ކުޅިވަރު

21 އަހަރަށް ފަހު ޑިއޭގޯ ފޯލާންގެ ވަކިވުން

އުރުގުއޭ އާއި މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ފޯވަޑް ޑިއޭގޯ ފޯލާން، 21 އަހަރަށް ފަހު އުމުރުން 40 އަހަރުގައި ރިޓާޔާ ކޮށްފި އެވެ.

ވިޔަރެއާލް އާއި އެތުލެޓިކޯ މެޑްރިޑް އަދި އިންޓަމިލާން އަށް ކުރިން ކުޅުނު ފޯވަޑް ޓްވިޓާގައި މިއަދު ބުނެފައި ވަނީ، އޭނާގެ ހަޔާތުގައި އެންމެ ހިތްގައިމު ސްޓޭޖުން ފައިބައިގެން ދަނީ އެތައް ބައިވަރު ހަދާންތަކާއި އިހްސާސްތަކާއި އެކު ކަމަށެވެ.

"އެހެންނަމަވެސް އަނެއްކާވެސް އަނެއް ބޮޑު ޗެލެންޖު ފެށިގެން ދާނެ." ކުޅުން ހުއްޓާލުމަށް ފަހު ފުޓްބޯޅައިގެ ޓެކްނިކަލް ސައިޑުން މަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ފޯލާން ދިނެވެ.

އޭރު އޭނާ ކުޅެމުން ދިޔަ އުރުގުއޭގެ ކުލަބު އިންޑަޕެންޑެންޓީ ދޫކޮށް، ފޯލާން ޔުނައިޓަޑަށް 2002 ގެ ޖަނަވަރީގައި ބަދަލުވީ 6.9 މިލިއަން ޕައުންޑަށެވެ. އެހެންނަމަވެސް ޔުނައިޓަޑްގެ ޓީމަށް ފުރަތަމަ ލަނޑު ޖެހުމުގައި ސެޕްޓެމްބަރު މަހާ ހަމައަށް އޭނާ މަޑު ކުރަން ޖެހުނެވެ. ޔުނައިޓަޑަށް 98 މެޗުގައި 17 ލަނޑު ޖެހި އެވެ.

ޕްރިމިއާ ލީގްގައި ލަނޑު ޖެހުމުގައި މާ ބޮޑު ކާމިޔާބެއް ނުހޯދުނު ނަމަވެސް، ސްޕެއިންގެ ލަލީގާ އަށް ބަދަލުވެ ވިޔަރެއާލް އާއި އެތުލެޓިކޯ މެޑްރިޑްގައި ގިނަ ލަނޑުތަކެއް ޖެހި އެވެ. އުރުގުއޭގެ ގައުމީ ޓީމަށް 112 މެޗުގައި 36 ލަނޑު ޖެހި އެވެ.

ފޯލަން ވަނީ، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް އުރުގުއޭ ގެންގޮސް ދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އެ ފަހަރުގެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީވެސް އޭނާ އެވެ.