ދެހާސް ފަނަރަ ވަނަ އަހަރު ބޭއްވި މޭޑޭ ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ޖަލަށްލީ އަބްދުﷲ ރަޝީދު ޖަލުގައި ހުކުމް ތަންފީޒުކުރަމުންދަނިކޮށް މަރުވި މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިހުމާލުވެފައިވީ ނަމަވެސް، އެކަން ސާބިތު ކުރެވޭ މިންވަރަށް ހެކިނެތް ކަމަށް ބުނެ ދައުވާކޮށްނުދިންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
އަބްދުﷲ ރަޝީދު، 51 މަރުވި މައްސަލާގައި ގިނަ ތުހުމަތުތަކެއް ކަރެކްޝަންސްއަށް ކުރެވުމާއެކު އެޗްއާރުސީއެމުން އެ މައްސަލަ ބަލަން ފަށާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އާއިލާއިން ވެސް ވަނީ އަބްދުﷲ ރަޝީދުގެ ބޭސް ފަރުވާއަށް އިހުމާލުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި، އަބްދުﷲ ރަޝީދާއެކު ޖަލުގައި ހުރި އެހެން ގައިދީއަކު ވެސް ވަނީ މެސެޖެއް އާންމުކޮށް އަބްދުﷲ ރަޝީދާމެދު އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފި އެވެ.
އެކަމާ ގުޅިގެން އެޗްއާރުސީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަބްދުﷲ ރަޝީދު މަރުވި މައްސަލައިގައި ލިބިފައިވާ ލިޔެކިޔުންތައް ދިރާސާކޮށް އެއްކުރެވުނު މައުލޫމާތުތަކުން ކަރެކްޝަންސްއިން އިހުމާލުވެފައިވާކަން އެނގިފައިވާ ކަމަށެވެ.
އޮކްޓޯބަރު 10، 2017 ވަނަ ދުވަހު އަބްދުﷲ ރަޝީދު މަރުވިއިރު، އޭނާއަށް އެންމެ ފުރަތަމަ ފަރުވާދިނީ ޖަލުގައި ހުންނަ މެޑިކަލް ސެންޓަރުން އޭގެ ތިން ދުވަސް ކުރިންނެވެ. އެއަށްފަހު އޭނާ މަރުވުމުގެ އެއް ދުވަސް ކުރިން އައިޖީއެމްއެޗަށް ގެންދިއުމާ ހަމައަށް ޖަލުން ތިން ފަހަރު ފަރުވާ ހޯދާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެޗްއާރުސީއެމުން ބުނީ އަބްދުﷲ ރަޝީދަށް ފަރުވާ ދިނުމުގައި އެވަގުތު ޖަލުގެ މެޑިކަލް ސެންޓަރުގައި ތިބި ދެ ޑޮކްޓަރުން ވެސް ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވެފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ޑޮކްޓަރެއް ވެސް ނޫން ކަމަށް ބުނެފައިވެ އެވެ.
މާފުށީ ޖަލުގައި ސިއްހީ ފަރުވާ ދެމުންދިޔައީ ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީނުކޮށް ގާނޫނާ ހިލާފަށް ވުމުން އެކަން ހެލްތު މިނިސްޓްރީ އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސަމާލުކަމަށް ގެނައި ކަމަށެވެ. އޭގެ ފަހުން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރު ވަނީ މިދިޔަ އޯގަސްޓް މަހު ފަރުވާ ދިނުމަށް ރަޖިސްޓްރީކޮށްފައި ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.
އެހެންކަމުން ކަރެކްޝަންސްއާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި މިިދިޔަ އަހަރުގެ މެއި މަހާއި މި އަހަރުގެ ފެބްރުއަރީ މަހު ޕީޖީ އޮފީހަށް އެ މައްސަލަ ދިރާސާކުރަން ފޮނުވި ކަމަށް ބުންޏެވެ.
ނަމަވެސް އެކަމުގައި ހިމެނޭ މެޑިކަލް އޮފިސަރުންނާއި ޑިއުޓީ އޮފިސަރުން ދީފައިވާ ބަޔާންތަކުން އަބްދުﷲ ރަޝީދަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބެލެވެން ނެތްކަމަށް ޕީޖީން ނިންމާފައިވާކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
މި މައްސަލާގައި ޝާމިލްވާ މެޑިކަލް އޮފިސަރުންނާއި ޑިއުޓީ އޮފިސަރުން ދީފައިވާ ބަޔާންތަކުން މި މައްސަލާގައި އަބްދުﷲ ރަޝީދަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބެލެވެންނެތަތީއާ، އެ ފަރާތްތަކުގެ މައްޗަށް މި މައްސަލާފައި ރަސްމީ ވާޖިބު އަދާނުކޮށް ދޫކޮށްލިކަމުގެ ދައުވާއެއް ނުވަތަ އިހުމާލުގެ ދައުވާއެއް ކުރެވިދާނެ ކަމަށް ކާފީ ހެއްކާއިި ގަރީނާ ލިބިފައިނުވާ ކަމަށާއި އަދި މި މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްވެރިން އިހުމާލުވެފައިވޭތޯ ބަލާއިރު، ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސްނެތި، ސިއްހީ ހިދުމަތް ދިނުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާއިރު، މި ހާދިސާ ހިނގުމާ ހަމައަށް ކަރެކްޝަންގެ ފަރާތުން މާފުށީ ޖަލުގައި ސިއްހީ ހިދުމަތް ދިނުމަށް، ސިއްހީ ހިދުމަތް ދިނުމުގެ ލައިސަންސެއް ހޯދާފައި ނެތުމަކީ ހަމަ އެކަމުގެ މައްޗަށް ބިނާކޮށް ޖިނާއީ ކުށުގެ އުންސުރުތައް ފުރިހަމަވާ ކަމެއް ނޫން ކަމަށާއި މި މައްސަލާގައި މިހާރު ހުރި ހެއްކާ ގަރީނާއަށް ބަލާއިރު ޖިނާއީ ނިޔަތާ ގުޅޭ އެއްވެސް ކަމެއް ސާބިތުނުކުރެވޭނެތީ މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ މި ކޮމިޝަނަށް އަނބުރާ ފޮނުވައިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
އާއިލާއިން ވެސް ވަނީ އަބްދުﷲ ރަޝީދުގެ ބޭސް ފަރުވާއަށް އިހުމާލުވެފައިވާ ކަމަށް ބުނެފަ އެވެ. އަދި، އަބްދުﷲ ރަޝީދާއެކު ޖަލުގައި ހުރި އެހެން ގައިދީއަކު ވެސް ވަނީ މެސެޖެއް އާންމުކޮށް އަބްދުﷲ ރަޝީދާމެދު އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.