއްކެވި އެވެ. "އަޅުގަނޑު ބައެއް ބޭފުޅުން ކައިރީގައި މިހާރު ބުނެފިން ވ އަތޮޅުން ވޮލީއަށް ހުރި ފޯރި އެނގޭނެޔޭ ވ އަތޮޅުން މާލެއަށް މި މެޗު ބަލަން އަންނަން ތިބި މީހުން ފެނުނީމަ، އިރާދަ ކުރެއްވިއްޔާ ވ އަތޮޅުން އަންނަން ތިބި މީހުންނަށް އަޅުގަނޑުމެން ދަތުރުވެސް ހަމަޖައްސައި ދޭނަން."

މި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި މަހު 25 ގެ ނިޔަލަށް ނޭޕާލްގައި ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖޭގެ މިފަހަރުގެ ޓާގެޓަކީ ޗެމްޕިއަންކަން ހޯދުމެވެ.

ގައުމީ ޓީމުގެ ކޯޗް މުހައްމަދު ސާޖިދު (ބޮޑުކާއްޓޭ) ބުނީ، ކޮންމެ މުބާރާތަކަށް ދިޔަ ކަމުގައި ވިޔަސް މެޑަލް ނޫން އެއްޗެއް މިހާރު ދިވެހިން ބޭނުން ނުވާ ކަމަށާއި ކުޅުންތެރިންވެސް ތިބީ އެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މުބާރާތަކަށް ދިޔަޔަސް ޓީމު އޮންނަނީ އެގޮތަށް ތައްޔާރުވެފައި،" ބޮޑުކާއްޓޭ ބުންޏެވެ. "ދެން ނަތީޖާ އަކީ ކުޅެ ނިމުނީމަ ނުކުންނަ އެއްޗެއް... މި މުބާރާތުގެ ކުރިން ވަރަށް ރަނގަޅު އެތައް ބައިވަރު ފުރުސަތެއް ލިބިފައި މިއޮތީ، އެހެންވީމަ ސަރުކާރުންނާއި މިނިސްޓަރު [މަހްލޫފް] އެ ކޮށްދެއްވާ ކަންތައްތަކުން މިހާރު އަޅުގަނޑުމެން ކޮޅުގައި ބޯޅަ މިއޮތީ."

ގައުމީ ޓީމުގެ އާ ކެޕްޓަން އަލީ ހުޒާމް (ހުޒާންޓޭ) ބުނީ ވޮލީ ޓީމުގެ އަމާޒަކީ ސެންޓަރަލް ޒޯން ގެ ވޭތުވެދިޔަ ދެ މުބާރާތުގެ ތަޖުރިބާއިން މުބާރާތުގައި ކާމިޔާބު ހޯދައި ރާއްޖޭގެ ވޮލީ އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށެވެ.