ޓެކްސްއާއި އިޖުތިމާއީ ރައްކާތެރިކަމަށް ދައުލަތުން ހޭދަކުރާ ފައިސާ އިތުރު ކުރުމާއި ނުވަތަ މަދު ކުރުމާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނީ ހަމައެކަނި ސަރުކާރުގެ ފަރާތުން ކަމަށް ކަނޑައަޅައި މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ކުރިން އޮންނަ ގޮތުން ވެސް ޓެކްސްއެއް ނެގުމަށް ނުވަތަ އުނި ކުރުމަށް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރަށެވެ. އެހެންކަމުން ޓެކްސް ފިޔަވައި ފައިސާއާ ގުޅުން ހުރި ބިލުތައް މެންބަރުންނަށް ހުށަހެޅުއްވުމަށް ހުރަހެއް ނެތެވެ.
ނަމަވެސް ދާދި ފަހުން މަޖިލީހުން ފާސްކުރި މަޖިލީހުގެ ގަވާއިދު ރިޕޯޓުގައިވާ ގޮތުން، ޓެކްސް އެއް ނަގަން ޖެހޭނެ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނިއިތުރު ކުރުމެއް ދޭން ޖެހިދާނެ ބިލެއް ހުށަހެޅޭނީ ސަރުކާރަށް އެކަންޏެވެ.
އޭގެ އިތުރުން މަޖިލިސް ޖަލްސާތަކުގެ ދައުރުތައް ބެހިގެންވާ ގޮތަށް ވެސް ބައެއް ބަދަލުތައް ގަވާއިދަށް ގެނެސްފައިވެ އެވެ. ގަވާއިދުގައި ކުރިން އޮތީ ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ނޮމެބްވަރު މަހުގެ ނިޔަލަށެވެ.
ނަމަވެސް މިހާރު ފާސްކުރި ގަވާއިދުގައިވާ ގޮތުން ދެވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިންވަނަ ދައުރު ހިނގާނީ އޮކްޓޯބަރުގެ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ކުރިން ވެސް އޮތް ގޮތަށް ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ.
ދައުލަތުގެ ފައިސާއާ ގުޅޭ ބިލުތައް ހަމައެކަނި ސަރުކާރަށް ހުށަހެޅޭ ގޮތަށް ގަވާއިދު އިސްލާހު ކުރިއިރު، ދާދި ފަހުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރަން ބައެއް މެންބަރުން ހުށަހެޅުއްވި އެވެ. ނަމަވެސް ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލުތައް ތަޅުމުން ބޭރުކޮށްލާފަ އެވެ.