ވިޔަފާރި

ފުރަވެރި ރިސޯޓުގައި އިންޑިއާ ކައިވެނީގެ ބޮޑު ހަފްލާއެއް

Aug 8, 2019
4

ފުރަވެރި ރިސޯޓުގައި ފުރަތަމަ ފަހަރަށް އިންޑިއާ ކައިވެނީގެ ބޮޑު ހަފުލާއެއް ބާއްވައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ޓީޓީއެމްގައިވާ ގޮތުން ފުރަވެރި ރިސޯޓުގައި ބޭއްވި "ގްރޭންޑް އިންޑިއަން ވެޑިން" އަކީ މިގޮތަށް ރާއްޖޭގައި ބޭއްވި އިންޑިއާގެ ރަމްޒީ ކައިވެނީގެ މި ފަދަ އެންމެ ބޮޑު ހަފުލާ އެވެ. މި ހަފުލާގައި ބައިވެރިވުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅު ތަކުން 300 އެއްހާ މީހުން ވަނީ ރާއްޖެ އައިސްފަ އެވެ.

މި ހަފުލާއަށް ފުރަވެރި ރިސޯޓަށް އައި މި މީހުންނަށް ވަނީ އިންޑިއާގެ ސަގާފީ ކުލަތަކާއި އެ ގައުމުގެ ސަގާފީ ކައިވެނިތައް އޮންނަ ގޮތަށް ހަފުލާއެއް އިންތިޒާމުކޮށްދީފަ އެވެ. ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށްޓަކައި އިންޑިއާގެ އެކި ސިޓީތަކާއި ޔޫރަޕު އަދި އެމެރިކާގެ އެކި ހިސާބު ތަކުން ވެސް ރިސޯޓަށް މީހުން އައިސްފައިވެ އެވެ.

ތިން ދުވަހަށް ކުރިއަށް ގެންދިޔަ ހަފުލާގައި އިންޑިއާގެ ކައިވެނީގެ ހަފުލާތަކުގައި އޮންނަ ގޮތަށް ސަގާފީ އެކި ކުޅިވަރުތައް ބާއްވާފައިވެ އެވެ. މި ހަރަކާތް ކުރިއަށް ގެންދިޔައީ މުޅިރަށް އެއްކޮށް މި ކަމަށް ހާއްސަކޮށްގެންނެވެ. އަދި މިއީ މިގޮތަށް ރާއްޖޭގައިވެސް ބޭއްވި އެންމެ ބޮޑު އެއް ހަފުލާއެވެ.

އިންޑިއާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ފަސް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި އަހަރު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ބޮޑުތަން އިތުރުވެގެން ގޮސްފައިވާއިރު، މި އަހަރުގެ މިހާތަނަށް އިންޑިއާ އިން 82,140 އައިސްފައިވެ އެވެ.